މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރެއްވީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި ކަފާލާތުގެ މައްސަލައިގެ އަޑުއެހުންތަށް އިއްޔެ ނިންމާލާފައިވާ އިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރައުޔުގައި ވިދާޅުވީ، ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލެވެން ނެތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެގޮތަށް ދެކެވަޑައިގަންނަވަނީ ހަމަހަމަކަމާއި އިންސާފުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށާއި އަދި ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ކަފާލާތުގެ ދަށުން ދޫކޮށްލުމަކީ އަސާސީ ހައްގެއްގޮތުގައި ބެލެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ހުކުމް ފަސްކޮށް ދިނުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގެ ރައުޔުވެސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިއްވެވިއެވެ. ފަނޑިޔާރު މަހާޒު ވިދާޅުވީ، ކުރިމިނަލް ކޯޓުން ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރާނެ ތަނެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހުއްމަދު އިބްރާހީމްވެސް ވަނީ ތާއީދުކުރައްވައިފައެވެ.