ދުނިޔޭގެ އެންމެ މަޝްހޫރު ލަގްޒަރީ ގަޑި އުފައްދާ އެއް ކުންފުނި ކަމަށްވާ 'ޖޭކަބް އެންޑް ކޯ' ގެ އާ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ނޯރާ ފަތޭހީ ހަމަޖައްސައިފިއެވެ.

މިކަން އިއުލާނުކުރުމުގެ ގޮތުން އެ ކުންފުނީގެ ބާނީ ޖޭކަބް އަރަބޯ ވަނީ ނޯރާއަށް ހާއްސަ ގަޑިއެއް ހަދިޔާކުރައްވައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، މިއީ ފީފާ ވޯލްޑް ކަޕަށް ނިސްބަތްކޮށް، މޮރޮކޯގެ ދިދައިގައި ހިމެނޭ ރަތް އަދި ފެހި ކުލައިން ފަރުމާކޮށްފައިވާ، އާންމުކޮށް ވިއްކަން ނެރެފައިނުވާ ހާއްސަ ގަޑިއެކެވެ. މީގެ އިތުރުން، މި ބްރޭންޑް ޕްރޮމޯޓްކުރުމުގެ ގޮތުން ނޯރާ ވަނީ 78 ލައްކަ ރުޕީސްގެ އަގުހުރި 'ބްރިލިއަންޓް ސްކެލެޓަން ނޯދަން ލައިޓްސް' ގަޑިއެއް އަޅައިގެން ކެމްޕެއިންގައި ބައިވެރިވެފައެވެ.

ޖޭކަބް އެންޑް ކޯ އިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އިންޑިއާގެ ލަގްޒަރީ މާކެޓުގައި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމެވެ.

މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރު އިންޑިއާގެ ލަގްޒަރީ ގަޑީގެ މާކެޓުގެ އަގު 4.62 ބިލިއަން ޑޮލަރަށް އަރައެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ ނޯރާ މެދުވެރިކޮށް، އިންޑިއާގެ މުއްސަނދިންގެ މެދުގައި ބްރޭންޑް ޕްރޮމޯޓްކުރުމަކީ ކުންފުނީގެ ސްޓްރެޓީޖިކް އަމާޒެއް ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ކުންފުނީގެ މަންދޫބުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޯރާ ހިޔާރުކުރީ އޭނާގެ ހުނަރާއި، ބައިނަލްއަގުވާމީ ފެންވަރުގައި އޮތް މަގުބޫލުކަމުގެ ސަބަބުންނެވެ.

މި އެއްބަސްވުމާއެކު، ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނެލް މެސީ އަދި ރިހާނާ ފަދަ ދުނިޔޭގެ މަޝްހޫރު ތަރިން ހިމެނޭ ޖޭކަބް އެންޑް ކޯގެ އެމްބެސެޑަރުންގެ ލިސްޓުން ނޯރާއަށް ވަނީ ޖާގަ ލިބިފައެވެ. ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ބައިނަލްއަގުވާމީ ގިނަ ކެމްޕެއިންތަކެއްގައި އޭނާ ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.