ޚަބަރު

ނިއުޕޯޓު ހިންގި ބިން ދައުލަތަށް ހަވާލުކުރަން ސިވިލްކޯޓުން ހުކުމްކުރީ ރަނގަޅަށް: ހައިކޯޓު

މުހައްމަދު އިޝާން

ބްރިޖު ވިއު ޕްލެޓްފޯމު ކައިރީގައި ސްޓްރާޑާ ކުންފުނިން ހިންގަމުން އައި ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކޮށް އެ ބިން ދައުލަތާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކުރާނެ ގާނޫނީ ނުވަތަ ޝަރުއީ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ކުރީ ސަރުކާރުގައި ހެދި ސިނަމާލޭގެ ބްރިޖުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އާއްމުންނަށް ދެއްކުމަށް ފްލެޓުފޯމަކާއެކު، ކާ އެއްޗެހި ވިއްކާ ތަނެއް ހަދައި، ސްޓްރާޑާ ކުންފުންޏާ އޭރުގެ ޕްލޭނިން މިނިސްޓްރީން ތިން އަހަރުގެ މުއްދަތަށް ސެޕްޓެމްބަރު 22، 2016 ގައި ސޮއިކުރިކުރި އެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން ސްޓްރާޑާ ކުންފުނިން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައި އޮވެއްޖެ ނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު ދައުލަތަށް އޮންނާނެ އެވެ.

ސްޓްރާޑާ ކުންފުނިން ބިމުގެ ކުއްޔާއި ޖޫރިމާނާ ނުދެއްކުމުގެ ސަބަބުން އެ ފައިސާ ހޯދަން ދައުލަތުން ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ ނިއުޕޯޓު ހިންގާ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި، އަދި ކުއްޔާއީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ ހުކުމްގައި ވާގޮތުން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހި ނުދައްކައިވާ ފައިސާ އާއި ބަދަލާއެކު ޖުމުލަ 1،149،271 ރުފިޔާ ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި ސްޓްރާޑާ ކުންފުނިން ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، އެއްބަސްވުން ބާތިލު ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާއި އެ ނިންމުން ބިނާކުރި ސަބަބުތައް ސައްހަ ނޫން ކަމަށް ބަލަން ޖެހޭ ސަބަބެއް ސްޓްރާޑާ ކުންފުނީގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި އަދި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު ހުސެން ޒަކަރިއްޔާ އެވެ.