ކ. ކާށިދޫން ފަސް މީހުންނާއެކު ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް އަޑިޔަށް ދިއުމުގެ ސަބަބުން އެ ދޯނިން ދަތުރުކުރި އެންމެން ކަނޑުވެފައި ތިއްބައި ސަލާމަތް ކޮށްފި އެވެ.

ކޯސްޓްގާޑުން މައުލޫމާތު ދިން ގޮތުގައި މި ފަސް މީހުންގެ ހާލު ވެސް ރަނގަޅެވެ.

އެމްއެންޑީއެފުން ބުނީ ‏ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން ހަތަރު ނޯޓިކަލް މޭލު ބޭރުން އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރު ކަމަށްވެސް ބުންޏެވެ.

‏ފަސް މީހުންނާ އެކު އަޑިއަށް ގޮސްފައިވަނީ "ވައިވިލާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި މި ދޯނި އަޑިއަށްދިޔަ ކަމަށް ބެލެވޭ ސަރަހައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވަމުން އަންނައިރު، އެ ދޯނިން ދަތުރު ކުރި މީހުން މިއަދު 8:30 ހާއިރު ކޯސްޓްގާޑަށް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މި ފަސްމީހުން މިހާރު ކާށިދޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ