ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަށް ބަލައިނުގަތުމަށް ސުޕްރީމް ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރެއްވީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.
އިއްޔެ ބޭއްވި އިސްތިއުނާފީ ޝަރީއަތުގައި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އާ ހެކިތަކެއް ހުށަހެޅިއެވެ. ސުޕްރީމް ކޯޓަށް އެ ހެކިތަށް ހުށަހެޅީ ދަށު ކޯޓުތަކުން ހެކި ހުށަހަޅަން ފުރުސަތު ނުދިން ކަމަށް ބުނެއެވެ.
ޔާމީންގެ ފަރާތުން އިއްޔެ ހުށަހެޅި ހެކިތަކަކީ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު އިސްމާއިލާއި މުހައްމަދު ޝާހިދެވެ. އެ ދެ މީހުން ހެކީގެ ގޮތުގައި ހުށަހެޅީ ޔާމީންގެ ފައިސާ, ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުގައި ހުންނާނެކަން ސާބިތުކުރުމަށެވެ. މީގެ އިތުރުން އަދީބުގެ ޕްރެސް ކޮންފަރެސްއަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލެޓާހެޑުގައި އޮތް ސިޓީއެއްވެސް ހުށަހެޅިއެވެ.
ނަމަވެސް އެ ހެކިތައް ބަލައި ނުގަނެވޭނެ ކަމަށް އިއްޔެގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ބުނެފައެވެ. ދައުލަތުން ބުނެފައި ވަނީ، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ހުއްދައާއެކު އިތުރު ހެކިތައް ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް އާ ހެކި ހުށަހެޅޭނެ ހާލަތްތަކާއި ޝަރުތުތައް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްގައި ބަޔާންކޮށްފައިވާ އިރު، އާ ހެކި ހުށަހެޅޭނީ އިސްތިސްނާ ހާލަތްތަކެއްގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުންޏެވެ.
އަދި އިސްތިސްނާ ހާލަތުގައިވެސް ހެކި ހުށަހަޅާ އިރު، ފުރިހަމަވާންޖެހޭ ތިން އުންސުރެއް ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެއްވެސް އުންސުރެއް ހަމަނުވާ ނަމަ، އެ ހެއްކެއް ބަލައި ނުގަނެވޭނެ ކަން އެ ގަޒިއްޔާގައި ނިންމަވާފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.
ހެކިތަކާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިއްވެވި ރައުޔުގައި ވިދާޅުވީ، ޔާމީންގެ ފަރާތުން ހުށަހެޅ ހެކިންނަކީ ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ދެ ހެކިން ކަމަށެވެ. އެހެންވެ, މަތީ ކޯޓަށް އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށާއި އަދި ސުޕްރީމް ކޯޓުން އާ ހެކި ބަލައިގަންނަނީ ވަރަށް މަދު ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއީ "ނަން އެވައިވެލިޓީ' އުންސުރު ފުރިހަމަ ނުވާ ހެކިތަކެއް ކަމަށް ވިދާޅުވިއެވެ.
އެ ރައުޔަށް ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހުއްމަދު އިބްރާހީމްވެސް ވަނީ ތާއީދު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު