އުރީދޫ ސާފް ޗެމްޕިއަންޝީޕްގައި ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރާ މެޗުގެ ކުރިން ޓިކެޓުގެ މައްސަލަތަކެއް ޖެހުނެވެ. ޓިކެޓު ގަންނަން ދިވެހީންނާއި ބިދޭސީން ކިޔޫތައް ހަދާލިއިރު، ބިދޭސީންނަށް ވިއްކި އަވޭ ޓިކެޓު ވަރަށް އަވަހަށް ހުސްވެއްޖެއެވެ. އެއަށްފަހު ދެން ބާކީ ހުރީ ހަމައެކަނި ހޯމް ފޭނުންގެ ޓިކެޓެވެ. އޭރުވެސް ދިވެހީން ކިޔޫ ޖެހިގެން ޓިކެޓު ނަގަމުން ދިޔައިރު، ޓިކެޓު ހުސްވުމާއެކު ބިދޭސީން އެތަނަށް އެއްވެ އަޑުބާރުކޮށް، ޓިކެޓު ވިއްކުމަށް ބުނަމުން ދިޔައެވެ. އެ މަންޒަރަށްފަހު ދެން ފެނިގެން ދިޔައީ ދިވެހީން އަތުން ބަންގުލަދޭޝް ރައްޔިތުން، ބްލެކް މާކެޓުގެ އަގުގައި ޓިކެޓު ގަންނަން ފެށިތަނެވެ. އެފްއޭއެމް އިން އިއްޔެ ބުނެފައި ވަނީ ބްލެކް މާކެޓުގައި 1500 އާއި 2000 ރުފިޔާގެ އަގަކަށް ޓިކެޓު އެރި ކަމަށެވެ.

މައްސަލަތައް ހޫނުވެ، އެފްއޭއެމް އިން ފުރަތަމަ ބުނެފައި ވަނީ ދިވެހީންނަށް ވިއްކާ ހޯމް ޓިކެޓަށް ބިދޭސީންނަށް ދަނޑަށް ނުވަދެވޭނެ ކަމަށާއި، ދަނޑަށް ވައްދާއިރު، ބިދޭސީން ނަމަ ދަނޑަށް ވަންނަން ވޯކް ޕާމިޓު ނޫނީ ވިސާ ދައްކަން ޖެހޭނެ ކަމަށެވެ. ސާފް ޗެމްޕިއަންޝިޕްގައި މެޗު ބަލަން ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ އަދަދަކީ 5000 އެވެ. މީގެ ތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ނިންމާފައިވަނީ 200 ޓިކެޓެވެ. އެއީ ސާފްގެ އުސޫލުގައި ބުނާ ގޮތެވެ. އަދި ދުނިޔޭގެ ފުޓުބޯޅަ ހަމައަށް ބަލާއިރުވެސް، އަވޭ ޓީމުތަކަށް އަބަދުވެސް ވިއްކާނީ ހޯމް ޓީމުތަކަށްވުރެ ބޮޑުތަނުން ޓިކެޓު މަދުކޮށެވެ. ފީފާގެ ގަވާއިދަށް ބަލައި، ގިނަ ގައުމުތަކުން އަމަލުކުރަމުން އަންނަނީ އަވޭ ޓީމަށް ދަނޑުގެ ކެޕޭސިޓީގެ 5-10 ޕަސެންޓާ ދެމެދުގެ ސަޕޯޓަރުން ވެއްދޭ ގޮތަށެވެ.

ސާފްގެ އުސޫލުތަކަށް، މީގެ ކުރިންވެސް ސާފްގެ ހުރިހާ މެޗެއްގައިވެސް އަމަލު ކުރަމުންދިޔަ ގޮތަށް ރާއްޖޭގެ އެފްއޭއިންވެސް ޓިކެޓު ވިއްކަމުން ދަނިކޮށް، ކުއްލިއަކަށް ދެން މައްސަލައިގެ ތެރެޔަށް ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އެވެ. ގައުމީ އެތައް ކަމެއްގައި ޒިންމާދާރުވެ، އެ ވާހަކަތައް ދައްކަން ޖެހޭ ޓްރާންސްޕޭރެންސީން ޓިކެޓު ގެ ކަންކަމުގައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ވަކި ގައުމަކަށް ޓާގެޓް ކޮށް، މުބާރާތުގެ ތެރެއިން އެފްއޭއެމްއިން މުޅިން އާ އުސޫލެއް" ހެދުމަކީ ތަފާތު ކުރުން ކަމަށެވެ. އެ ބަޔާން ނެރުމުގެ ކުރިންވެސް އޮތް އުސޫލު ކޮބައިތޯއެއް ޓްރާންސްޕޭރެންސީން ބަލައިލައިފައި ނުވާއިރު، ބައިނަލްއަގުވާމީ ކުޅިވަރުގައި "ހޯމް އެންޑް އަވޭ" އުސޫލުގައި ހޯމް އެޑްވާންޓޭޖަށް ޓިކެޓު ވިއްކާ ވިއްކުމަށްވެސް ބަލައިލައިފައެއް ނުވެއެވެ.

އެ ބަޔާނާއެކު ޓްރާންސްޕޭރެންސީއަށް "ވާނުވާ" ނޭނގޭ ކަމަށް ބުނެ އެތައް ބަޔަކު ވަނީ ބަޔާނަށް ފާޑު ކިޔައިފައެވެ. ހާއްސަކޮށް ފުޓުބޯޅައިގެ ތެރޭގައި އުޅޭ ގިނަ ބަޔަކު ބުނަމުން ދިޔައީ ފީފާ އާއި ޔޫއެފާގެ އުސޫލުތަކަށްވެސް ނުބަލައި، ޓްރާންސްޕޭރެންސީ ފަދަ ޖަމިއްޔާއަކުން ބަޔާން ނެރުނު ކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ ބަޔާނުގެ ސަބަބުން ފިތުނަ އުފެދި، ހަގީގަތް އޮޅިގެންދާ ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ.

ޓްރާންސްޕޭރެންސީގެ ވާހަކަތަކާއި ގުޅިގެން އެފްއޭއެމްއިން ވަނީ އެކަން ސާފުކޮށްދީފައެވެ. އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓިކެޓު ވިއްކަނީ މާ ކުރިންވެސް ސާކްގެ ހުރިހާ ގައުމަކުން މުބާރާތަށް އެއްބަސްވެފައިވާ އުސޫލަކަށް ކަމަށާއި، އުސޫލުގެ ދަށުން ބަންގުލަދޭޝްގެ ރައްޔިތުންނަށް އަވޭ ޓިކެޓުގެ ގޮތުގައި ވިއްކީ 200 ޓިކެޓު ކަމަށެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ ދިވެހި ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓެއްގައި ބިދޭސީ އަކަށް ދަނޑަށް ނުވަދެވޭ ގޮތަށް އަދި ބިދޭސީއަކަށް ވިއްކާ ޓިކެޓެއްގައި ދިވެއްސަކަށް ދަނޑަށް ނުވެދެވޭ ގޮތަށް ހަމަޖައްސާފައިވަނީ މައިގަނޑު ދެ ސަބަބަކަށް ޓަކައި ކަމަށެވެ.

"ފުރަތަމަ ސަބަބަކީ ބްލެކް މާކެޓުގައި ޓިކެޓް ވިއްކުން ހުއްޓުވުމަށްޓަކަ އެވެ. މިހާރުވެސް ބަންގްލަދޭޝްގެ ރައްޔިތުންނަށް 1500 އާއި 2000ރ. އާ ދެމެދުގެ އަދަދަށް ޓިކެޓް ވިއްކާކަމުގެ ޝަކުވާ ވަނީ މި އެސޯސިއޭޝަނަށް ލިބިފަ އެވެ. ނަމަވެސް މިއީ މި އެސޯސިއޭޝަނުން ގަބޫލު ނުކުރާ އަދި ހިތްވަރުދޭ ކަމެއް ނޫންކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.

"ދެ ވަނަ ސަބަބަކީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ކޮންމެ ބަޔަކަށް ވެސް ދަނޑުގައި ކުޅިބެލުމަށް ހާއްސަ ޖާގަތަކެއް ކަނޑައެޅިފައިވާ ހިނދު ދެ ޓީމުގެ ސަޕޯޓަރުން އެއްވެގެން ތިބެ ކުޅިބަލަން ޖެހިއްޖެނަމަ ދިމާވެދާނެ ސަލާމަތީ ސަބަބުތަކަށް ކުރީބައިގައި ހުއްޓުވުމަށްޓަކައެވެ."

މިި އުސޫލުތަކަކީ ސާފްގެ މީގެ ކުރިން ބޭއްވި މުބާރާތްތަކުގައި އަމަލުކުރެވުނު ގަވާއިދާ އެއް ގޮތަށް އޮތް ކަންކަމެވެ. އެ އުސޫލު ކުރީންވެސް އޮއްވައި، މުބާރާތުގެ ތެރެއިން އުސޫލެއް ހެދިކަމަށް ބުނެ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެކެވިގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.