ޚަބަރު

ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ރައީސް ކަނޑޫދުއަށް ވަޑައިގަންނަވަނީ

އަލީ ޔާމިން

ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތ. ކަނޑޫދުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު 15 ފާހަގަކުރަން ނިންމެވީ ރައީސް ސޯލިހުގެ ސަރުކާރުންނެވެ. މިއީ އެގޮތުން ފާހަގަކުރާ ފުރަތަމަ ދަނޑުވެރިންގެ ދުވަހެވެ. ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު 16 އެކެވެ.

ގައުމީ ދަނޑުވެރިންގެ ދުވަހާއި މި އަހަރުގެ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަސް ކަނޑޫދޫގައި ފާހަގަކުރުމަށް ނިންމެވިކަން ރައީސް ސޯލިހު އިއުލާންކުރެއްވީ މިދިޔަ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ކަނޑޫދުއަށް ކުރެއްވި ޒިޔާރާތުގައި އެރަށުގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ ރައީސް ސޯލިހު އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 15 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ރީހާން ވިދާޅުވީ، ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ގިނަ ތައްޔާރީތައް ވެފައިވާ ކަމަށެވެ. އެގޮތުން ރަށުތެރެ ޒީނަތްތެރިކުރުމާއި މެހެމާންދާރީ އަދާކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން ނިންމާލާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް "ވަން" އަށް މިއަދު ވިދާޅުވީ ރައީސް، ކަނޑޫދުއަށް ވަޑައިގަންނަވަން އަދި ރަސްމީކޮށް ނިންމަވާފައިނުވާ ކަމަށެވެ.

"އަދި އޮތީ ރައީސް ވަޑައިގަންނަވާ ގޮތަށް. ފަހަރެއްގައި ބަދަލެއް އަތުވެދާނެ،" ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގައި އެރަށުގައި ފުޑް ސެކިއުރިޓީ ހަރަކާތްތަކާއި ޕާޓިގޭޝަން ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެއެވެ. އެއަށްފަހު އެ ދުވަހުގެ ހަވީރު ކާބޯތަކެތީގެ މައުރަޒެއް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ކަނޑޫދޫގައި ބާއްވާ ރަސްމީ ޖަލްސާގައިވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ޖަލްސާއަށްފަހު ރަށުގެ ރައްޔިތުންގެ ފަރާތުން ރައީސަށް ދެއްވާ ޖާފަތެއް އޮންނާނެއެވެ.