އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮތް މީހަކު ފެނިއްޖެއެވެ.

ދަނގެތީ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ވަން" އަށް ވިދާޅުވީ، މަރާލާފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ އެރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު ކަމަށްވެސް ވިދާޅުވިއެވެ.

މުއާވިޔަތު ވިދާޅުވީ، ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވެގެން އޭނާ ހޯދަމުން ދަނިކޮށް ފެނުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރަށުގެ ފަޅުގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއިން ކަމަށާއި ފެނުނުއިރު ދެފައި ބަނދެ، ބޮލާއި ފަޔަށް އޮތީ ގޯނި ލައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ރޭގެ މެޗު ބަލާފައި ގެއއިން ނުކުތް ގޮތަށް ހަބަރެއް ނުވޭ. އެމްއެންޑީއެފާއި ފުލުހުން އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ފެނުނު އިރު، ވަޅު ތެރޭގައި އޮތީ ބޯކޮޅުވެސް އެކޮޅު ކޮޅުން،. މަރާލާފައިވާކަން ޔަގީން،" މުއާވިޔަތު ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ އިރު، ފުލުހުންގެ ފޮރެންސިކުންވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ ދަނގެތީގައި ގޯންޏަކަށް ލާފައި ވަޅަށް އެއްލާލާފައި އޮތް މީހަކު ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.