ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމާއި މޯބައިލް ފޯނު ފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އިނދެ ދުއްވުން މަނާކޮށްފިއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދަށް އިސްލާހު ގެނެސް މިއަދު ގެޒެޓްގައި އާންމު ކުރި އިއުލާނުގައި ބުނީ، އެއްގަމު އުޅަނދު ދުއްވަން އިންނަ މީހާ މޯބައިލް ފޯނު ފަދަ އެއްވެސް މުއާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ނުވަތަ އަތުން ހިފައިގެން ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ހެޑްސެޓު ބޭނުން ކުރުމުގެ އިތުރުން އެހެން މީހެއްގެ އެހީތެރިކަމާއެކުގައި ފޯނުން ވާހަކަ ދެއްކުންވެސް ވަނީ މި ގަވާއިދުގައި މަނާކޮށްފައެވެ.

ގަވާއިދުގައި ބުނީ މޯބައިލް ފޯނު ފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އިނދެ ދުއްވާ މީހުން ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ދެވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާކޮށް 48 ގަޑިއިރަށް ލައިސަންސް ހިފަހައްޓާއިރު ދެފަހަރަށް ވުރެ ގިނައިން ތަކުރާރުވާނަމަ 1000 ރުފިޔާއިން ޖޫރިމަނާކޮށް، 48 ގަޑިއިރަށް ލައިސަންސް ހިފަހައްޓާނެއެވެ.

މީގެ އިތުރުން ނުރައްކާތެރި ގޮތެއްގައި އެއްގަމު އުޅަނދު ދުއްވާނަމަ ބޮޑު ޖޫރިމަނާއެއް ކުރުމަށްވެސް ވަނީ ނިންމައިފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފަރުވާ ކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވާނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަހަރަށް އެއަމަލު ތަކުރާރުކޮށްފިނަމަ 4،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެ ކުށް ދެ ފަރަށްވުރެ ގިނައިން ތަކުރާރުކުރާނަމަ 6،000 ރުފިޔާގެ ބޮޑު ޖޫރިމަނާއަކާ އެކު އެއް އަހަރު ދުވަހަށް ލައިސަންސް ހިފަހެއްޓުމުގެ ބާރު މިނިސްޓްރީއަށް އޮވެއެވެ.

ގަވާއިދުގައި އިތުރަށް ބުނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އެ އުޅަނދެއް ދުއްވި މީހާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ދިހަ އަހަރާއި 25 އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު ޓްރާންސްޕޯޓް މިނިސްްޓްރީއަށް ލިބިގެންވާ ކަމަށެވެ.