(08 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ގެ އަރިހުން އެކަމަނާގެ ދަރިވަރު أســود رحـمــه اللّـه ސުވާލު ކުރެއްވިއެވެ. "ކައުސާހިބާ صلّــى اللّـه عليـه وسلّـم ރޭގަނޑު ނަމާދު ކުރައްވަނީ ކޮންގޮތަކަށްތޯއެވެ؟" أمّ المـؤمـنــيـن ޖަވާބު ދެއްވިއެވެ. "އެކަލޭގެފާނު އިރާކޮޅު އަވަހާރަފުޅު ލައްޕަވައެވެ. މެންދަންވުމުން ތެދުވެވަޑައިގެން ނަމާދު ކުރައްވާން ފައްޓަވައެވެ. ދެން ފަޖުރުލުމުގެ ކުޑަތަންކޮޅެއްކުރީން ނަމާދު ނިންމަވައިލައްވައިފައި އިރުކޮޅަކު އަރާމުކޮށްލައްވައެވެ. ބަންގިދޭމީހާ ބަންގިދޭން ފެށުމާއެކު ތެދުވެވަޑައިގަންނަވައެވެ." (ބުޚާރީ)

އިތުރު ސާހިބާ ރޭއަޅުކަން ކުރައްވާއިރު ބައެއްފަހަރު ޢާއިލާގެ މެމްބަރުން ބައިވެރިކުރައްވައެވެ. ޚާއްޞަކޮށް ވިތުރި ކުރައްވަންވުމުން އަނބިއަނބިކަނބަލުންނަށް ވިދާޅުވެ އެބޭކަނބަލުން ބައިވެރިކުރައްވައެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާގެ ގެކޮޅުގައި އުޅުއްވާއިރު ވަރަށްގިނައިން ދުޢާ ކުރައްވައެވެ. ހެދުންކޮޅު ތުރުކުރައްވާއިރުއެވެ. އަވަހާރަފުޅު ލައްޕަވަން އޮށޯވެވަޑައިގަންނަވަމުންނެވެ. އަވަހާރަފުޅުން ތެދުވެވަޑައިގަންނަވަމުންނެވެ. ޤަޟާޙާޖަތަށް ވެދެވަޑައިގަންނަވަމުންނެވެ. ނުކުމެވަޑައިގަންނަވަމުންނެވެ. ފަރީއްކުޅުއްވަން ފައްޓަވަމުންނެވެ. ފަރީއްކުޅުއްވައި ނިމިވަޑައިގެންނެވުމުންނެވެ. ގެކޮޅުން ބޭރަށް ނުކުމެވަޑައިގަންނަވަމުންނެވެ. އެނބުރި ގެކޮޅަށް ވެދެވަޑައިގަންނަވަމުންނެވެ. މިނޫންވެސް ވަރަށްގިނަ މުނާސަބަތުތަކުގައެވެ. ހަމައެފަދައިން ވަކިކަމަކާ ނުގުޅުއްވައިވެސް ވަރަށްގިނައިން ދުޢާކުރައްވައެވެ. މުއުމިނަކު އޭނާގެ ވެރި اللّـه އާމެދު ބާއްވަންވީ ކިހައިފުން ގުޅުމެއްތޯއެވެ؟ އެގުޅުމުގެ އެއްރަމްޒަކީ އަބަދުވެސް އެކަލާނގެ ރަސްކަންފުޅު ހަނދާންކުރުމެވެ. އެކަލާނގެ ޙަޟުރަތަށް ދުޢާކުރުމެވެ.

ދުޢާކުރުމަކީ އަޅުކަމުގެ ބައެކެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައިވަނީ ދުޢާކުރުމަށް އިރުޝާދު ދެއްވައިފައެވެ. އެހެންކަމުން ކައުސާހިބާ صلّــى اللّـه عليـه وسلّـم ދުޢާކުރެއްވުމަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވިއެވެ. ހަމައެކަނި އެމާތް ސާހިބާގެ ގެކޮޅުގައި ހުންނަވާ ވަގުތަކު ނޫނެވެ. ހުރިހައި ކަމެއްގައި ހުރިހައި ތަނެއްގައި އުޅުއްވާއިރުވެސްމެއެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ވަރަށްގިނަ ދުޢާފުޅުތަކެއްވަނީ أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ގެ ފަރާތްޕުޅުން ވާރިދުވެފައެވެ. ހަމައެފަދައިން އެމާތް ސާހިބާގެ ޚާއްޞަ ޚާދިމު أنـس رضى اللّـه عـنــه ވެސް ވަނީ އިތުރު ސާހިބާގެ ވަރަށްގިނަ ދުޢާފުޅުތަކެއް އުންމަތަށް ހަދިޔާ ކުރައްވައިފައެވެ. އެ ދުޢާފުޅުތަކުގެ މައްޗަށް އެކުލެވޭ އަގުހުރި ފޮތްތަކެއް ދިވެހި ބަހުންވެސް ވަނީ ޝާއިޢު ކުރެވިފައެވެ. އެހެންކަމުން މި މައުޟޫޢު ދިގުކުރުމުގެ ބޭނުމެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އެކަލޭގެފާނުގެ ގެކޮޅުގައި ތުއްޕުޅު ބޭފުޅުންނާއެކުވެސް އެކަށީގެންވާވަރަށް ވަގުތު ހޭދަކުރައްވައެވެ. ތުއްޕުޅު ބޭފުޅުންނާއެކު ސަމާސާފުޅު ކުރައްވައި ލޯބިފުޅާއި އޯގާވެރިކަން ފާޅުކުރައްވައެވެ. ކުޅުއްވައި އުޅުއްވައެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު عبّــاس رضى اللّـه عنــه ގެ ބޭފުޅުންކަމުގައިވާ عـبـداللّـه އާއި، عـُبـيداللّـه އާއި كـثيـــر އާ ތިންބޭފުޅުން އެއްސަފަކަށް ބައިތިއްބަވައިފައި ޙަދީޘްކުރައްވައެވެ. އެންމެފުރަތަމަ އަހުރެންގެ ގާތަށް އައިކުއްޖަކަށް މިވެނި އެއްޗެއް ދެއްވާނަމެވެ. އެބޭފުޅުން ދުވެވަޑައިގެންފައި ވަޑައިގެން އިތުރު ސާހިބާގެ މޭފުޅުމައްޗަށާއި ބުރަކަށިފުޅު މައްޗަށް ވެއްޓިވަޑައިގަންނަވައެވެ. އިތުރު ސާހިބާ އެބޭފުޅުންގެ ގައިކޮޅުގައި ބޮސްދެއްވައެވެ. (އަޙްމަދު)

السّـيّدة فاطمة الــزّهــــراء رضى اللّـه عنـهــا އިތުރު ސާހިބާގެ ފައިންޕުޅު ދެކެވަޑައިގަންނަވަން ވަޑައިގެންފިނަމަ ތެދުވެވަޑައިގެން އެކަމަނާގެ ނިތްކުރިފުޅުގައި ބޮސްދެއްވައެވެ. އިތުރު ސާހިބާ އިށީނދެވަޑައިގެން އިންނެވި ތަނެއްގައި އެކަމަނާ ބައިންދަވައެވެ. (ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ)

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަންޞާރިއްޔަ ބޭކަލުންގެ ތުއްޕުޅު ބޭފުޅުން އެމާތް ސާހިބާގެ އަރިހަށް ގެންނަވައިގެން އެބޭފުޅުންނާއެކުވެސް ކުޅިވަރު ކުޅުއްވައެވެ. އެބޭފުޅުންގެ މެދުގައިވެސް މުބާރާތްތައް ބާއްވަވައެވެ. އަންޞާރިއްޔަ ބޭކަލުން އެބޭކަލުންނަށް ބޭފުޅުން ލިބިވަޑައިގެންނެވުމުން ބަރަކާތް ހޯއްދެވުމުގެގޮތުން އިތުރު ސާހިބާގެ އަރިހަށް ގެންނަވައެވެ. އިތުރު ސާހިބާ އެބޭފުޅުން އުނގުފުޅުގައި ވަޑުއްވައިގެން ލޯބިކުރައްވައެވެ. އެބޭފުޅުންނަށް ނަން ވިދާޅުވެދެއްވައެވެ.

އިތުރު ސާހިބާގެ ދަރިކަލުން إبــراهيــم އަށް ކިރުފޮދު އެރުއްވީ أمّ سيف އެވެ ކިޔުނު ބޭކަނބަލެކެވެ. އެކަމަނާގެ ފިރިކަލުންނަކީ ދަގަނޑު ތަޅުއްވާ ބޭކަލެކެވެ. އެގޭގައި ވަރަށްގިނަފަހަރަށް ދުމާއި އަޅި ހުރެއެވެ. އިތުރު ސާހިބާއަކީ ނުހަނު ނާޒުކު މިޒާޖުގެ ބޭކަލެކެވެ. އެހެންކަމާއެކުވެސް ދަރިކަލުން ދެކެވަޑައިގަންނަވަން ވަރަށްގިނައިން އެގެއަށް ވަޑައިގަންނަވައެވެ. އެގެ ހުންނަނީ މަދީނާގެ ޢާލިޔާގައެވެ. އެއީ ކައުސާހިބާގެ ގެކޮޅާ ވަރަށް ދުރެވެ. އެކަމަކު އެހިސާބަށް ހިންގަވައިފައި ވަޑައިގަންނަވައެވެ. އިތުރު ސާހިބާގެ ދޮށީދަރިކަނބަލުން السّـيّدة زيـنـب رضى اللّـه عنـهــا ގެ ދަރިކަނބަލުން أميمــة އާއި ހަގުދަރިކަނބަލުން السّـيّدة فـاطمـة رضى اللّـه عنـهــا ގެ ދެދަރިކަލުން ކަމުގައިވާ حسـن ގެފާނާއި حسـين ގެފާނު ދެކެވެސް ވަރަށްބޮޑަށް ލޯބިފުޅުވެއެވެ. އިތުރު ސާހިބާގެ ކޮނޑުފުޅަށާއި ބުރަކަށިފުޅުމައްޗަށް އެބޭފުޅުން ލައްވައިގެން އުޅުއްވައެވެ. އިތުރު ސާހިބާ އަހަކަށް ވެވަޑައިގެން އެބޭފުޅުން ބުރަކަށިފުޅުމައްޗަށް ސަވާރުކުރައްވައިގެން އަސްދުއްވައިދެއްވައެވެ. ހަމައެފަދައިން އިތުރު ސާހިބާ މިނިވަންކުރެއްވި زيــد بــن حــارثــة رضى اللّـه عنــه ގެ ދަރިކަލުން أسـامــة ދެކެވެސް ވަރަށްބޮޑަށް ލޯބިފުޅުވެއެވެ.

އެއްފަހަރަކު ބަދަވީންގެ ބޮޑެއްކަމުގައިވާ أقــرع بــن حـايـس އެއްފަހަރަކު އިތުރު ސާހިބާގެ ފައިންޕުޅު ދެކެންއައެވެ. އެމާތް ސާހިބާ حسـن ގެފާނުގެ ގައިކޮޅުގައި ބޮސްދެއްވާތަން ފެނިފައި އޭނާ އަޖައިބުވިއެވެ. އޭނާ ދެންނެވިއެވެ. އަޅުގަނޑުގެ ދިހަކުދީން ތިބެއެވެ. އެކަމަކު އަޅުގަނޑު ދުވަހަކުވެސް އެއިން ކުއްޖަކު ހަނދުވައެއް ނުލަމެވެ. އެކަމަކު ކަލޭގެފާނު ތިޔަ ދަރިކަލުންގެ ގައިކޮޅުގައި ބޮސްދެއްވަނީތޯއެވެ؟ ކައުސާހިބާ ޙަދީޘްކުރެއްވިއެވެ. "އޯގާވެރިނުވާ މީހެއްގެ މައްޗަކަށް އޯގާވެރިޔެއް ނުވެވެއެވެ." އިތުރު ސާހިބާގެ ދަރިކަނބަލުން السّـيّدة زيـنـب رضى اللّـه عنـهــا އާއި السّـيّدة أمّ كـلثـــوم رضى اللّـه عنـهــا އާ ދެދަރިކަނބަލުން އަވަހާރަވުމުން އިތުރު ސާހިބާގެ ލޯފުޅު ކަރުނަފޮދުން ފުރުނެވެ. ހަމައެފަދައިން إبــراهيــم އަވަހާރަވުމުންވެސް ލޯފުޅު ކަރުނަފޮދުން ފުރުނެވެ. (ނަޢީމު ޞިއްދީޤީ)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ދަރިކަލުން إبــراهيــم އަވަހާރަވިދުވަހު އާލާސްކަންފުޅުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އަވަސްއަވަހަށް أمّ سيف ގެ ގެޔަށް ވަޑައިގެންނެވިއެވެ. عـبـدالــرّحــمن بــن عــوف رضى اللّـه عنــه އަރިހުގައި ގެންދެވިއެވެ. ލޮބުވެތި ދަރިކަލުންގެ ފަހުނޭވާފުޅުގެ ވަގުތު އިތުރު ސާހިބާ ހުންނެވީ ދަރިކަލުން އުރުވަޑުއްވައިގެންނެވެ. އެވަގުތު ލޯފުޅުން ކަރުނަފޮދު އޮހޮރޭން ފެށިއެވެ. عـبـدالــرّحــمن بــن عــوف رضى اللّـه عنــه އެމަންޒަރު ފެނިވަޑައިގެން ވިދާޅުވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ. ކަލޭގެފާނު ކީރިތި ކުރައްވަނީތޯއެވެ؟ ކަލޭގެފާނުގެ ހާލުކޮޅަކީ ތިޔައީތޯއެވެ؟" އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "މިއީ ރަޙުމަތެވެ."

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ލޮބުވެތި ދަރިކަލުން އުރުވަޑުއްވައިގެން ހުންނަވައި ވިދާޅުވިއެވެ. "އޭ ލޮބުވެތި ދަރިފުޅާ إبــراهيــم އެވެ! މާތް اللّـه ފިޔަވައި އެހެންފަރާތަކުން ބައްޕަޔަކަށް ދަރިފުޅަށްޓަކައި އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެއެވެ. އޭ ލޮބުވެތި ދަރިފުޅު

إبــراهيــم އެވެ! ހަމަކަށަވަރުން އެކަލާނގެ އަމުރުފުޅަކީ ޙައްޤު އެއްޗެކެވެ. އަދި އެކަލާނގެ ވަޢުދުފުޅަކީވެސް ޙައްޤު އެއްޗެކެވެ. ހަމަކަށަވަރުން އަހުރެމެންގެ އެންމެފަހު މީހާވެސް މަރުވުމަށްފަހު އަހުރެމެންގެ އެންމެ ކުރީމީހާއާ ބައްދަލުކުރާނެއެވެ. އެކަން އެގޮތަށް ކަނޑައަޅުއްވައިފައި ނުވާނަމަ ހަމަކަށަވަރުން އަހުރެމެން ދަރިފުޅުގެ މައްޗަށް މިއަށްވުރެ ބޮޑަށް ހިތާމަ ކުރާނޫއެވެ. ހަމަކަށަވަރުން އަހުރެމެން މިވަނީ ދަރިފުޅުގެ ސަބަބުން ވަރަށްބޮޑު ހިތާމައެއްގައެވެ. އޭ ދަރިފުޅާ إبــراهيــم އެވެ! ލޮލުން ކަރުނަ އައިސް ރޮވެއެވެ. ހިތްމޮޅިވެ ހިތާމަކުރެއެވެ. އެހެންކަމާއެކުވެސް އަހުރެމެން اللّـه ރުހިވޮޑިގެންވާނެ އެއްޗެއް މެނުވީ ނުބުނާނޫއެވެ." (ޠާހިރު އަހުލުބައިތުން)

ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާގެ އަނބިއަނބިކަނބަލުންނާއި ބޭފުޅުން ދީނީގޮތުންނާއި އަޚްލާޤީގޮތުން ތަރުބިޔަތު ކުރައްވަން ވަރަށްބޮޑަށް ސަމާލުކަން ދެއްވިއެވެ. ޚާއްޞަގޮތެއްގައި އިތުރު ސާހިބާގެ އަނބިއަނބިކަނބަލުންނަށް ތަޢުލީމު ދެއްވައި ތަރުބިޔަތު ކުރައްވަން މަސައްކަތްޕުޅު ކުރެއްވިއެވެ. އިތުރު ސާހިބާ ތަރުބިޔަތު ދެއްވަމުން ގެންދެވީ ބޮޑު އުންމަތުގެ ދެބައިކުޅަ އެއްބައި ކަމުގައި ޖިންސުއްލަޠީފުންގެ އެދުރުބޭކަނބަލުން ކަމުގައި އެބޭކަނބަލުން ހެއްދެވުމަށްޓަކައެވެ. އެހެންކަމުން އެބޭކަނބަލުންނަށް ކީރިތި ޤުރްއާނުގެ ޢިލްމުތަކާއި ފިޤުހީ ޙުކުމްތައް ބަޔާންކޮށްދެއްވިއެވެ. އަންހެނުންގެ ޚާއްޞަ މައްސަލަތަކުގެ (ޙައިޟު ނިފާސްކަމުގެ މައްސަލަތައްފަދަ) ޢާލިމާއިން ކަމުގައި އެބޭކަނބަލުން ހެއްދެވިއެވެ. އެދުވަސްވަރު އަންޞާރުންނާއި މުހާޖިރުންގެ ވަރަށްގިނަ ބޭބޭކަނބަލުން އެކަނބަލުންގެ މައްސަލަތަކާއި އެނޫންވެސް ދީނީ ކަންކަމާމެދު ޙުކުމްތައް ހޯއްދަވަން އިތުރު ސާހިބާގެ އަނބިއަނބިކަނބަލުންގެ އަރިހަށް ވަޑައިގެން އުޅުއްވިއެވެ. އިތުރު ސާހިބާގެ އަނބިއަނބިކަނބަލުން އެމައްސަލަތައް އިތުރު ސާހިބާގެ އަރިހަށް ހުށަހަޅުއްވައެވެ. އެކަންކަމުގެ ޙުކުމްތައް ހޯއްދަވައި ސުވާލު ކުރައްވަން ވަޑައިގަންނަވާ ބޭބޭކަނބަލުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވަމުން ގެންދެވިއެވެ.

أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ވިދާޅުވެފައިވެއެވެ. "އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ރޭގަނޑު ނަމާދުކުރައްވާއިރު އަހަރެން ބައެއްފަހަރު އެކަލޭގެފާނުގެ ދާންމަތިކޮޅުގައި ނިދައިފައި އޮންނަމެވެ. އިތުރު ސާހިބާ ވިތުރި ކުރައްވާން ބޭނުންފުޅުވުމުން އަހަންނަށް ވިދާޅުވެ ހޭލައްވައެވެ. އަހަރެންވެސް ވިތުރީގައި ބައިވެރިވަމެވެ." (ބުޚާރީ)

أمّ المـؤمـنــيـن السّـيّدة أمّ سلمة رضى اللّـه عنـهــا ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެއްރެޔަކު ރޭގަނޑުގެ ނަމާދަށް ތެދުވެވަޑައިގެން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ހޭފުޅު އެރުއްވެވުމުގެ މަޤްޞަދުގައި ވަރަށް ބާރަށް ވިދާޅުވިއެވެ.

سُبْحـَـانَ اللّـهِ، مَـاذَااُنْـــزِلَ اللَّـيْــلَـةَ مِــنَ الْـفِـتـَـنِ؟ مَــاذَا اُنْـــزِلَ مِنَ الْـخَــزَائـِـنِ؟

مَــنْ يُــوْقِـظُ صَـوَاحِبَ الْحـُجُــرَاتِ؟ يـَارُبَّ كَـاسِـيَــةٍ مِّــنَ الـدُّنْــيَــا عَـارِيَــةً فِـالأخِــرَةِ

"اللّـه ގެ ހުސްޠާހިރުވަންތަކަމާއެވެ! މިރޭ ދުނިޔެއަށް ކިތައްކިތައް ފިތުނަ ބާވައިލެއްވި ހެއްޔެވެ؟ އިލާހީ ރަޙުމަތުގެ ކިތައްކިތައް ޚަޒާނާ ބާވައިލެއްވި ހެއްޔެވެ؟ މި ކޮޓަރިތަކުގެ އަހުލުވެރީން (ނަށްގޮވައި) ހޭލައްވާނެ މީހަކު އެބަހުރި ހެއްޔެވެ. މިދުނިޔޭގައި ރީތި ހެދުން އަޅައި ގަހަނާބަހަނާއިން ޒީނަތްތެރިވެގެން އުޅެނީ ކިތައްކިތައް އަންހެނުން ހެއްޔެވެ. އެކަމަކު އާޚިރަތުގައި އެއުރެން ވާނީ އޮރިޔާންވެގެންނެވެ." (ބުޚާރީ)

عـبـداللّـه بــن عبّــاس رضى اللّـه عنـهما ރިވާކުރައްވައިފައިވެއެވެ. "އަހަރެންގެ ބޮޑުދައިތާފުޅު أمّ المـؤمـنــيـن السّـيّدة مـيـمــونــة بـنت الحــارث رضى اللّـه عنـهــا ގެ ކޮޓަރިކޮޅުގައި އަހަރެން އެއްރެޔަކު ހުރީމެވެ. އެރެޔަކީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ބޮޑުދައިތާފުޅުގެ ކޮޓަރިކޮޅުގައި އަވަހާރަފުޅު ލައްޕަވާ ރެއެވެ. އިތުރު ސާހިބާ ރޭގަނޑު ތެދުވެވަޑައިގެން ނަމާދުކުރައްވާން ފައްޓަވައިފިއެވެ. އަހަންނަށްވެސް ނިދީން ހޭލެވިއްޖެއެވެ. އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންވެސް އިތުރު ސާހިބާގެ އަރިހުގައި ނަމާދުގައި ބައިވެރިވާންވީއެވެ. އެހެން ހިތައި އަހަރެން އިތުރު ސާހިބާގެ ވާތްޕުޅު ފަރާތުގައި ހުއްޓި ހަރަމްބަނދެފީމެވެ. އިތުރު ސާހިބާ އަހަރެންގެ އިސްތަށިގަނޑުގައި ހިއްޕަވައިގެން ގެންނަވައި އެމާތް ސާހިބާގެ ކަނާތްޕުޅު ފަރާތްޕުޅުގައި ބަހައްޓަވައިފިއެވެ." (ބުޚާރީ)

އިތުރު ސާހިބާގެ ގަނޑުވަރުގައިވެސް ތަފާތު މައުޟޫޢުތަކުގައި ވާހަކަ ދެކެވެއެވެ. ބައެއްފަހަރު އެކިބޭކަނބަލުން އެކިކަހަލަ ވާހަކަވެސް ވިދާޅުވެއެވެ. ޢަރަބި ޝާޢިރުންގެ ޅެންތައްވެސް ވިދާޅުވުން އޮވެއެވެ. އެކަމަކު އެއްވެސް ވާހަކަފުޅަކީ ނުވަތަ ޅެމަކީ އިސްލާމީ އަގުތަކާ ވަޑިފަތި ވާހަކަފުޅެއް ނުވަތަ ވާހަކައެއް ނުވަތަ ޅެމެއްކަމުގައި އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަށް ފެނިވަޑައިގެންފިނަމަ ވަގުތުން މަނާކުރައްވައެވެ. އެކަމެއް މަނާކުރެއްވުމުގައި އަހުލުބައިތުންގެ ލޯބިފުޅު ހުރަހަކަށް ނުވެއެވެ.

(ނުނިމޭ)