ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިސަރު ޔުސްރީން މިރޭ "ވަން" އަށް ވިދާޅުވީ، ރޭ 7:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ ގައިދީއަކު ހާލު ދެރަވެ، އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް މިރޭ މަރުވެފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިރޭ މަރުވި މީހާއަކީ މ. މަލަސް, އިސްމާއީލް ޝަބީން، 46، އެވެ.

ޝަބީން އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ވިޔަފާރި ކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން މާލޭ ޖަލުގައި ބަންދުގައި ހުރި މީހެއް ކަމަށެވެ. އަދި އޭނާއަކީ ހަކުރު ބަލި ހުންނަ މީހެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.