ބަނދަރަށް ވެލި ވަދެ ދޭތެރެ ދޭތެރެއިން ބަންދުވާ މައްސަލަ އަކީ 2011 ވަނަ އަހަރުން ފެށިގެން ރ. ކިނޮޅަހަށް ދިމާވަމުންދާ މައްސަލައެއް ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެކި އެކި ސަރުކާރުގައި އާދޭސް ދަންނަވާތާވެސް 10 ވަރަކަށް އަހަރު ވެދާނެ ކަމަށް ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން މިއަދު "ވަން" އަށް ވިދާޅުވި އެވެ.
މި އާދޭހުގެ އަޑު އިވުނު ކަމަކަށް އެއްވެސް ބަޔަކު ނުހެދި އެވެ. ދޭތެރެއަކުން އެތަނުން ކޮންމެވެސް ވަރަކަށް ވެލި ނެގި ނަމަވެސް އަނެއްކާވެސް ވެލި އަރައި މުޅި ބަނދަރު ބައްދާލާ ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ފަހުން ރައްޔިތުން މަގުމައްޗަށް ނިކުމެ ޝަކުވާ ކުރަން ޖެހުނީ މި ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ކިނޮޅަހަށް އަންނަ ފެރީވެސް އެރަށަށް ނުވަދެވިގެން ދަތުރު ނުކުރާ ކަމަށެވެ. ކިނޮޅަހަކީ ދަނޑުވެރި ރަށަކަށް ވުމުން ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ދަނޑުވެރި އުފެއްދުންތައް ގެންދަން ޖެހޭނީ ފެރީ އޮންނަ އެހެން ރަށްތަކަށް ކުޑަ ލޯންޗެއްގައި ކަމަށެވެ. މިއީވެސް ރައްޔިތުންނާއި ދަނޑުވެރިންނަށް އުފުލަން ޖެހޭ ބޮޑު ތަކުލީފެއް ކަމަށް އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޑަ ލޯންޗެއްވެސް ހިފަން ޖެހޭނީ ކުއްޔަށް ކަމަށާއި އެކަމަށް ކުރާނެ ހަރަދު ކައުންސިލް ބަޖެޓަކު ނެތް ކަމަށާއި އެހެންކަމުން މިހާތަނަށް ދިޔަ ހަރަދާއި އެކަމަށް ދާނެ ހަރަދު ދިނުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދިފައިވާނެ ކަމަށެވެ.
އިއްޔެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާ ކުރީ ބަނދަރަށް ވެލި އަރައި ބަންދުވާ މައްސަލައަށް އެއްވެސް ހައްލެއް ނުލިބުމުން ކަމަށް އަހުމަދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އާދޭސް ކުރާތާ އެތައް ދުވަހެއް ވެއްޖެ. މާލެއިން މިގެންނަ މުދާ ބާލަން ދާން މި ޖެހެނީ ކުޑަ ދޯންޏެއްގަ ނޫނީ ލޯންޗެއްގަ. އެތައް ފަހަރަކު މަތިން މިގެންނަން ޖެހެނީ. މިއީ ވިޔަފާރިވެރިން އަތުންވެސް ދާނެ އިތުރު ހަރަދެއް. އެހެންވީމަ އެ މީހުންނަށްވެސް މަޖުބޫރު އެބަވޭ މުދަލުގެ އަގު ބޮޑުކުރަން. ހުރިހާ ތަކުލީފެއް މިޖެހެނީ ރައްޔިތުންނަށް. ބޭސްފަރުވާ އަށް ތަނަކަށް ފުރައިގެން ދާންވެސް އެހާ ދަތި އުދަނގޫ. އެހެންވީމަ އަޅުގަނޑުމެން އެދެނީ މިކަމަށް ވީ އެންމެ އަވަހަކަށް ހައްލެއް ލިބިގެން ދިޔުން." އޭނާ ވިދާޅުވި އެވެ.
ކިނޮޅަހުގެ އުތުރު ފަރާތުގައި މި ބަނދަރު ހަދާފައި ވަނީ 2010 ވަނަ އަހަރެވެ. މި ބަނދަރު ހެދީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑުން ބައެއް ނެގުމަށް ފަހު، ބަނދަރާއި ދޮންވެލިގަނޑު ވަކިކުރަން ދެމެދުގައި އިންފާރެއްގެ ގޮތުގައި ހިލަ ޖެހުމަށް ފަހު އެވެ. އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން އެ އިންފާރު ހަލާކުވެ، ފަޅަށް ވެލި ވަންނަން ފެށި އެވެ. އަހުމަދު ވިދާޅުވީ އޭގެ ފަހުން ކޮންމެ ހުޅަނގު މޫސުމެއްގައި އެ ބަނދަރަށް ވަރަށް ގިނައިން ވެލި އަރާ އެތަށް ތަކުލީފެއް ރައްޔިތުން އުފުލަން ޖެހޭ ކަމަށެވެ.
ކިނޮޅަހުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ބަނދަރަށް އުޅަނދެއް ނުވަދެވި ދާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހޭ ދުވަހެއް ކަމަށެވެ. ހާލު ދެރަ ބަލި މީހަކު ގޮވައިގެން ކުއްލި ގޮތަކަށް ފުރަން ޖެހިއްޖެ ހާލަތެއްގައިވެސް ކުޑަ ލޯންޗެއްގައި ބަނދަރުން ބޭރަށް ގެންގޮސް އަނެއްކާ އެހެން ލޯންޗަކަށް ބަދަލު ކުރަން ޖެހުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. މުދާ ބަރުކޮށްގެން އަންނަ ބޯޓު ބޭރުގައި ބާއްވައިގެން އެ މުދާ އެހެން އެއްޗަކަށް ހުސްކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.
"ހިތާމަވެރި ހާދިސާއެއް ހިނގާނީކީ ބުނެފައެއް ނޫން. ކަނޑު ގަދަ ދުވަހެއްގަ ކިހިނެއްތޯ މިރަށުގެ ވިޔަފާރިވެރިން މުދާ ބާލާނީ. ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަން ވާނެ ދެއްތޯ. އަޅުގަނޑުމެން ގޭގަ މަޑުން ތިބެގެން ކުރި އާދޭހުގެ އަޑު އިވުނު މުއައްސަސާއެއް ނެތް. މިހާރު އެންމެ އަވަހަށް އަޑު އިވެނީ މަގުމައްޗަށް ނިކުމެ ޝުއޫރު ފާޅު ކުރީމަ. އެހެންވީމަ އަޅުގަނޑުމެން ޝުއޫރު ފާޅު ކުރީ. އުއްމީދު ކުރަނީ އަޅުގަނޑުމެންގެ އަޑުވެސް ސަރުކާރުގެ އިސްވެރިންނަށް އިވި މިކަމަށް ދާއިމީ ހައްލެއް ލިބުން. ކޮވިޑު ބަލި ފެތުރި މޮނިޓަރިންގެ އޮތުމެކޭ މިހާރު ވަކި ތަފާތެއް ނެތް. އޭރުވެސް ރަށް ބަންދު. މިހާރުވެސް ބަންދު." އޭނާ ބުންޏެވެ.
އިއްޔެގެ މުޒާހަރާއާ ގުޅިގެން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން އެރަށު ކައުންސިލަށް ގުޅައި ވެގެން އުޅޭ ގޮތް ސާފު ކުރި ކަމަށް ކައުންސިލް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޕްލޭނިން މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ގުޅި ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އޭނާ އަށް ފޯނުން ގުޅުއްވައި ވަރަށް އަވަހަށް އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި ކަމަށާއި އެގޮތުން އެރަށު ބަނދަރު ބޮޑުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
އާބާދީގައި 700 މީހުން ދިރިއުޅޭ ކިނޮޅަހުގެ ލަފާ ފުރުމުގެ ދަތި ކަމަށް ހައްލު ހޯދުމަށް ރަށުގެ ކުދި ބޮޑު އެތައް ރައްޔިތުންގެ އާދޭހެކެވެ. ކޮވިޑުގައި ނޫނަސް އެރަށް އެ އޮތީ ބަންދު ވެފަ އެވެ. ރައްޔިތުންނަށް ހުރި ފުރުސަތުތައް ވެސް އެ ހުރީ ބަންދު ވެފަ އެވެ.
ފީޗާރޑް
ފީޗާރޑް
ފީޗާރޑް
ފީޗާރޑް