މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް ކަމުގެ މަގާމުން "އަދަދު" ނޫހުގެ މެނޭޖިންގ އެޑިޓަރު މުހައްމަދު ހަމްދޫން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޖޭއޭގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ހަމްދޫން މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާ އަދާކުރަމުން އަންނަ ފުލްޓައިމް ވަޒީފާ އާއި އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތުން ޖަމިއްޔާގެ ރައީސްގެ ޒިންމާ އަދާ ކުރުމަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުން މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

"ވޭތުވެދިޔަ މުއްދަތުގައި މެމްބަރުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރަން،" ހަމްދޫން ވިދާޅުވެފައިވެއެވެ.

އެމްޖޭއޭއަކީ ނޫސްވެރިކަމަށާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މީގެ 11 އަހަރު ކުރިން އުފައްދާފައިވާ ނޫސްވެރިންގެ ޖަމިއްޔާއެކެވެ.

އެ ޖަމްއިއްޔާގެ ރައީސްކަމުގެ މަގާމަށް ހަމްދޫން އިންތިހާބު ކުރީ ހުސްވި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

އެމްޖޭއޭގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމުގެ ގޮތުން، ޓެލެގްރާމް މެދުވެރިކޮށް އެދުވަހު ކުރިއަށްގެންދިޔަ ޖަލްސާގައި އެމްޖޭއޭގެ ނައިބު ރައީސަކަށް އެމްއެމްސީގެ ކުރީގެ މެމްބަރު ރިފްޝާން ހޮވާފައިވާ އިރު ސެކްރެޓަރީއަކަށް ހޮވުނީ އަހުމަދު ނާއިފެވެ. ބަޖެޓު ސެކްރެޓަރީއަކަށް ނާޒިމް ހަސަން ހޮވުނުއިރު އާންމު މެމްބަރުންގެ ގޮތުގައި ހޮވުނީ މުހައްމަދު ޖުނެއިދު އަދި ފާތިމަތު ސާޔާ އަހުމަދެވެ.