Close
ޚަބަރު

އެމްއެންޕީގައި ތަބަކަަކަށް ލާފައި ދޭނެ އެއްޗެއް ނޯންނާނެ: ރިޔާޒު

2

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތަބަކަކަށް ލާފައި ދޭނެ އެއްޗެއް ނޯންނާނެ ކަމަށް އެޕާޓީގެ އެއް ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އެމްއެންޕީ އިފުތިތާހު ކުރުމަށް ގިޔާޒުއްދީން ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ރިޔާޒު ވިދާޅުވީ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތަކަކީ ކޮންމެވެސް މީހެއްގެ ފަހަތުން އެނބުރޭ ނުވަތަ ކޮންމެވެސް މީހަކު ހިސޯރުކޮށްފައިވާ ޕާޓީތަކެއް ކަމަށެވެ. އަދި އެޕާޓީތަކުން އިސްކުރެވެނީ ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެޕާޓީތައް އުޅެނީ ގައުމީ ކަންކަން އިސްކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް ރައްޔިތުން ބާރުވެރިކުރުމުގެ ބަދަލުގައި އެބައެއްގެ ވަށައިގެން އެނބުރޭ ބަޔަކު ރުއްސުމަށް ކަމަށާއި އެޕާޓީތަކުން މަސައްކަތް ކުރަނީ ގައުމުގެ މާލިއްޔަތު މުއްސަނދި ކުރުމުގެ ބަދަލުގައި އަމިއްލަ އަދި އެމީހެއްގެ ރަހުމަތްތެރިންގެ ޖީބުތައް ފުރާލުމަށް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

އެމްއެންޕީން ދައްކާ ވާހަކައާއި އަމަލާ ދިމާވާނެކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ، އެމްއެންޕީ އުފައްދަން ނިންމީ ގައުމާމެދު ވަރަށް ފުންކޮށް ވިސްނާ ފިކުރު ކުރުމަށްފަހު އެނޫން އެއްވެސް ގޮތެއް ނުފެނިގެން ކަމަށެވެ. އަދި ޕާޓީގެ މަސައްކަތުގައި އެއްވެސް މީހެއްގެ މޫނަކަށް ކަދުރާއަކަށް ނުބަލައި ކުރިއަށްދާނީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް ވިދާޅުވިއެވެ.

"ދެފުށް ފެންނަ ޒަމާނީ ޑިމޮކްރަސީއެއްގެ ރީތި އުސޫލުތައް ހިފަހައްޓާނަން. ޕާޓީގެ ކައުންސިލުގައި އާންމު މެންބަރުންގެ ރުހުމާ ނުލައި ހަމައެއްވެސް މީހަކަށް ނުހުރެވެނެ. ތަބަކަށް ލާފައި ދޭނެ އެއްވެސް އެއްޗެއް މިޕާޓީގައި ނޯންނާނެ،" ރިޔާޒު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟