ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އދ އޮމަދޫ ކައުންސިލުން ވަނީ މިއީ އެ ކައުންސިލްގެ ތާރީހުގައިވެސް ރައީސަކާ ބައްދަލުކުރުމަށް ލިބުނު ފުރަތަމަ ފުރުސަތުކަން ފާހަގަކުރައްވައި، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކޮށްފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އދ. އޮމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
އެގޮތުން ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ ރަށުގެ ބަނދަރު ހަލާކުވުމާއި ތިލަވަމުންދާތީ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކެވެ. އަދި ރަށުގެ ބޮޑުބައެއް ގިރަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ނަރުދަމާ މަސައްކަތް ނިމުނުތާ އަހަރެއްވެފައިވާއިރު ވެސް ނަރުދަމާގެ ހިދުމަތް ނުފެށި ލަސްވެފައިވާ މައްސަލައާއި، ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތަކާއި، ސްކޫލްގެ ކްލާސްރޫމްގެ ޖާގައިގެ ދަތިކަމާއި، ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވަނީ ބުނެފަ އެވެ.
މި ބައްދަލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންތައްތައް އިސްކަންދޭ ތަރުތީބަކުން ފުރިހަމަކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން އޮމަދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ބަޖެޓުކުރެވިފައިވާ ކަމަށާއި، މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރަށުގެ ނަރުދަމާ ހިދުމަތް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމުގައި ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު