ޖަޕާނުގެ ބޮޑުވަޒީރުގެ މަގާމަށް ފުމިއޯ ކިޝިޑާ އިންތިހާބު ވެއްޖެއެވެ.
މިދިޔަ ހަފުތާގައި ކިޝިޑާއަށް ބޮޑުވަޒީރުކަމުގެ މަގާމު ކަށަވަރުކުރެވިފައިވީނަމަވެސް، އެމަގާމަށް ރަސްމީކޮށް އިއްޔެ އިންތިހާބުވެގެން ގޮސްފައިވަނީ މަޖިލީހުގެ ތަޅުމުގައެވެ. ކިޝިޑާގެ ބޮޑުވަޒީރުކަމުގައި މަޖިލިސް އުވާލުމަށްފަހު އަލުން އިންތިހާބެއް މިމަހުގެ 31 ގައި ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
މިހާރު ބޮޑުވަޒީރު ކަމުން ދުރަށް ޖެހިވަޑައިގަންނަވާ ޔޮޝިހިޑެ ސުގާ އެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު 70 ޕަސެންޓު ތާއީދު ލިބިވަޑައިގެންނެވި އެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި ރަނގަޅު ފިޔަވަޅުތަކެއް އެޅިފައި ނުވާ ކަމަށް ގަބޫލުކުރެވި، ތާއީދު ބޮޑުތަނުން ދަށަށް ގޮސް ސަރުކާރު ހިންގާ ޕާޓީ އެލްޑީޕީގެ ލީޑަރުކަމުން ދުރަށް ޖެހިވަޑައިގަތުމަށް މަޖުބޫރު ވިއެވެ.
ކުރީގެ ހާރިޖީ ވަޒީރުކަން ކުރެއްވި އުމުރުން 64 އަހަރުގެ ކިޝިޑާ އެލްޑީޕީގެ ލީޑަރު ކަމަށް ހޮވިވަޑައިގެންނެވީ އެހެން ބައެއް ބޭފުޅުންނާ ވެސް ވާދަކުރައްވައިގެންނެވެ. އެލްޑީޕީގެ ލީޑަރަކަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް ބޮޑުވަޒީރުކަމުގެ މަގާމު ކަށަވަރުކުރެވެނީ މަޖިލީހުގައި އެލްޑީޕީގެ މެޖޯރިޓީ އޮންނާތީއެވެ.
ޖަޕާނުގެ ހަބަރުތައް ގެނެސްދޭ އެންއެޗްކޭ އިން ރިޕޯޓުކޮށްފައިވާގޮތުގައި އޮކްޓޫބަރު 14 ވަނަ ދުވަހު މަޖިލިސް އުވާލުމަށް ކިޝިޑާ ވަނީ ނިންމަވައިފައެވެ.
މިހާރު ބޮޑުވަޒީރުކަމުން ދުރަށް ޖެހިވަޑައިގަންނަވާ ޔޮޝިހިޑެ ސުގާގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 20 މެންބަރުންގެ ތެރެއިން ދެ މެންބަރަކު ފިޔަވައި އެހެނިހެން މެންބަރުން ބަދަލުކުރެއްވުމަށް ކިޝިޑާ ނިންމަވާފައިވާކަމުގައިވެސް ޖަޕާނުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ