ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ހިދުމަތްދެމުންދާ އިދާރާތަކާ ގުޅިގެން ސަޕޯޓް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައި، ވަޒީފާގެ މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން ހަރަކާތްތައް ހިންގަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބީއެމްއެލުން ވަނީ ތިބާ ސައިކޮލޮޖީ، ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އަދި އިންސްޓްޓިއުޓް އޮފް މެންޓަލް ވެލްބިއިން (އައިއެމްޑަބްލިއުބީ) އާ ގުޅިގެން ގަވާއިދުން ކޮންސަލްޓޭޝަން އަދި ކައުންސިލިން ހިދުމަތް ބީއެމްއެލްގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ޕްރޮގްރާމުގެ ދަށުން، ބޭންކުގެ މުވައްޒަފުންނަށް ބޭނުންވާ ކޮންސަލްޓޭޝަން ސެޝަންތަކަށް ހޭދަވާ ހަރަދު ބޭންކުން ހަމަޖައްސައިދޭނެއެވެ. އަދި ނަފުސާނީ އެހީތެރިކަމަށް ބޭނުންވާ މުވައްޒަފުންނަށް މިދާއިރާގައި ފާހަގަކޮށްލެވޭ ފަންނީ ފަރާތްތަކުގެ އެހީ ހޯދުމަށް ބާރުއަޅާނެއެވެ.
ބީއެމްއެލުން ބުނީ މިފަރާތްތަކާ ގުޅިގެން ދަރިން ތަރުބިއްޔަތު ކުރުމާއި ވޯކް ލައިފް ބެލެންސްގެ އިތުރުން ވަޒީފާގެ މާހައުލުގައި ނަފުސާނީ ދުޅަހެޔޮ ކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ސެޝަންތަކެއްވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ކޮވިޑުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑު އަސަރެއްކޮށްފައިވާ ކަމަށާއި އެހެންކަމުން މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ބީއެމްއެލަކީ ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުން އަންނަ އެއް ކުންފުންޏަކަށްވުމާއެކު، ބޭންކުން މިކަމަށް އިސްނަގައި މިއަދު މިފަދަ މުހިންމު ފިޔަވަޅެއް އެޅުމަކީ ނުހަނު މުނާސަބުކަމެއް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނެކޭ އެއްފަދައިން އެހެން އޮފީސްތަކާއި އިދާރާތަކުންވެސް މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގައި އަދި މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުން،" އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.
ބީއެމްއެލުން އިތުރަށް ބުނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު