ތާރީޚު

ރަޙުމަތުގެ ނަބިއްޔާ އަމިއްލަފުޅު ގެކޮޅުގައި - 4

އަބްދުﷲ ފާރޫގް ހަސަން

(11 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

އިތުރު ސާހިބާގެ ގަނޑުވަރުގައިވެސް ތަފާތު މައުޟޫޢުތަކުގައި ވާހަކަ ދެކެވެއެވެ. ބައެއްފަހަރު އެކިބޭކަނބަލުން އެކިކަހަލަ ވާހަކަވެސް ވިދާޅުވެއެވެ. ޢަރަބި ޝާޢިރުންގެ ޅެންތައްވެސް ވިދާޅުވުން އޮވެއެވެ. އެކަމަކު އެއްވެސް ވާހަކަފުޅަކީ ނުވަތަ ޅެމަކީ އިސްލާމީ އަގުތަކާ ވަޑިފަތި ވާހަކަފުޅެއް ނުވަތަ ވާހަކައެއް ނުވަތަ ޅެމެއްކަމުގައި އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަށް ފެނިވަޑައިގެންފިނަމަ ވަގުތުން މަނާކުރައްވައެވެ. އެކަމެއް މަނާކުރެއްވުމުގައި އަހުލުބައިތުންގެ ލޯބިފުޅު ހުރަހަކަށް ނުވެއެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم، أمّ المـؤمـنـين السّــيّدة خـديـجــة رضـى اللّـه عنــهــا ގެ ޙަޔާތްޕުޅުގައި ދެވަނަ ކާވެނިފުޅެއް ނުކުރައްވައެވެ. އިތުރު ސާހިބާ އެހެނިހެން އަނބިކަނބަލުންތަކެއް ޚިޔާރުކުރެއްވިފަހުން އެބޭކަނބަލުންގެ ތެރޭގައިވެސް ނުހަނު ލޯބިފުޅާއެކު خـديـجــة ގެފާނުގެ ވާހަކަފުޅު ދައްކަވައެވެ. އިތުރު ސާހިބާ އެވާހަކަފުޅު ދައްކަވާލެއް ގިނަކަމުން ހަތުރަނބީންގެ ޠަބީޢަތުގައިވާ ފަދައިން أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ގެ ހިތްޕުޅުގައި ޣީރަތު އުފެދޭގޮތްވިއެވެ. އެއްދުވަހަކު ވިދާޅުވެވިއްޖެއެވެ. "ކަލޭގެފާނު އަބަދާއަބަދު އެމުސްކުޅިޔާގެ ވާހަކަފުޅު ދައްކަވަނީ ކީއްވެގެންތޯއެވެ؟ މާތް اللّـه ވަނީ ކަލޭގެފާނަށް އެއަށްވުރެ މާރަނގަޅު އަނބިއަނބިކަނބަލުން ދެއްވައިފައެވެ." ކައުސާހިބާ އެކަމަނާގެ ވާހަކަފުޅާމެދު ހިތްޕުޅާ ހަމަނުކުރައްވައި ޙަދީޘްކުރެއްވިއެވެ. "ނޫނެކެވެ. އެއަށްވުރެ ރަނގަޅު އަނބިކަނބަލަކު އަހަންނަކަށް ނުލިބެއެވެ. މާތް اللّـه ވަނީ އެކަމަނާގެ ލޯބި އަހުރެންގެ ޠަބީޢަތުގައި ޝާމިލު ކުރައްވައިފައެވެ." (މުސްލިމު) އެހެން ރިވާޔަތެއްގައިވާގޮތުން خـديـجــة ގެފާނުގެ ހެޔޮފުޅުކަމުގެ ވާހަކަ ބަޔާންކުރެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. "އަރަހުށި

މާތް اللّـه އެކަމަނާގެ ފަރާތްޕުޅުން އަހަންނަށް ކުދީން ދެއްވިއެވެ."

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި ތިއްބަވައިގެން އެއްފަހަރަކު ބައެއް އުންމަހާތުން أمّ المـؤمـنــيـن السّـيّدة صفـيّــة رضى اللّـه عنـهــا ގެ ވާހަކަފުޅު ދެއްކެވިއެވެ. އޭރު صفـيّــة ގެފާނު އެތާކު ވަޑައިގެނެއް ނުއުޅުއްވައެވެ. صفـيّــة ގެފާނަކީ އިސްކޮޅުފުޅު ތަންކޮޅެއް ކުރު ބޭކަނބަލެކެވެ. އެހެންކަމުން أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا އަތްޕުޅުން އިޝާރަތް ކުރައްވައިފައި ވިދާޅުވިއެވެ. صفـيّــة ވަނީ މިހައިވަރެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ހިތްޕުޅާ ހަމަނުކުރައްވައި ޙަދީޘްކުރެއްވިއެވެ. "ކަމަނާ ތިޔަ ވިދާޅުވީ އެބަސްފުޅެއް ކަނޑުގެ ލޮނުގަނޑާ އެއްކޮށްލައިފިނަމަ ލޮނުގަނޑުވެސް ކިލަނބުވާފަދަ ބަސްފުޅެކެވެ."

ކައުސާހިބާ صلّــى اللّـه عليـه وسلّـم، صفـيّــة ގެފާނާ ކާވެނިބައްލަވައިގެންނެވީ ޚައިބަރު ހަނގުރާމަޔަށްފަހު ޚައިބަރުގައި ހުންނަވައެވެ. އިސްލާމީ ލަޝްކަރު މަދީނާއަށް އައިއިރު އެކާވެނިފުޅުގެ ވާހަކައާއި أمّ المـؤمـنــيـن ގެ ރީތިފުޅުކަމުގެ ވާހަކަ މަދީނާގައި އޮތީ މަޝްހޫރުވެފައެވެ. އެހެންކަމުން މަދީނާގެ އަންހެނުން أمّ المـؤمـنــيـن ދެކޭންދިޔައެވެ. أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ވެސް ހެދުންކޮޅު ބަދަލުކުރައްވައިގެން صفـيّــة ގެފާނު ދެކެވަޑައިގަންނަވަން ވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަށް عـائـشــة ގެފާނު ފާހަގަކުރެއްވުނެވެ. އިތުރު ސާހިބާ އެދުވަހު ގެކޮޅަށް ވަޑައިގެންފައި عـائـشــة ގެފާނާ ސުވާލު ކުރެއްވިއެވެ. "صفـيّــة ކިހިނަކުންތޯއެވެ." عـائـشــة ގެފާނު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ޔަހޫދީ އަންހެނަކު ދުށީމެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "މީގެފަހުން ތިޔަހެން ވިދާޅުނުވާށެވެ. އެކަމަނާ އިސްލާމްވެވަޑައިގެންނެވީ ތެދުހިތްޕުޅުންނެވެ." މިތާނގައި ހަނދާންކުރާން ޖެހެއެވެ. أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا އަކީ ނުހަނު ޚުލުޤުފުޅުހެޔޮ މާތް ބޭކަނބަލެކެވެ. އެކަމަނާއަށް ބައެއްފަހަރުފަހަރު މިފަދަ ކަންކަން ކުރެއްވެނީ އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ދެކެ އެކަމަނާ ވެވަޑައިގަންނަވާ ފުން ލޯބިފުޅުގެ ސަބަބުންނެވެ. ހަތުރަނބީންގެ މިޒާޖާ އެއްގޮތަށް ހަހުރަ ކުރެއްވިގެންނެވެ.

أمّ المـؤمـنــيـن السّـيّدة أمّ سلمة رضى اللّـه عنـهــا ގެ ދަރިކަލުން عـمــر بــن أبــى سلمة އަކީ أمّ المـؤمـنــيـن ގެ ކުރީގެ ފިރިކަލުން أبــو سلمة ގެ ދަރިކަލެކެވެ. عـمــر ބޮޑުފުޅުވީ ކައުސާހިބާގެ އަރިހުގައި އެމާތް ސާހިބާގެ ބެއްލެވުމުގެ ދަށުގައެވެ. عـمــر ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ކުރިފުޅުމަތީގައި އެއްދުވަހަކު އަހަރެން ކާންއިނީމެވެ. އަހަރެން ތަށީން ސުވާ ނަގާއިރު ތަށީގެ އެކިދިމަދިމާޔަށް އަތްގެންދެވެއެވެ. އިތުރު ސާހިބާއަށް އެތަން ފެނިވަޑައިގެންނެވުމުން ޙަދީޘްކުރެއްވިއެވެ. "އޭ ކޮއިފުޅާއެވެ! މާތް اللّـه ގެ އިސްމުފުޅުން ކާންފަށާށެވެ. ކަނާތުން ކާށެވެ. ތަށީގެ ތިބާއާވީ ފަރާތުން ކާށެވެ."

ބައްދަލުވާ މީހުންގެ ޙައްޤުތައް

ބޮޑެތި ބޮޑެތި މަގާމުތައް ފުރާމީހުންނާއި ބުރަކޮށް މުހިންމު މަސްއޫލިއްޔަތު އުފުލާ މީހުންނަކީ ޢާއްމުގޮތެއްގައި އާދައިގެ މީހުނާ ބައްދަލުވާން ވަގުތުދޭ ބައެއްނޫނެވެ. ހުރިހާ ދިމާޔަކަށް ސަމާލުކަންދެވޭ ބައެއްވެސް ނޫނެވެ. އެފަދަ ބައެއް މީހުންގެ ކިބައިގައި އެކަހެރިކަމަށް ލޯބިޖެހެއެވެ. މިޒާޖު ކުރަކިވެއެވެ. ރުންކުރުވެއެވެ. ބައެއްފަހަރަށް ހިތުގައި ކިބުރުވެރިކަން އުފެދި ތިމާއަކީ އެހެންމީހުނަށްވުރެ މަތިވެރި މީހެއްކަމުގެ އިޙުސާސް އުފެދެއެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އިންސާނީ މާތްކަމުގެ އެންމެ އުހަށް އަރައިވަޑައިގެންނެވުމަށްފަހުވެސް އުޅުއްވީ މުޖުތަމަޢުގެ ޢާއްމު ފަރުދެއްގެ ހައިސިއްޔަތުންނެވެ. އެމާތް ސާހިބާ ތާރީޚުގެ މިސުރާބު ބަދަލުކޮށްލެއްވިއެވެ. އެމާތް ސާހިބާ ހުންނެވީ ޢާއްމު މުޖުތަމަޢާ ފިސާރިޔަކަށް މިލިވަޑައިގެންނެވެ. އެކުވެރިވެވަޑައިގެންނެވެ. މުޖުތަމަޢުގެ ޢާއްމު އަފުރާދުންނާ އަމިއްލަފުޅު ދާއިރާގައިވެސް ގާތް ގުޅުމެއް ބޭއްވެވިއެވެ. އެކަކު އަނެކެއްގެ ޙައްޤު އަދާކުރަންޖެހޭނެކަން ގަބޫލު ކުރެއްވިއެވެ. އެކަހެރިކަމަށް ލޯބިކުރެއްވުމުގެ ނުވަތަ ކިބުރުވެރިވެވަޑައިގަތުމުގެ ކަންފުޅެއްވެސް އެމާތް ސާހިބާގެ ކިބަޔަކުން ނުފެނެއެވެ.

ކައުސާހިބާ އެކަލޭގެފާނުގެ ފައިންޕުޅު ދެކެން ބޭނުންވެގެން އަންނަ އެންމެންނާ ބައްދަލުކުރައްވައެވެ. މަގުމަތީން ބައްދަލުވެވަޑައިގަންނަވާ މީހުންނާ ސަލާމް ކުރައްވައެވެ. ސަލާމް ކުރެއްވުމުގައި އިސްނަންގަވައެވެ. މީހަކަށް ޚަބަރެއް ފޮނުއްވާނަމަވެސް ފޮނުއްވަނީ ސަލާމާ އެކުގައެވެ. ގެކޮޅަށް ވެދެވަޑައިގެންފައިވެސް ބޭރަށް ނުކުމެވަޑައިގަންނަވާއިރުވެސް އަހުލުވެރީންނަށް ސަލާމް ކުރައްވައެވެ. (ނަޢީމް ޞިއްދީޤީ)

މީހަކު ގޭގައި ހުންނައިރު މީހުން ބައްދަލުވާން އާދެއެވެ. އެމީހެއްގެ ރަޙުމަތްތެރީންނެވެ. ތިމާގެމީހުންނެވެ. ބޭނުންތަކުގައި އަންނަ ދުރުހިލޭ މީހުންނެވެ. ބައްދަލުވާން އަންނަމީހުނާ މުޢާމަލާކުރައްވާގޮތާ ބެހޭގޮތުންވެސް ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އުސްވަތުން އަޅުގަނޑުމެންނަށް ރީތި ނަމޫނާ ލިބެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ދެބެއިންގެދެދަރި އުޚުތެއްކަމުގައިވާ أمّ هـانــى بـنت أبــى طـالـب رضى اللّـه عنـهــا ރިވާކުރައްވައިފައިވެއެވެ. "އަހަރެން އެކަލޭގެފާނާ ބައްދަލުކުރަން ދިޔުމުން އެކަލޭގެފާނު ވިދާޅުވިއެވެ. މަރުޙަބާއެވެ! އޭ أمّ هـانــى އެވެ! ކޮންހާލުކޮޅެއްތޯއެވެ؟ ހުރިހައިކަމެއްވެސް ރަނގަޅުތޯއެވެ؟ އިތުރު ސާހިބާ ވާހަކަފުޅު ދައްކަވަނީ ވަރަށް އުފާފުޅުންނެވެ. މަރުޙަބާ ވިދާޅުވުމުގެ ރޫޙުގައެވެ." ހަމައެފަދައިން عبـدالـقيـس ވަންހައިގެ ވަފުދު ފައިންޕުޅު ދެކޭންދިޔުމުންވެސް މަރުޙަބާ ވިދާޅުވިއެވެ. (ބުޚާރީ)

އިތުރު ސާހިބާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އެކުވެރީން ފައިންޕުޅު ދެކެވަޑައިގަންނަވަން ވަޑައިގެންނެވުމުން އެބޭކަނބަލުންނަށްވެސް ނުހަނު ތަރުހީބު ދެއްވައި ހެޔޮފުޅުކޮށް ހިއްތަވައެވެ. أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ފައިންޕުޅުދެކެން މުސްކުޅިފުޅު ބޭކަނބަލަކު ވަޑައިގެން އުޅުއްވައެވެ. އިތުރު ސާހިބާ އެކަމަނާ ވަޑައިގެންނެވުމުން ވަރަށްބޮޑަށް އުފާކުރައްވައި ތަރުހީބު ދެއްވައެވެ. އެކަމަނާގެ ހާލުއަހުވާލުގެ ވާހަކަ އައްސަވައެވެ. އެކަމަނާވެސް އިތުރު ސާހިބުގެ ހާލުކޮޅުގެ ވާހަކަ އޮޅުންފިލުއްވައެވެ. އެއްދުވަހަކު އެކަމަނާ އެނބުރިވަޑައިގެންނެވުމުން އަހަރެން ދެންނެވީމެވެ. އެއީ ކޮންބޭކަނބަލެއްތޯއެވެ؟ އިތުރު ސާހިބާ ވިދާޅުވިއެވެ. "އެއީ خـديـجــة ގެ ޙަޔާތްޕުޅުގައި އަހުރެމެންގެ ގެޔަށް އައިސްއުޅޭ މީހެކެވެ. خـديـجــة އެކަމަނާގެ ގާތްބޭފުޅުންނާއި ރަޙުމަތްތެރީންނާ މުޢާމަލާ ކުރައްވަނީ ވަރަށް ހެޔޮފުޅުކޮށްނެވެ. ކަމަނާއަށް އެނގިވަޑައިގަންނަވާތޯއެވެ. ރަޙުމަތްތެރީންނާއި ތިމާގެމީހުނާމެދު ރަނގަޅަށް މުޢާމަލާކޮށް ހެޔޮކޮށް ހިތުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ." (ކަންޒުލްޢުއްމާލު: 7/115)

ކައުސާހިބާގެ ފައިންޕުޅުދެކެން އަންނަ މީހުންގެ ފަރާތުން އެކަށީގެންނުވާ ރަވައްޔާއެއް ފެނިވަޑައިގެންފިނަމަ ރީތި ބަސްފުޅުން އެވާހަކަ ވިދާޅުވެ އިޞްލާޙުކޮށްދެއްވައެވެ. سهـل بــن سعــد رضى اللّـه عنــه ވިދާޅުވެފައިވެއެވެ. އެއްފަހަރަކު رسـول اللّـه صلّــى اللّـه عليـه وسلّـم ގެ ފައިންޕުޅުދެކޭން މީހަކު އަތުވެއްޖެއެވެ. އޭނާ އިތުރު ސާހިބާގެ ގެކޮޅުގެ ބިތްކޮޅުގައިހުރި ބާކޮޅަކުން ލޯޖަހައިގެން އެތެރެ ބެލިއެވެ. އޭރު އިތުރު ސާހިބާ ހުންނެވީ ފުނާކޮޅު ތުރުކުރައްވާށެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. ކަލޭގެ ބަލާކަން އެނގުނުނަމަ މިފުނާ ކަލޭގެ ލޮލަށް ކޮއްޕައިލީމުހެވެ. ގޭގެއަށް ވަނުމަށްޓަކައި ހުއްދަ އެދެންޖެހެނީ ނޭކަށޭނަ މަންޒަރެއް ފެނުނަ ނުދިނުމަށްޓަކައެވެ. (ބުޚާރީ، މުސްލިމު)

جــابـــر رضى اللّـه عنــه ބަޔާންކުރައްވައިފައިވެއެވެ. "އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ފައިންޕުޅު ދުށުމަށްޓަކައި އަހަރެން އެއްދުވަހަކު ހިނގައްޖައީމެވެ. އަހަރެން ދޮރުކޮޅުގައި ޓަކިދިނުމުން ސުވާލު ކުރެއްވިއެވެ. "ކާކުހެއްޔެވެ؟" އަހަރެން އަޅުގަނޑޭ ދަންނަވައިފީމެވެ. އިތުރު ސާހިބާ ނުގަބޫލުފުޅު ވެވަޑައިގެންފައި ވިދާޅުވިއެވެ. "އަޅުގަނޑު އެއީ ނަމެއް ނޫނެވެ. ނަން ވިދާޅުނުވީ ކީއްވެގެންތޯއެވެ؟" (ބުޚާރީ)

أمّ المـؤمـنــيـن عـائـشــة رضى اللّـه عنـهــا ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ފައިންޕުޅު ދެކެން އެއްދުވަހަކު މީހަކު އަތުވެއްޖެއެވެ. އިތުރު ސާހިބާ އަހަރެންގެ ގާތުގައި ވިދާޅުވިއެވެ. މިއީ އޭނާގެ ޤައުމުގެ އެންމެ ނުބައި މީހާއެވެ. އެހެން ވިދާޅުވެފައިމެ އެމީހާ އެތެރެޔަށް ވައްދަވައިފިއެވެ. އޭނާއާ ނުހަނު މަޑުމައިތިރިކަމާއެކު ވާހަކަފުޅު ދެއްކެވިއެވެ. ހިނިވަރުނަ ކުރައްވައިފައެވެ. އޭނާ އެނބުރި ދިޔުމުން އަހަރެން ދެންނެވީމެވެ. އޭ މާތް اللّـه ގެ ރަސޫލާއެވެ. އެމީހާއަކީ ވަރަށް ނުބައި މީހަކު ކަމުގައި ވިދާޅުވީމުއެވެ. އެހެންކަމާއެކުވެސް އޭނާއާ ހިނިވަރުނަ ކުރައްވައިފައި މަޑުމައިތިރިކޮށް ވާހަކަ ދެއްކެވީ ކީއްވެގެންތޯއެވެ. ޙަދީޘްކުރެއްވިއެވެ.

"ޤިޔާމަތްދުވަހުން މާތް اللّـه ގެ ޙަޟުރަތުގައި އެންމެ ނުބައި ދަރަޖައެއްގައިވާނީ އެމީހެއްގެ ހުތުރު ބަސްމަގާހުރެ މީހުން އެމީހަކާ ދުރުހެލިވާ މީހާއެވެ. (މުސްލިމު)

ޝައްކެއްނެތެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަމިއްލަފުޅު ގެކޮޅުގެ ދިރިއުޅުއްވުމުގައިވެސް ވަނީ އަޅުގަނޑުމެންނަށްޓަކައި ރިވެތި ނަމޫނާއެކެވެ. އެއީ އަޅުގަނޑުމެން ހިނގާންއޮތް މަގަށް އަލިކުރާ ދަންމަރެއްކަމުގައި ހަދާން ޖެހޭނެއެވެ. (ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ)

(ނިމުނީ)