ސްޓްރާޑާ ކުންފުންޏަށް ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ސިނަމާލެ ބްރިޖް ޕްލެޓްފޯމް ހެދުމަށާއި ފުޑް އައުޓްލެޓް އޭރިއާއެއް ހެދުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާ ކުރުމާ މެދު އަންނަ ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ މިޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ޑރ. މުއިއްޒުގެ މައްސަލައާ ގުޅިގެން މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މަޝަވަރާ ކުރި ކަމަށާއި، އެންމެ ފަހުން މައްސަލަ ފޮނުވާފައި އޮތީ ކުރިން ކުރި މަޝްވަރާއާއެކު ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އެހެންކަމުން އަންނަ ހަފުތާގައި ޑރ. މުއިއްޒުގެ މައްސަލައިގައި ގޮތެއް ކަނޑައެޅޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޑރ. މުއިއްޒުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ޕީޖީގައި އެދިފައި ވަނީ ދެ ދައުވާއެއް ކޮށްދިނުމަށެވެ. ފުރަތަމަ ދައުވާއަކީ ކޮރަޕްޝަންގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ނުލިބޭ ގޮތަށް ނުވަތަ އުނިކަން ލިބޭ ގޮތަށް އަމަލު ކުރުމުގެ ދައުވާ އެވެ. ދެވަނަ ދައުވާއަކީ ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އެވެ.

ޑރ. މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުތަކުގެ ބައެއް ދައުވާގެ ޝަރީއަތްތައް މިހާރު ވަނީ ފަށައިފަ އެވެ. ނޫމަޑިއަށް ބަދަލުގެ ފައިސާ ބޮޑުކޮށް ލިބޭ ގޮތަށް އާބިޓްރޭޝަންގައި މައުލޫމާތު ދިން ކަމަށް ބުނެ މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ޝަރީއަތް ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ޒިކުރާ މިސްކިތުގައި ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް ހަދަން ހަވާލުކުރުމުގައި ކޮރަޕްޝަންގައި ހިންގިކަމަށް ބުނާ މައްސަލައެއްގެ ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.

އޭސީސީއިން ކުރާ ހުރިހާ ތުހުމަތުތަކަށް ޑރ. މުއިއްޒު ވަނީ އިންކާރުކުރައްވައިފަ އެވެ. ތުހުމަތުތަކަށް އިންކާރުކުރައްވައި ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ދައުލަތަށް ގެއްލުން ވާނެ ނުވަތަ ދައުލަތަށް ލިބޭ ފައިދާއަކަށް އުނިކަން އަންނަ އެއްވެސް ކަމެއް އަދި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ.