މުނިފޫހިފިލުވުން

އާރްޔަން ހާން އާ ދެކޮޅަށް ގިނަ ހެކިތަކެއް އެބަހުރި: އެންސީބީ

ބޮލީވުޑް ސުޕަސްޓާ ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން އާދިއްތަ ދުވަހު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިރު، މިމައްސަލައިގައި އާރްޔަން އާ ދެކޮޅަށް ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށް ޝަރީއަތުގެ އަޑުއެހުމުގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބުނެފިއެވެ.

އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސް އާރްޔަން ހާންގެ އިތުރުން މުންމުން ދަމޭޗާ އަދި އަރްބާޒް މާޗަންޓު ބަންދުކޮށްފައިވަނީ ކްރޫޒް ޝިޕެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާގައެވެ.

އެންސީބީން ވަނީ އެ ކްރޫޒު ޝިޕުން ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގަނެ ހައްޔަރުކުރި އަށް މީހުންގެ ތެރެއިން އާރްޔަން، މުންމުން އަދި އަރްބާޒް ގެ އަޑުއެއެހުމެއް މިއަދު ވަނީ ކުރިއަށް ގޮންގޮސްފައެވެ. ކޯޓުން މި ތިން މީހުން ބަންދުގައި ބޭތިއްބުމަށް މުއްދަތު ފުރަތަމަ ޖަހާފައިވަނީ ހޯމަ ދުވަހުގެ ނިޔަލަށެވެ. އެންސީބީ އިން މުއްދަތު އޮކްޓޫބަރު 11 އާ ހަމައަށް އިތުރުކޮށްދިނުމަށް އެދިފައިވީ ނަމަވެސް ކޯޓުން މުއްދަތު އިތުރުކޮށްދީފައިވަނީ އޮކްޓޫބަރު 7 އާ ހަމައަށެވެ. އާރްޔަން، މުންމުން އަދި އަރްބާޒްގެ މައްޗަށް ވަނީ މަސްތުވާތަކެތި ބޭނުން ކޮށް ވިޔަފާރިކުރާކަމުގެ ދައުވާ ކޮށްފައެވެ. އަދި ހައްޔަރުކޮށްފައި ތިބި ބާކީ 5 މީހުންގެ މައްޗަށް ވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާކޮށްފައެވެ.

އެންސީބީން ވަނީ އާރްޔަންހާންގެ ވަޓްސްއެޕް ޗެޓުލޮގުތަކުގައި ކޯޑުން ވާހަކަ ދައްކާފައިވާކަން ސަމާލުކަމަށް ގެނެސްފައެވެ. އަދި ދައްކާފައިވާ ވާހަކަތަކުން މި ތިން މީހުންގެ މެދުގައި ބައިނަލްއަގުވާމީ ފަރާތްތަކާއެކު ޑްރަގް ޓްރެފިކްކުރާކަމުގެ ވާހަކަތަކެއް ދެކެވިފައިވާ ކަމަށް އެންސީބީން ތުހުމަތު ކުރެއެވެ. ތަފާތު ކޯޑުތައް ދީގެން ޑްރަގަށް ނިސްބަތް ކޮށް އެއަށް ފައިސާ ދައްކާނެ ގޮތްތަކުގެ މުއާމަލާތްތައް ކޮށްފައިވާ ކަން އާރްޔަން ހާންގެ ޗެޓްލޮގުން ސާބިތު ވާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. އެންސީބީން އިތުރަށް ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅުން ހުރި ޑްރަގް ސަޕްލައި ކުރާ މީހަކު މުމްބާއީގެ ޖޫހޫ އިން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.