ނޫސްވެރިކަމުގެ އެވޯޑު އުސޫލާ އެއްގޮތަށް ނުދީފި ނަމަ އެމައްސަލައިގައި ދައުވާ ކުރާނެ ކަމަށް ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިނާމު ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދި މަޝްހޫރު ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާގެ ލޯފާމް "ޝުނާނާ އެންޑް ކޯޕަރޭޓް ލޯ"ގެ ފަރާތުން މީޑިއާ ކައުންސިލަށް ފޮނުވި ސިޓީއެއްގަ އެވެ.
އެ ސިޓިގައި ބުނެފައިވަނީ ނޫސްވެރިކަމުގެ އިނާމު 2020 އާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް ނޫސްވެރިންނާއި މީޑިއާތަކުން ފާހަގަކޮށް މީޑިއާ ކައުންސިލްގެ ސަމާލު ކަމަށް އެކި ގޮތް ގޮތުން ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހަތް މީޑިއާއަކުން ސޮއިކޮށް އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހެޅި ކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ހަތް މީޑިއާއަކުން ސޮއިކޮށް މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅި ސަބަބަކީ އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދީފައި ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައިވާތީ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލުގައި އޮންލައިން ދާއިރާއެއް ނުވަތަ ބްރޯޑުކާސްޓިން ދާއިރާއެއް ވަކިކޮށްފައި ނުވުމުން އަދި އެ އުސޫލުގެ ހަތަރު ވަނަ މާއްދާގައި އިނާމު ދެވޭ 12 ދާއިރާ މާނަ ކޮށްފައިވުމާއެކު އަދި އެ މާނަ ކުރުމުގައި ވެސް އޮންލައިން މީޑިއާތަކާއި ބްރޯޑުކާސްޓިން މީޑިއާތައް ވަކިކޮށްފައި ނުވާ އިރު އެފަދަ ތަފާތު ދެ ޕެނަލެއް މެދުވެރިކޮށް އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށާއި ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް މާކްސްދީ ނަތީޖާތައް އެއްކޮށްލައި އެ ހުރިހާ ނޫސްވެރިންގެ މެދުގައި ވަނަތައް ދިނުމަކީ އުސޫލާ ހިލާފު ކަމެއް ކަމަށް ގާނޫނީ ޓީމުން ފޮނުވި ސިޓީގައިވެ އެވެ.
މީގެއިތުރުން ވަކި ނޫސްވެރިންގެ ހައްގަށް އުނިކަން ލިބޭތީ މިކަމާ ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލު ކުރުމުގައި މީޑިއާ ކައުންސިލުން އެއްބާރުލުން ދީ މިއަދު ލޯފާމަށް ޖަވާބު ނުދޭ ނަމަ، ލޯފާމުން ތަމްސީލު ކުރާ ނޫސްވެރިންގެ ހައްގުގައި މީޑިއާ ކައުންސިލްގެ މައްޗަށް ދައުވާކޮށް ޝަރީއަތަށް މައްސަލަ ހުށަހަޅާނެ ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އެހެންކަމުން އުސޫލާ އެއްގޮތަށް، އެއްވެސް ނޫސްވެރިޔަކަށް ބޭއިންސާފު ލިބޭނެ ގޮތަކަށް އަމަލު ނުކުރުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ. އަދި އުސޫލާ ހިލާފަށް ކަންތައް ކުރުމަކީ އަދުލު އިންސާފުން އެއްކިބާވެގެންވާ ގޮތެއް ކަމަށްވެސް ބުނެފައިވެ އެވެ.
މިމަހުގެ 11 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ އެވޯޑު ދެނީ އުސޫލާ ހިލާފަށް ކަމަށްބުނެ ވަރަށް ގިނަ މީޑިއާތަކުގެ ވެރިންނާއި އެޑިޓަރުންނާއި އަދި ނޫސްވެރިން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު