ފުރިހަމަ ބޮޑު ކާމިޔާބީއެއް ގެނެވޭނީ އަމިއްލަ ނަފުސުން ގުރުބާނީތަކެއް ވެގެން ކަމަށާއި ބޮޑުތަކުރުފާނުގެ ޖިހާދުންވެސް ފެންނަން އޮތް ހަގީގަތަކީ އެއީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމްގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ގައުމެއްގެ ގޮތުގައި ދެމި އޮންނާނީ ގައުމަށްޓައި ކާބަފައިން ވެވަޑައިގެންފައިވާ ބޮޑެތި ގުރުބާނީތަކާއި އެމީހުންގެ ޒިކުރާ އާކޮށް އެގުރުބާނީތަކަށް ފަހުރުވެރިވާ ބަޔަކު ގައުމުގައި ދެމިތިބެގެންކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ، ކާބަފައިން ހިފަހައްޓާފައިވާ މަތިވެރި ހަމަތަކާއި ސިފަތައް ބަލައިގަނެ ދަމަހައްޓަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އުތީމްގައި މެދުކެނޑުމެއް ނެތި ގައުމީ ދުވަސް ފާހަގަކުރަނީ ބޮޑުތަކުރުފާނަށް އެރުވޭ މަތިވެރި އިހުތިރާމަކާއި ޝަރަފެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަކުރުފާނު އުފަންވެވަޑައިގެންނެވި ރަށުގެ ރައްޔިތުންނަށް އަދާކުރެވޭ އަދަބު ތައުބީނެއްގެ ގޮތުގައި ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި އެތައް ދަރިންތަކެއް އެބަތިބި ކަމަށާއި އެކަމަކު އެ ދަރިން، ދަރިންނަށް ހަދަންޖެހޭ ކަމަށެވެ. މިނިސްޓަރު މިސާލު ނެންގެވީ "މީހުން މީހުނަށް ވާނީ މީހުނަށް ހެދީމާ" ކަމަށް މުހައްމަދު ތަކުރުފާނު ވިދާޅުވެ އަމަލުން ދެއްކެވި މިސާލުންނެވެ.