ހިޔާ ފުލެޓްތަކުގެ ކައިރިއަށް މީހުން ޖަމާކޮށްފައި ހުރި ކުނިތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއްކޮށް ސާފުކޮށްފިއެވެ.
ހިޔާ ފްލެޓްތަކުގެ ކައިރީގައި ޖަމާކޮށްފައި ހުރި ކުންޏަކީ ފިނިޝިން މަސައްކަތުގައި އުޅުނު މީހުން އެތަނަށް އަޅާފައި ހުރި ކުންޏެވެ.
އެޗްޑީސީން ބުނީ، ހަތް ދުވަހުގެ މަސައްކަތުން އެތަނަށް އަޅާފައިވާ ކުނިތައް އެއްކޮށް ނަގައި ސާފުކޮށްފައިވާ ކަމަށެވެ. އަދި މީގެ ފަހުން މަދުވެގެން ދުވާލަކު އެއްފަހަރު ކުނި ނެގުމަށް ކަނޑައަޅާފައިވާ ކަމަށްވެސް ބުންޏެވެ.
ހިޔާ ފުލެޓުތަކުގައި އުފެދޭ ކުނިވާ ޒާތުގެ ތަކެތި އެޅުމަށް ހަ ސަރައްދެއްގައި ޑަސްބިން ބަހައްޓާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.
އެޗްޑީސީން މީގެ ކުރިން ބުނީ މި ޑަސްބިންތަކަކީ ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ރަސްމީކޮށް ކުނި ނެގުމުގެ ހިދުމަތް ފަށަންދެން ކުނި އުކާލުމަށް ޓަކައި ބެހެއްޓި ޑަސްބިންތަކެއް ކަމަށެވެ.
ފުލެޓްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން އެތަނެއްގައި އުފެދޭ ކުނި އެންމެ ކައިރީގައި ހުންނަ ޑަސްބިނަކަށް އެޅުމަށް އެޗްޑީސީން ވަނީ އަންގައިފައެވެ. އަދި ފުލެޓް ތެރޭގައްޔާއި ފުލެޓް ހިމެނޭ ސަރަހައްދުގައި ކުނި ނުބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.