ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ހަތަރު ވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެއެވެ.
ބީއެމްއެލް އިން މިއަދު ބުނީ އެބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ކުންފުންޏަކަށް ހޮވިފައިވާ ކަމަށެވެ.
މީގެ އިތުރުން މުޅި ދުނިޔެއަށްވެސް ދިމާވި އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްފައިވާ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުއައްސަސާތަކުން އަމަލުކުރަމުންދާ އެންމެ ރަނގަޅު ސިޔާސަތުތަކަށް ރިއާޔަތްކޮށް އެކިއެކި ދާއިރާތަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް ދެވޭ އެވޯޑެކެވެ. ހިއުމަން ރިސޯސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް މި އެވޯޑްގެ ޖަޖިން ޕެނަލްގައި ހިމެނޭއިރު އެޗްއާރު ގެ ދާއިރާއިން ހޯދައިފައިވާ ކާމިޔާބަށް ބަލައި ކުންފުނިތަކަށް އެވޯޑް ދެވެއެވެ.
މިއެވޯޑް ބޭންކާ ހަވާލުކޮށްފައި ވަނީ މިއަދު ބޭއްވުނު ހާއްސަ ހަފުލާއެއްގައެވެ. އެގޮތުން ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވެފައިވަނީ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް، މުހައްމަދު މާއިޒް، ހެޑް އޮފް ބްރާންޗެސް އެންޑް ސާވިސް ސެންޓާސް، ހުސައިން ރަޝީދު އަދި ހެޑް އޮފް ކަސްޓަމާ ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު އަލީއެވެ. މި އެވޯޑް ހަފުލާގައި ބޭންކުން ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ ހަތަރު ވަނަ ފަހަރަށް މި އެވޯޑް ލިމުބަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ބޭންކުގެ އޮޕަރޭޝަންސް އަށް ކުރި ނޭދެވޭ އަސަރާއެކު އެ ބޭންކުގެ އެންމެ މުހިންމު އަމާޒަކަށްވީ ސްރެޓަޖީގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާއަށް ޝައުގު އުފައްދައި ވަޒީފާގައި ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިންމު އިސްކަމެއްދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުން. މި އެވޯޑް ބޭންކަށް މިފަހަރުވެސް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން." އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.
ބީއެމްއެލުން ބުނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެ ބޭންކުން އެކުލަވާލަމުން ގެންދާ ކަމަށެވެ. އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމުރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ގެންނަމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު