ޚަބަރު

ރާއްޖޭގެ ޑޮލަރު ރޭޓު ހިފަހައްޓަން ހަރުކަށި އުސޫލުތަކެއް ހަދަން ޖެހޭ: އައިއެމްއެފް

ރާއްޖޭގައި ޑޮލަރުގެ ރޭޓް 15.42 ރުފިޔާގައި ޕެގު ކޮށްފައި ބަހައްޓަން ބޭނުން ވާ ނަމަ މިހާރު ގެންގުޅޭ މަނިޓަރީ އުސޫލުތައް ހަރުކަށި ކުރަން ޖެހޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން އައިއެމްއެޕްގެ ޑިރެކްޓަރުންގެ ބޯޑުން ނެރުނު ބަޔާނުގައި ބުނީ، ފޮރިން އެކްސްޗޭންޖް އޮޕަރޭޝަންގެ ފްރޭމްވޯކާއި މަނިޓަރީ އުސޫލުތައް ޒަމާނީ ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އަޅާ ފިޔަވަޅުތަކަށް ތާއީދު ކުރާ ކަމަށެވެ.

ނަމަވެސް ޑޮލަރުގެ ރޭޓް އެއްވަރެއްގައި ހިފެހެއްޓުމަށާއި ރިޒާވް އިތުރު ކުރުމަށް މަނިޓަރީ އުސޫލުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ބުންޏެވެ.

އައިއެމްއެފުން ބުނީ ކޮވިޑުގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އިގުތިސޯދު ހަމައަކަށް އަޅުވަން ސަރުކާރުން އެޅި ފިޔަވަޅުތަކާއި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިޔަ ގޮތަށް މަރުހަބާ ކިޔާ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ދަރަނީގެ ހާލަތު ހަމައަކަށް އެޅުވުމަށް ދުރަށް ވިސްނައިގެން އަދި ވަށައިޖެހޭ ގޮތެއްގައި ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ސިޔާސަތުތައް ބައްޓަން ކުރުމަށް އައިއެމްއެފުން ވަނީ ގޮވާލައިފައެވެ.