ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާ މެދު މީގެ ކުރިން ބިރު ނުގަންނަ މިންވަރަށް މިހާރު ބިރުގަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ ބައެއްގެ މެދުގައި ގައުމިއްޔަތެއް ދެމި އޮންނާނީ އަދި އެގައުމިއްޔަތު ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީ އެގައުމެއް މި ބިންމަތީގައި ވުޖޫދުވެ އޮވެގެން ކަމަށެވެ.

"އަޅުގަނޑުމެންގެ މި ހިތްގައިމު ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާ މެދު މިއިން ޒަމާނެއްގައި އަޅުގަނޑުމެން ބިރު ނުގަންނަ މިންވަރަށް މިހާރު އެބަ ބިރުގަނޭ. މިއީ ތޯތޯ ވާހަކައެއް ނޫން. މިއީ އިލްމީ ހަގީގަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކަށް ކަމަށާއި ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ހިއްސާ ވަރަށްވެސް ކުޑަ ކަމަށެވެ. އެއީ ހަގީގަތް ނަމަވެސް ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް އަދި އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީވެސް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ މުޅި މުޖުތަމައާ ގުޅިފައިވާ މިފަދަ ކަންކަމުން ވެސް ސާބިތު ވަނީ، ހުރިހާ ގައުމުތަކެއް އެކުގައި އެއް އާއިލާއެއްގެ ގޮތުގައި އުޅުމުގެ މުހިންމުކަން. މިފަދަ ގޮންޖެހުންތަކުން ދޭހަކޮށްދެނީ ކިތަންމެ ދުރުގައި ކިތަންމެ ވަކިން އޮތަސް، ބައިނަލްއަގުވާމީ މުޖުތަމައާ ވަކިވެގެން އުޅެވެން ނެތްކަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން އިންތިހާއަށް މަތިވަމުންދާ ކަމަށާއި މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކާ ހެދި އެންމެ ބޮޑެތި ގައުމުތައްވެސް ގޮތް ހުސްވެފައިވާ ކަމަށެވެ.

"ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމަށް އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ އަޅުގަނޑުމެންނަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއް. މިޖަޒީރާތައް ނެތި، ރާއްޖެއެއް ނޯންނާނެ. ރާއްޖެ ނެތް ހިނދެއްގައި ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި ދިވެހި ގައުމިއްޔަތެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަކީ ދިވެހިންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަން ޖެހިއްޖެ ކަމަށެވެ. އަދި ދިވެހިންގެ ދިރިއުޅުމާއި އިގުތިސޯދުވެސް ބިނާވެފައިވާ ރާއްޖޭގެ މާހައުލީ ނިޒާމު، ތޮބީއީ ހާލަތަށް އިއާދަކޮށްދިނުމަށް އާ އަޒުމަކާއެކު އެންމެން އެކުގައި ތެދުވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.