އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ޒިޔަތަށް ދައުވާކުރަން ފޮނުވާފައިވަނީ އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމަށްޓަކައި 53 ބިދޭސީން ގެނައުމަށް ޖޮބް އޯޑާ (24 ޖުލައި 2017) ހަދައި އެކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ފޮނުވައި، އެ މަސައްކަތް ހަވާލުކުރުމަށްފަހު އެ މަސައްކަތް ހަވާލުކުރިގޮތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަން ފެށުމާ ގުޅިގެން އެ އޯޑަރު ކެންސަލް ކުރުމަށްފަހު، އަލުން އެ ޖޮބް އޯޑާގައިވާ 53 ބިދޭސީން ނެގުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައެވެ.
އޭސީސީން ބުނީ އެ މައްސަލައިގައި އެމްޓީސީސީން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓްކުރުމަށް 20 ޖުލައި 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެކުންފުނިން އެއްބަސްވުން ހަދާފައިވާ ކަމަށެވެ. ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެދޭއިރު އެމްޓީސީސީން އަމަލުކުރަންޖެހޭ އުސޫލު އެ އެއްބަސްވުމުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
ނަމަވެސް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެމްޓީސީސީން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް، ބިދޭސީން ރެކްރޫޓްކުރުމަށް ހާއްސަ ޖޮބް އޯޑަރެއް ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެމްޓީސީސީން ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޖޮބް އޯޑަރަށް ހުއްދަ ދީފައިވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތު ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ ޖޮބް އޯޑަރަކީ 15 އެޖެންސީއަކާއެކު އެއްބަސްވުން ގާއިމުކުރުމަށްފަހު، އެމްޓީސީސީން ތައްޔާރުކޮށްފައިވާ ފުރަތަމަ އޯޑަރު ކެންސަލުކޮށް، ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރު ކަމަށެވެ. އަދި އެއީ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު އެމްޓީސީސީން ވެފައިވާ އެއްބަސްވުމާ ހިލާފަށް، އެސްކޭ މޯލްޑިވްސް އާއި ކަންޓްރީ މޯލްޑިވްސްއަށް ބިދޭސީ މުވައްޒަފުން ގެނައުމަށް ހަދާފައިވާ ހާއްސަ އޯޑަރެއް ކަމަށް އޭސީސީން ބުންޏެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން އެމްޓީސީސީއާއެކު އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ނުގެނެވޭނެ ކަމަށާއި ނަމަވެސް، އެސްކޭ މޯލްޑިވްސް އާއި ކަންޓްރީ މޯލްޑިވްސްއަށް އިމިގްރޭޝަނުން ހާއްސަ ހުއްދައެއް ދީފައިވާކަމަށް އެ އޯޑަރާގުޅޭ ހުއްދައިގެ ލިޔުމުގައި އެމްޓީސީސީން ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ހާއްސަ ލުއިފަސޭހައެއް ދީފައިނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭގެ އިތުރުން ޖޮބް އޯޑަރާ ގުޅޭ މަސައްކަތް މަޑުޖައްސާލުމަށް 30 އޮގަސްޓު 2017 ގައި އޭސީސީން އެމްޓީސީސީއަށް އަންގާފައިވީ ނަމަވެސް، އޭގެފަހުންވެސް ޖޮބް އޯޑަރުގެ ދަށުން އެމްޓީސީސީން އެސްކޭ މޯލްޑިވްސް އާއި ކަންޓްރީ މޯލްޑިވްސް މެދުވެރިކޮށް 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
"އެހެންކަމުން، ހަމައެކަނި އެސްކޭ މޯލްޑިވްސް އާއި ކަންޓްރީ މޯލްޑިވްސް މެދުވެރިކޮށް އެމްޓީސީސީއަށް ބިދޭސީން ގެނައުމަށް ނިންމާފައިވާ އެމްޓީސީސީގެ ޖޮބް އޯޑަރަކީ އެކުންފުނީގެ ސީއީއޯގެ ގެ މަގާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމާއި އެކަމުގެ ސަބަބުން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތާއި ލިޔެކިޔުންތަކުން އެނގޭ،" އޭސީސީން ބުންޏެވެ.
އޭސީސީން ޒިޔަތުގެ މައްޗަށް ކުރަން ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.
ޚަބަރު
ޚަބަރު