ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްްވަމުން މެންބަރު ޝަރީފް ވިދާޅުވީ، އެޗްއާރުސިއެމްގެ ބައެއް މެންބަރުންނާއި އިސްވެރިން، އެ ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއިން ކަނޑައިލާނެ ކަމުގެ ބިރު ދެއްކުމާ ގުޅިގެން އެ މުވައްޒަފުން މަސައްކަތްކުރާ މާހައުލުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

އެ މުވައްޒަފުންނަށް ކުރިމަތިވަމުންދާ 84 މައްސަލައެއް ފާހަގަކުރައްވައި އެކަންކަމާމެދު މުވައްޒަފުން ހިތްހަމަނުޖެހުން ފާޅު ކުރަން ފެށުމުން ކުރިއަށް ވުރެވެސް ބޮޑަށް އިހާނެތިކޮށް ހިތުމާއި ބުލީ ކުރުމާއި ފުރައްސާރަކުރުން އިތުރުވެެގެން ގޮސްފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.

އެކަމާގުޅިގެން އެތައް މުވައްޒަފުންނެއް ވަޒީފާއިން ކެނޑިގެން ގޮސްފައިވުމާއި ބައެއް މެންބަރުންނާއި މުވައްޒަފުންނާ ދެމެދު ޒާތީ މައްސަލަތައް އުފެދިފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން މިނިވަން މުއައްސަސާއެއްގެ ޒިންމާ އަދާކުރުމަށް ބުރޫ އަރައި، ކޮމިޝަންގެ މަސައްކަތްތައް ބޮއްސުންލާފައި ވާތީ މެންބަރުންނާއި މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ބަލައި ތަހުގީގު ކޮށް އެ މުވައްޒަފުންނަށް މަސއްކަތް ކުރެވޭނެ ދުޅަހެޔޮ މާހައުލެއް ގާއިމު ކޮށްދިނުމަށް މުވައްޒަފުންގެ ހައްގުތަކަށް ރައްކާތެރިކަންދިނުމަށް ގޮވާލައި މަޖިލީހަށް މައްސަލަ ހުށަހަޅާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި މއްސަލަ ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން އެންމެ ހަތަރު މެންބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވިއެވެ.

މައްސަލަ ބަލައިގަންނަން ބޭނުންވަނީ 21 މެންބަރުންގެ ވޯޓެވެ.