ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 21 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި އެދުވަހު ބައިވެރިވި 45 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓުންނެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ ޒިންމާތަކާއި ބާރުތަކާއި ހަކަތައިގެ ހިދުމަތް ގާއިމުކުރުމާއި ހިންގުމުގެ ތެރެއިން ތިމާވެއްޓާއި އާއްމު ސިއްހަތަށް ލިބޭ ގެއްލުންތައް ވެސް ހިމަނާފައިވެއެވެ.

މީގެ އިތުރުން ރާއްޖެ ނެޓް ޒީރޯގެ ގައުމަކަށް ހެދުމަށް ކަމާ ބެހޭ ގާނޫނުތަކާއި ގަަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ކައުންސިލުތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކާއި ލިބިދޭ ބާރުތަކެވެ.

އެގޮތުން ސަރުކާރުގެ ސިޔާސަތުތަކާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް، އޮތޯރިޓީން ކަނޑައަޅާ އަގަށްވުރެ ބޮޑު ނުވާނެ ގޮތުގެ މަތިން އެ ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ދޭ ކަރަންޓުގެ ހިދުމަތުން ނަގާނެ އަގު ކަނޑައެޅިދާނެ ކަމަށް ބުނެފައިވެއެވެ.

އޮތޯރިޓީން ކަނޑައަޅާ އަގަށްވުރެ ކުޑަ އަގެއްގައި ކަރަންޓު ވިއްކަން ކައުންސިލުން ނިންމާ ހާލަތެއްގައި އަގުގެ ފަރަގު ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދައްކާނެ އިންތިޒާމު ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށާއި އެގޮތަށް އަގުގެ ފަރަގު ދައްކަން ޖެހޭ ހާލަތުގައި ކައުންސިލަށް ދައުލަތުގެ އަހަރީ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަަރާތްތަކުގެ ހައްގު ހިމާޔަތް ކުރަންޖެހޭނެ ކަމަށް ފުރަތަމަ ފަހަރަށް މި ބިލުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންނާއި އެހެން ގޮތަކުން ނަމަވެސް ކަރަންޓު ކަނޑާލަން ޖެހޭ ހާލަތުގައި ދުރާލައި އެކަން ރައްޔިތުންނަށް އަންގަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަމިއްލަ ފަރާތްތަކުން އިއާދަކުރަނިވި ހަކަދަ އުފައްދައި ބޭނުންކޮށް އެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ވިއްކޭނެ ފަސޭހަ ނިޒާމެއް އެކުލަވާލަން ޖެހޭނެ ކަމަށާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން އެރަށެއްގެ ކަރަންޓު ވިއުގަ ތަންދޭ އެންމެ މަތީ މިންވަރަކަށް އިއާދަކުރަނިވި ހަކަތަ ދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ. ހަކަތަ ބޭނުން ކުރެވޭނެ މިންވަރާއި އެންމެ ބޮޑަށް ހަކަތަ ފޯރުކޮށްދެވޭނެ މިންވަރު ކޮންމެ ހަ މަހަކުން އަޕްޑޭޓުކޮށް، އެކަން އާއްމުކޮށް އިއުލާން ކުރަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.

މި ބިލުގައި އިއާދަކުރަނިވި ހަކަތަ ކުރިއަރުވަން މުހިއްމު ކަންތައްތަކެއް ހިމަނާފައިވެއެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން އިއާދަކުރަނިވި ހަކަތަ އުފައްދާނަމަ، އެފަރާތްތަކަށް ހަކަތަ ވިއްކޭނެ ފަސޭހަ ނިޒާމެއް ކަމާބެހޭ މިނިސްޓްރީން އެކުލަވާލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.