ސަރުކާރުގެ ބޭނުމަކަށް ކައުންސިލެއްގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިމެއް، މުދަލެއް ނޫނީ އިމާރާތެއް ސަރުކާރުގެ އެއްވެސް އިދާރާއަކަށް ނަގާނަމަ، އެތަނަކަށް ނޫނީ މުދަލަކަށް ކައުންސިލުން ކޮށްފައިވާ ހަރަދަށް ބަދަލު ދޭނެ އުސޫލެއް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އާންމުކޮށްފި އެވެ.
އެލްޖީއޭއިން ގެޒެޓުގައި އެ އުސޫލު އާއްމުކޮށްފައި ވަނީ އިއްޔެ އެވެ. އުސޫލަށް ކިޔަނީ "ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލު" އެވެ.
އެ އުސޫލުގައިވާ ގޮތުން މައި ސަރުކާރުގެ ބޭނުމަށް ސިޓީ ކައުންސިލެއް ނޫނީ ރަށު ކައުންސިލެއް ނޫނީ އަތޮޅު ކައުންސިލެއްގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ތަނެއް ނޫނީ މުދަލެއް ނަގާނަމަ އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ އެވެ. ކައުންސިލުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ މުދަލެއް ނޫނީ ތަނެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނެގޭނީ ދެ ފަރާތުގެ ދެމެދުގައި އެކަމަށް އެއްބަސްވެގެންނެވެ.
ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލު ގައި ވަނީ ކައުންސިލަށް ލިބެން ޖެހޭ ބަދަލާއި، އެ ފައިސާ ކައުންސިލަށް ލިބެން ޖެހޭ މުއްދަތާއި، ފައިސާ އަދާކުރާނެ ގޮތުގެ ތަފުސީލުތައް ބަޔާންކޮށްފަ އެވެ. ބަދަލުގެ އަދަދު ކަނޑައަޅަނީ ސަރުކާރުގެ އިދާރާ އާއި ކައުންސިލުން އެއްބަސްވާ މިނިވަން އޮޑިޓަރަކު މުދަލުގެ އަގު ކުރުމަށްފަހު ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.
އަގުކޮށް ނިމުމުން އުސޫލުގައި ބަޔާންކުރާ ތިން ގޮތުގެ ތެރެއިން ކޮންމެވެސް އެއް ގޮތަކަށް އަގު ކަނޑައަޅައިގެން ބަދަލު ދޭން އެއްބަސްވާން ޖެހެ އެވެ.
ބަދަލުގެ ގޮތުގައި އަގު ކަނޑައެޅޭ ގޮތް:
- ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓް އަގު
- ނަގާ ތަން ނުވަތަ މުދަލުގެ ބަދަލުގައި އެފަދަ ތަނެއް އަޅަން ނޫނީ މުދަލެއް ހޯދަން ހިނގާ ހަރަދު
- ބާޒާރުގެ އަގު
ކައުންސިލާއި ސަރުކާރުގެ އިދާރާއަކާ ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި އެ މައްސަލައިގައި މަޝްވަރާކޮށްގެން ގޮތް ނިންމާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން އެއްބަސްވުމަކަށް ނާދެވިއްޖެ ހިނދެއްގައި މައްސަލަ ކޯޓަށް ވެސް ހުށަހެޅެމުގެ އިހުތިޔާރު ލިބިގެންވެ އެވެ.
މި އުސޫލުގެ މަގުސަދަކީ ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އިހުތިސޯސުގައި ހިމެނޭ ތަންތަނާއި މުދާ ނަގާ ނަމަ ކައުންސިލުން ކޮށްފައިވާ ހަރަދުތަކާއި އިންވެސްޓްމަންޓުގެ ބަދަލު ލިބިދެވޭނެ ކަން ކަށަވަރުކޮށްދިނުން ކަމަށް އެލްޖީއޭއިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު