ދުނިޔެ

ޗައިނާއާ ހަވާލުކޮށްގެން ހެދި އިސްލާމްއާބާދު އެއާޕޯޓް ހެދުމުގައި ކޮރަޕްޝަން

ޗައިނާ ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި, ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ ހަވާލުކޮށްގެން ހެދި ޕާކިސްތާނުގެ އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓް ހެދުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލަތަކެއް ބަލަން ފަށައިފިއެވެ.

ޕާކިސްތާނުގެ ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯ އަދި ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީން ވަކިވަކިން އެ މައްސަލަ ތަހުގީގު ކުރަން ފެށީ, އެއާޕޯޓުގެ ކޮންސްޓްރަކްޝަންގައި ގިނަ މައްސަލަތަކެއް ހުރިކަން އެގައުމުގައި ވެރިކަން ކުރަމުން އަންނަ ޕާކިސްތާން ތަހްރީކް އީ އިންސާފު (ޕީޓީއައި)ގެ ސެނެޓާ މުހްސިން އަޒީޒް ފާހަގަކޮށްފައި ވަނިކޮށެވެ.

އަދި އެފަދަ މައްސަލަތަކެއް އުޅޭކަން އޭވިއޭޝަން މިނިސްޓަރު ގުލާމް ސަރްވާރް ހާންވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއާޕޯޓްގެ މައި އަދި ކާގޯ އިމާރާތުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ދެ އިމާރާތަކީ ޕާކިސްތާނުގައި ކުރިން ވެރިކަން ކުރި ޕާކިސްތާން މުސްލިމު ލީގް އެން (ޕީއެމްއެލް-އެން)ގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކެކެވެ.

"އެއާޕޯޓް ހެދުމުގައި ގިނަ ގޯސްތަކެއް ވަނީ ފާހަގަކުރެވިފައި. އަދި އެއީ ކޮރަޕްޝަންގެ ދިގު ވާހަކައެއް," އެއާޕޯޓުގެ ދެވަނަ ރަންވޭގައިވެސް މައްސަލަތަކެއް ހުރިކަމަށާއި އެތަންތަން އަލުން މަރާމާތުކުރަން ޖެހިފައިވާކަން ފާހަގަކޮށް ގުލާމް ސަރްވާރް ހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްލާމްއާބާދު އެއާޕޯޓް ހެދުމަށް 18 ފަރާތަކުން ޕެކޭޖުތައް ހުށަހެޅި ނަމަވެސް ކުރީ ސަރުކާރުން އެ މަސައްކަތް ހަވާލުކުރީ އެ ސަރުކާރުން ގަޔާވާ ކޮންޓްރެކްޓަރާ ކަމަށެވެ. އަދި ކޮންޓްރެކްޓަރަށް މޮބިލައިޒޭޝަން އެލަވެންސެއްގެ ގޮތުގައި އެޑްވާންސްކޮށް އަގުގެ 50 ޕަސެންޓްވެސް ދިން ކަމަށް ވިދާޅުވިއެވެ.

ޖުމުލަ 105 ބިލިއަން ރުޕީސް ހަރަދުކޮށްގެން ހެދި އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ 2007 ވަނަ އަހަރެވެ. އަދި އެ އެއާޕޯޓު ނިމުނީ 2018 ވަނަ އަހަރެވެ. އެއާޕޯޓް ހުޅުވިތާ އަހަރެއް ނުވަނީސް ބައެއް ހިސާބުތަކުން ސީލިންގު ވެއްޓި, ފެންބޮޑުވެ, ނަޖިސް އެރުން ފަދަ ގިނަ މައްސަލަތަކެއް ފެންނަން ފެށިއެވެ.