މުނިފޫހިފިލުވުން

އާރްޔާން ހާނަށް ކަފާލާތު ނުލިބި ޖަލަށް، ޝާހުރުކްހާން އަށް ހުރަސްތައް ކުރިމަތިވަނީ

ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން މަސްތުވާތެކީގެ މައްސަލައިގައި ބަންދުކޮށްފައިވާއިރު އާއިލާގެ އިތުރުން މުޅި ބޮލީވުޑަށް ވަނީ މިކަމުން ނުތަނަވަސްކަން ގެނުވައިފައެވެ. މިދިޔަ ހަފުތާ ބަންދުގައި ކްރޫޒް ޝިޕެއް ރެއިޑުކޮށް އަތުލައިގަތް މަސްތުވާތަކެއްޗާއެކު އެންސީބީން ހައްޔަރު ކުރި މީހުންގެ ތެރޭގައި އާރްޔަން ހާން ހިމެނެއެވެ.

މިކަމުގެ ސަބަބުން އާރްޔަން ހާންގެ ކުރިމަގު ބަނަވެފައިވާއިރު ޝާހްރުކް ހާނުގެ ކެރިއަރަށްވެސް ނޭދެވޭ އަސަރު ވަނީ ކުރަން ފަށައިފައެވެ. މީޑިއާ ހަބަރުތައް ބުނާގޮތުގައި ބައިޖޫން ވަނީ ޝާހްރުކްހާން ލައްވައި އިޝްތިހާރު ކުޅުވުން މިވަގުތަށް މެދުކަނޑާލައި ޝާހްރުކް އާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރަން ނިންމައިފައެވެ.

ޝާހްރުކް ހާން އަކީ ބައިޖޫގެ ބްރޭންޑު އެމްބެސެޑަރެވެ. ބައިޖޫގެ އިތުރުން ޝާހްރުކް އަންނަނީ ގިނަ ބުރޭންޑުތައް އިޝްތިހާރުކޮށްދެމުންނެވެ. އިކޮނޮމިކް ޓައިމްސް އިން މީގެ ކުރިން ނެރެފައިވާ ރިޕޯޓަކަށް ބަލާއިރު ބައިޖޫ އިޝްތިހާރު ކޮށްދީގެން އަހަރަކު 3-4 ކުރޯޅު އިންޑިއާ ރުޕީސް ޝާހްރުކަށް އާމްދަނީގެ ގޮތުގައި ލިބެއެވެ.

ބައިޖޫ އާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ ބައިޖޫ އަކީ ތައުލީމާ ގުޅުން ހުރި ވިޔަފާރިއަކަށްވާއިރު ޝާހްރުކްހާންގެ ދަރިފުޅު މަސްތުވާތަކެތީގެ މައްސަލައެއްގައި ބަނދެވިފައި ވުމުން މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ޝާހްރުކްހާން އާއެކު މަސައްކަތް ނުކުރުން ކަމަށް ވާތީ ބައިޖޫ އިން މި ނިންމުން ނިންމީ އެވެ.

އެހެން ނަމަވެސް ޝާހްރުކާއެކު ބައެއް އިޝްތިހާރުތައް ނެގުމަށް ކުރިއާލައި ހަމަޖެހިފައިވާތީ އެހުރިހާ ކަމެއް ހުއްޓުމަކަށް ގެނައުމަށް ވަގުތު ނެގިކަމަށް ވަނީ ބުނެފައެވެ. 2017 ވަނަ އަހަރުން ފެށިގެން ބައިޖޫގެ ބްރޭންޑް އެމްބެސެޑަރުކަން ޝާހްރުކް ހާން ކުރަމުން އައިސްފައިވާއިރު، ބްރޭންޑް އެމްބެސަޑަރުކަން ޝާހުގެ ކިބައިން އަތުލުމާ މެދު އަދި ވަގިކޮތެއް ނުނިންމޭ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އާރްޔަން ހާންގެ ބަންދާ ގުޅޭ އެންމެފަހުގެ ހަބަރުތަކަށް ބަލާއިރު ކާފާލާތުގެ ދަށުން ދޫކޮށްލުމަށް މުމްބާއީ ކޯޓުން ހުއްދަ ދީފައި ނުވާތީ 14 ދުވަހުގެ މުއްދަތު ހަމަކުރުމަށް އާރްޔަން ވަނީ މުމްބާއީ އާތަރު ޖަލަށް ގެންދެވިފައެވެ.