އަމީތާބު ބަޗަން މިހާރު ރިޓަޔާ ވާން ވެއްޖެކަމުގައި ލިޔުންތެރިޔާ ސާލިމް ހާން ބުނެފިއެވެ.

އަމީތާބާ އެކު 10 ފިލްމެއްގައި މިހާތަނަށް މަސައްކަތްކޮށްފައިވާ ސާލިމް ހާން މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަމީތާބަށް ހުރިހާކަމެއް ހާސިލުކުރެވިފައިވާ ކަމަށެވެ.

''ހަޔާތުގައި ހާސިލުކުރަން ބޭނުންވާ ހުރިހާ ކަމެއް އޭނާއަށް ހާސިލު ކުރެވިއްޖެ. އަމިއްލަ ދިރިއުޅުމަށްވެސް ވަގުތު ހުސްކުރަން ޖެހޭ.'' އިންޓަވިއުގައި ސާލިމް ހާން ބުނެފައިވެއެވެ. އޭނާ ފާހަގަކުރިގޮތުގައި އަމީތާބު ވަނީ މިހާތަނަށް އިންޑަސްޓްރީގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ސާލިމް ފާހަގަކުރިގޮތުގައި ރިޓަޔާމަންޓު ސިސްޓަމުގައި ކަނޑައަޅާފައި އޮންނަނީ ބުރަ މަސައްކަތަކުގެ ދުވަސްތަކަށްފަހު ހަޔާތުގެ ފަހުބައިގައި ހިތްހަމަ ޖެހިލައިގެން ދިރިއުޅުމަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. ހަޔާތުގެ ކުރީކޮޅު ވަގުތު ނަގާލެވިގެން ދަނީ ތައުލީމު ހާސިލުކުރުމަށާއި ކަންކަން ދަސްކުރުމަށް ކަމަށާއި އެއަށްފަހު އަންނަނީ އާއިލާއެއް ބެލެހެއްޓުމުގެ ޒިއްމާ ކޮނޑުގައި އަޅައިގެން މަސައްކަތްކުރުން ކަމުގައި އޭނާ ބުނެއެވެ.

އަމީތާބަކީ ކުޅަދާނަ އެކްޓަރެއްކަން ފާހަގަކޮށް ސާލިމް ބުނެފައިވަނީ މިހާރު އުމުރުގެ ގޮތުން އަމީތާބާ ގުޅޭ ރޯލުތައް ލިބުމުގެ ފުރުސަތު އިންޑަސްޓްރީގައި ކުޑަ ކަމަށެވެ. ފިލްމުތަކުގެ ފެންވަރު ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ކަމަށާއި، މިޔުޒިކާއި ހުނަރު ކުރިއަރާފައިވާ ކަމަށާއި ނަމަވެސް ރަނގަޅު ސްކްރިޕްޓު މަދުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ސާލިމް ވަނީ އަމީތާބާއި އެކު 1973 ވަނަ އަހަރު ފިލްމު ''ޒަންޖީރު'' ގައި މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން ކާމިޔާބު އެތައް ފިލްމެއް ކަމަށްވާ ''ޝޯލޭ'' ''ދީވާރު'' ''މަޖުބޫރު'' ''ޑޮން'' ފަދަ ފިލްމުތަކުގައި ވަނީ އެކުގައި މަސައްކަތްކޮށްފައެވެ.

އަމިތާބު ވަނީ އިއްޔެ އޭނާގެ 79 ވަނަ އުފަން ދުވަސް ފާހަގަކޮށްފައެވެ. އޭނާގެ އުފަން ދުވަސް ފާހަގަކޮށް ތަހުނިޔާ އާއި މުބާރަކުބާދީ ރައްދުކުރި ފޭނުންނަށް އަމީތާބު ވަނީ އޭނާގެ ބްލޮގުގައި ޝުކުރު އަދާކޮށްފައެވެ.