ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ހުލާސާ ބަޔާން ދެ ފަރާތުން އިއްވުމަށްފަހު ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން ހުކުމްކުރާ ގޮތަށް ކަނޑައަޅައި މިއަދުގެ ޝަރީއަތް ނިންމާލައިފި އެވެ.
ޔާމީންގެ އިސްތިއުނާފީ މައްސަލަ ސުޕްރީމް ކޯޓުން ބަލަންފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވާއިރު، ދެ ފަރާތުން ވެސް ވަނީ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ. އިސްތިއުނާފީ ނުކުތާތަކުގެ އިތުރުން ޔާމީން ވަނީ ތިން ކަމެއް ހުށަހަޅުއްވައިފަ އެވެ.
އެއީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދެއްވުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމުގެ އިތުރުން، އާ ހެކިތަކެއް ހުށައެޅުއްވުމެވެ. މި ކަންކަމަށް ތަފުސީލީ ގޮތެއްގައި ދެ ފަރާތުން ވަނީ އިއްޔެ ވާހަކަ ދައްކައިފަ އެވެ. މިއަދު ވަނީ އެ ތިން ކަމަށް ކޯޓުން ގޮތެއް ކަނޑައަޅައިފަ އެވެ.
އެގޮތުން ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފަ އެވެ. އާ ހެކިތައް ބަލައި ނުގަތުމަށް ވެސް ވަނީ ނިންމަވާފަ އެވެ. އެހެންނަމަވެސް، ހުކުމުގައި ހިމެނޭ ޖޫރިމަނާ ފައިސާ ހޯދުން ފަސްކޮށްދިނުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެދެއްވާފައިވެ އެވެ.
އެއަށްފަހު ވަނީ ޔާމީނުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމަށް ފަހު ފުރުސަތެއް ދެއްވައި، އަޑުއެހުންތައް ނިންމަވާލައްވާފަ އެވެ. ދެން މި މައްސަލައިގައި އޮންނާނީ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ހުކުމް ކުރައްވާއިރު ދެފަރާތުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ވެސް ރިއާޔަތް ކުރައްވާނެ ކަމަށް ރިޔާސަތުން ވިދާޅުވެފަ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ކޯޓުގެ ކުރިމަތީގައި މިއޮތީ ވަރަށް ބޮޑަށް ދިރާސާކުރަން ޖެހިފައިވާ މައްސަލައަކަށް ވުމުން، މައްސަލައިގެ ހިމެނޭ ދެ ފަރާތުން ވެސް މައްސަލައިގެ ރައުޔު ތިރިކުރާއިރު އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއްވެސް ފަރާތަކުން މައްސަލައާ ގުޅިގެން ކޯޓަށް ޑޮކިއުމެންޓެއް ހުށަހަޅައިގެން ނުވާނެ ކަމަށާއި، އިތުރުކަމެއް ސާފުކުރަން ފަނޑިޔާރުންގެ ބެންޗުން ބޭނުންވާނަމަ އެކަން ކޯޓުން އަންގާނެ ކަމަށެވެ. ކޯޓު ރިސެސަށް ދާން 56 ދުވަސް އެބައޮތް ކަމަށާއި، ރިސެސަށް ދިއުމުގެ ކުރިން މައްސަލަ ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވި އެވެ.
ހުލާސާ ބަޔާން އިއްވަން ދެއްވި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ ފަރާތުން އެ މަނިކުފާނުގެ ޝަރީއަތަށް އަތްބާނާ ކަމަށެވެ. ފަނޑިޔާރުން "ނިޔާގެ މުގުރު ނަންގަވާއިރު" ވިސްނާވަޑައިގަންނަވަން ޖެހޭ ކަންކަން ހުރިކަމަށެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ޖަލު ހުކުމް ތަންފީޒު ކުރައްވާފައިވާކަން ފާހަގަކުރައްވައި ޔާމީނު ވަނީ އެމަނިކުފާނުގެ ޝުއޫރުތައް އަޑުއައްސަވައިލެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ކޯޓުން މައްސަލަ ނިންމުމުގައި ބަލަނީ ގާނޫނަށް ކަމަށާއި، ޝުއޫރުތަކާއި ޖަޒުބާތުތަކަށް ރިއާޔަތް ނުކުރައްވާނެ ކަމަށެވެ.
އެގޮތަށް ފަނޑިޔާރު ވިދާޅުވުމުން ވެސް ޔާމީން ވަނީ އެ މަނިކުފާނުގެ ހައްގުތަށް ގެއްލިފައިވާ ކަމަށާއި، އެމަނިކުފާނު ފްރޭމް ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ފްރޭމް ކުރުން ފެށިފައިވަނީ ކްރިމިނަލް ކޯޓުގެ މަރުހަލާއިން ފެށިގެންކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. މި މުޅި މައްސަލަ "މަކުނު ވާ ފުރާފައި" އޮތްކަމަށް ސިފަ ކުރައްވައި، އެ ވާތައް ސާފު ކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް އެކަންކަން ސާފުވާން ޖެހޭކަން ވިދާޅުވެ ޔާމީން އެދިވަޑައިގަތީ އެ މަނިކުފާނުގެ ޝުއޫރުތަކަށް ރިއާޔަތް ކުރުމަށްފަހު ގޮތެއް ނިންމުމަށެވެ.
ދައުލަތުން ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ، ހިޔާނާތުގެ ފައިސާ ޖަމާވެފައިވާ ޔާމީންގެ އެކައުންޓަކީ އެ މަނިކުފާނު 2015 ވަނަ އަހަރު ހުޅުވި އެކައުންޓެއް ކަމަށެވެ. އަދި އެ އެކައުންޓުގެ، އެކައުންޓު ނަމްބަރު ޔާމީން ދިނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކަމަށެވެ. އަދީބު އެކައުންޓު ނަމްބަރު ދިނީ އިޝްފާގަށް ކަމަށެވެ. އިޝްފާގަކީ ހިޔާނާތުގެ ފައިސާ ބަހަން ބޭނުން ކުރި އެސްއޯއެފް ކުންފުނީގެ މަސްލަހަތު ހިމެނޭ މީހެއް ކަމަށެވެ.
އެކައުންޓަށް ޖަމާވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ނޫންކަމަށް ޔާމީން ވިދާޅުވިޔަސް އެ މަނިކުފާނަކީ އޭރު ވިޔަފާރިއެއް ކުރުމުގެ ހުއްދަ ލިބިދޭ މަގާމެއްގައި ހުރި ބޭފުޅެއް ނޫން ކަމަށް ދައުލަތުން ވިދާޅުވި އެވެ. އަދި ޔާމީން ހުންނެވި މަގާމުގެ ސަބަބުން އޭރު އެމަނިކުފާނު ހަދިޔާ ބަލައިގަތުން ވެސް މަނާވާނެ ކަމަށާއި، ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ ގަބޫލުކުރުން ވެސް މަނާ ވާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ފަންޑުގެ ގޮތުގައި ހަދިޔާ ކުރެވޭނެ ފައިސާގެ އަދަދު އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ. އެސްއޯއެފުން ޖަމާކުރީ އެ އަދަދަށްވުރެ އެތައް ގުނައެއް އިތުރު އަދަދެއް ކަމަށެވެ. އެހެންކަމުން އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރީ ހަލާލު ނުވަތަ ހެޔޮއެދޭ މީހަކު ދިން ފައިސާ ނޫންކަން އެނގޭ ކަމަށެވެ.
އިތުރަށް ދައުލަތުން ވިދާޅުވީ، ޔާމީންގެ ފަރާތުން ގާނޫނު މާނަކުރަން އެދޭ ގޮތަށް މާނަކޮށްފިނަމަ އެކަމުގެ ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ މަތީ މަގާމެއްގެ ބޭފުޅަކު ރިޝްވަތުގެ ފައިސާ ގަބޫލުކުރުމަށްފަހު އެއީ ހެޔޮއެދޭ ފަރާތަކުން ދިން ހަދިޔާއެއް ކަމަށް ވިދާޅުވުމުން އެ މީހެއްގެ މައްޗަށް ތަހުގީގު ހިންގައި ޝަރީއަތް ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން ދައުލަތުން އެދުނީ ޔާމީނަށް އިއްވާފައިވާ ހުކުމް ދެމެހެއްޓުމަށެވެ.