މި އަހަރުގެ އިސްރަށްވެހިންގެ ދުވަހުގެ މުނާސަބަތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރާވާފައިވާ ހަރަކާތްތައް މި މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ، މި އަހަރުގެ އިސްރަށްވެހިންގެ ދުވަހު އެ ކޯޕަރޭޝަނާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގު ގުޅިގެން ހިންގުމަށް ރާވާފައިވާ ހަރަކާތްތައް، ވިއްސާރަވުމުގެ ސަބަބުން ފަސްކުރުމަށްފަހު، އަލުން މި މަހުގެ 16 ވަނަ ދުވަހުގެ 6:30 އިން 8:30 އަށް "ހުޅުމާލެ ރުއްގަނޑު އެކެއް" ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
ކުރިން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ހަރަކާތް ފަސްކުރަން އެޗްޑީސީން ނިންމިއެވެ.
އިސްރަށްވެހިންގެ ދުވަހަކީ މި މަހުގެ ދެވަނަ ދުވަހެވެ.
އެޗްޑީސީން ބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މުޖުތަމައަށާއި ވަކިން ހާއްސަކޮށް އިސްރަށްވެހިންނަށް ގިނަ އުނދަގޫތަކެއް ތަހަންމަލު ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން މުޖުތަމައުގައި ހިންގޭ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، މި އަހަރުގެ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ.
ދިރާގާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސްއާ ގުޅިގެން އެޗްޑީސީން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕުތަކާ އެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމްސް ފަދަ ކުޅިވަރުތައް ބާއްވަން ވަނީ ނިންމާފައެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއަޅައި ގިނަ މައުލޫމާތުތަކެއް ދިނުމާއި، އެ ފަރާތްތަކުގެ ހަކުރު އަދި ލޭގެ ޕްރެޝަރު ބެލުމުގެ ކަންކަންވެސް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން މިއަހަރުގެ ތީމް ކަމުގައިވާ "ޑިޖިޓަލް އެކުއިޓީ ފޯ އޯލް އޭޖަސް" އާ ގުޅުވައިގެން ދިރާގުގެ ފަރާތުންވެސް ގިނަ ހިދުމަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. މިކަމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޑިޖިޓަލް އާލާތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުވުމާއި މައުނަވީ ގޮތެއްގައި ބައިވެރިވުމަށް ބާރު އެޅުމާއެކު ހޭލުންތެރިކަން އިތުރު ކުރުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު