މުނިފޫހިފިލުވުން

ރޭކާ އާއެކު ދުވަހަކުވެސް މަސައްކަތް ނުކުރަން އާމިރު ހާން ނިންމީ މި ސަބަބާއި ހެދި

1

ކުރީގެ މަޝްހޫރު ބަތަލާ ރޭކާ އަކީ ފަނޑުވުމެއް ނެތި އަދިވެސް ބޮލީވުޑްގައި ވިދަމުން އަންނަ އަލިގަދަ ތަރިއެކެވެ. ރޭކާ އެކޭ އެއްވަރަށް އާމިރްހާން އަކީވެސް އިންޑަސްޓްރީގައި އެހާމެ ކާމިޔާބު ތަރިއެކެވެ. ނަމަވެސް މިދެތަރިން ދުވަހަކުވެސް އެކުގައި މިވީހާ ތަނަށް މަސައްކަތް ކޮށްފައި ނުވާކަން އެނގޭ ހެއްޔެވެ؟

އޭގެ ފަހަތުގައި ސަބަބެއްވެސް އެބައޮތެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އާމިރްހާން ވަނީ ރޭކާ އާއެކު ދުވަހަކުވެސް އެކުގައި މަސައްކަތް ނުކުރަން ވަރަށް ކުރިން ނިންމާފަ އެވެ. އާމިރު ކުޑައިރު އޭނާގެ ބައްޕަ ތާހިރް ހުސައިން އާއެކު ރޭކާ ވަނީ މަސައްކަތް ކޮށްފައެވެ.

ފިލްމު ''ލޮކެޓް''ގައި އާމިރުގެ ބައްޕައާ އެކު ރޭކާ މަސައްކަތްކުރިއިރު އާމިރު ވަރަށް ގިނައިން ފިލްމުގެ ސެޓަށް ގޮސް ހަދާކަމަށް ވެއެވެ. މިހެން ގޮސް އުޅުމުގެ ތެރޭގައި އޭނާއަށް ފާހަގަވި ކަމަކީ ރޭކާ އަކީ މަސައްކަތަށް އެހާ ސަމާލު ކަން ނުދޭ، ގަޑިއަށް ފަރުވާތެރި މީހެއް ނޫން ގޮތުގައެވެ. މިކަހަލަ އެތައް ކަމެއް ފާހަގަ ކުރެވި ރޭކާ އާ އެކު ދުވަހަކުވެސް މަސައްކަތް ނުކުރަން އާމިރު ހާން އޭރުން ފެށިގެން ނިންމާފައިވާ ކަމަށް ވެއެވެ.

ނަމަވެސް އާމިރް ހާން ރޭކާއާ އެކު އެއް ފިލްމެއްގައި މަސައްކަތް ކުރަން ނިންމިއެވެ. ''ޓައިމް މެޝިން'' ކިޔާ ފިލްމެއްގައި ރޭކާ އަދި ނަސީރުއްދީން ޝާހް ބައިވެރިކުރަން އާމިރު ހާން އެއްފަހަރެއްގައި ނިންމި ނަމަވެސް ބަޖެޓު ތާށިވުމުގެ ސަބަބުން މިފިލްމުގެ މަސައްކަތް ފެށިގެން ގޮސްފައެއް ނުވެއެވެ.

ކަން މިހެން ހުރި ނަމަވެސް މިދެތަރިންގެ މެދުގައި ރުޅިވެރިކަމެއް އުފެދިފައެއް ނުވެއެވެ. 2017 ވަނަ އަހަރު ނެރުނު އާމިރް ހާންގެ ކާމިޔާބު ފިލްމު ''ޑަންގަލް'' ބެލުމަށްފަހު އާމިރަށް ތައުރީފު ކޮށް ރޭކާ ލިޔުނު އަސަރުގަދަ ސިޓީއެއްގެ ސަބަބުން ވަނީ އާމިރު ހާން ރޮއްވާލައިފައެވެ. އެ ސިޓީއާ ގުޅިގެން އާމިރު އޭރު ބުނެފައިވަނީ އޭނާ ދުވަހަކުވެސް އެ ސިޓީ އެއްލައިނުލާނެ ކަމަށާއި ފިލްމުގެ ކާމިޔާބީ ފާހަގަކޮށް ރޭކާ ލިޔުނު ސިޓީ އޭނާގެ ހިތުން ޖާގަ ހޯދާފައިވާ ކަމަށެވެ.

އާމިރް ހާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމު ''ލާލް ސިންގް ޗައްދާ' އިންނެވެ. ކަރީނާ ކަޕޫރު ހާން އާއެކު ކުޅެފައިވާ މިފިލްމަކީ މިދިޔަ އަހަރު ރިލީސް ކުރަން ހަމަޖެހިފައި އޮތް ފިލްމެއް ނަމަވެސް ފިލްމު ރިލީސް ކުރާ ތާރީހު ވަނީ ކޮވިޑުގެ ސަބަބުން ފަސް ކޮށްފަ އެވެ.