ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙަޔާތްޕުޅުގެ އެންމެ ޚާއްޞަ އެއްކަމަކީ އެމާތް ޙަޔާތްޕުޅު ދެބަޔަކަށް ބައިކުރެވިފައި ނުވާކަމެވެ. އާދެ، މިޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ، އެމާތް ސާހިބާގެ ދިރިއުޅުއްވުން ޕްރައިވެޓް ލައިފަކަށާއި ޕަބްލިކް ލައިފަކަށް ބައިކުރެވިފައެއް ނުވެއެވެ. އެމާތް ސާހިބާ ބޭރުތެރޭގައި އުޅުއްވި އިޖްތިމާޢީ ދިރިއުޅުއްވުން ތާރީޚުގެ އަލިކަމުގެ ތެރެޔަށް އައިސްފައިވާ ފަދައިން އެމާތް ސާހިބާ އަމިއްލަފުޅު ގެކޮޅުގައި އަހުލުބައިތުންނާ އެކުގައި އުޅުއްވި ޢާއިލީ ދިރިއުޅުއްވުމާއި އަމިއްލަފުޅު ޒާތީ ޙަޔާތްޕުޅުވެސް ވަނީ ތާރީޚުގެ ޞަފުޙާތަކުގައި ރެކޯޑު ކުރެވިފައެވެ. ކުޑަވެސް ވަންހަނާކަމެއްނެތިއެވެ. އެދެދާއިރާގައިވެސްވަނީ ހައިރާންވެ އަންތަރީސްވާފަދަ އެއްގޮތްކަމެކެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާގެ "ގެކޮޅުތެރޭގެ" ދިރިއުޅުއްވުމުގެ އެއްވެސްކަމެއް އެއްވެސްވަރަކަށް ފޮރުއްވާކަށެއް ދުވަހަކުވެސް މަސައްކަތްޕުޅެއް ނުކުރައްވައެވެ. އަދި ކީއްތޯއެވެ. ގެކޮޅުގެ އަހުލުވެރީންނަށާއި ޚާދިމުންނަށާއި ގެކޮޅަށް ވެދެވަޑައިގެން އުޅުއްވާ ގާތް ބޭފުޅުންނަށް އިރުޝާދު ދެއްވަމުން ގެންދެވީ އެމާތް ސާހިބާގެ ފުށުން ފެނިވަޑައިގަންނަވާ ކޮންމެ މަންޒަރެއް ޢާއްމުކުރެއްވުމަށެވެ. އެމާތް ސާހިބާ ދައްކަވަނިކޮށް އަޑުއިވިވަޑައިގެންނެވި ކޮންމެ ވާހަކަފުޅެއްގެ ވާހަކަ މީހުންގާތު ވިދާޅުވުމަށެވެ. އެމާތް ސާހިބާ އުޅުއްވަނިކޮށް ފެނިވަޑައިގެންނެވި ކޮންމެ ގޮތްކޮޅެއްގެ ވާހަކަވެސް، މީހުންނަށް ވިދާޅުވެދެއްވުމަށެވެ. ކުޑަވެސް ފަސްޖެހިވަޑައިގެންނެވުމަކާ ނުލައެވެ.

މީހެއްގެ ގޭގެތެރޭގެ ދިރިއުޅުމަކީ އެމީހެއްގެ ޙަޔާތުގެ އެންމެ ފުރިހަމަ ތަސްވީރެވެ. މީހަކު އެހެންމީހުނާއެކު މުޖުތަމަޢުގެ ތެރޭގައި އުޅޭއިރު މާތްކަމާއި ހެޔޮލަފާކަމާއި މުރުއްވަތްތެރިކަމުގެ "ފޮށައެއް ލައިގެން" އުޅެވިދާނެއެވެ. އެމީހެއްގެ އަސްލު ޝަޚުޞިއްޔަތާ ތަފާތު ރޫފަރޫފައިގައި މީހުންނަށް ދެއްކިދާނެއެވެ. އެކަމަކު ގޭގެ އަހުލުވެރީންނާއި ޢާއިލާގެ މެންބަރުން އަނދިރީގައި ބައިތިއްބުމުގައި އެކަކަށްވެސް ކާމިޔާބެއް ނުހޯދޭނެއެވެ. އެމީހެއްގެ ޝަޚުޞިއްޔަތުގައި ހުރިނަމަ ހުރި ރަނގަޅުކަމަކާއި އައިބެއް ހުންނާނީ ގޭގެ އަހުލުވެރީންގެ ލޯމަތީގައި ހާމަޔަށެވެ. އެހެންކަމުން މީހެއްގެ ރަނގަޅު ނުރަނގަޅާއި ހެޔޮނުބަޔާއި، މާތް ނުމާތްކަން އެންމެ ފުރިހަމައަށް ބަލައިލެވޭނެ ދުރުމީއަކީ އެމީހެއްގެ ގޭތެރޭގެ ދިރިއުޅުމެވެ. އެހެންމީހުންގެ ކުރިމަތީގައި ތަޤުވާވެރިކަމާއި ޚުލުޤު ހެޔޮކަމާއި ދީންވެރިކަމާއި ތަވާޟުޢުވެރިކަމަށް ގޮވައިލާ މީހާގެ ކިބައިގައި ޙަޤީޤަތުގައި އެކަންކަންހުރީ ކިހައިވަރަކަށްކަން ވަޒަންކުރެވޭނީ ގޭގެ އަހުލުވެރީންނަށެވެ. އަނބިދަރީންނަށެވެ. އޭނާ މުޖުތަމަޢަށް ގޮވައިލާ ކަންކަމަށް ޚުދު އޭނާ ޢަމަލުކުރަނީ ކިހައިވަރަކަށް ކަމާއި އަނބިދަރީންގެ ކިބައިގައި އެކަންކަން އަށަގަންނުވަނީ ކިހައިވަރަކަށްކަން ބަލައިލެވޭނީ އެމީހެއްގެ ގޭތެރެއިންނެވެ. އޭނާގެ ސާދާކަމާއި، ފުއްދުންތެރިކަމާއި އިޚުލާޞްތެރިކަމާއި އިންސާނީ ހަމްދަރުދީއާއި، ރައްބާނީވަންތަކަން ދެނެގަނެވޭނީ ގޭތެރެއިންނެވެ. ފަރަންސޭސިވިލާތުގެ މަޝްހޫރު ފިލޯސަފަރު މިސްޓަރ ވޯލްޓަރ (1694-1778މ) އެއްވެސްމީހަކު އެމީހެއްގެ ގާތްމީހުންގެ ތެރޭގައި ބަޠަލަކަށް ނުވާނެކަމުގައި ވިދާޅުވަނީ އެހެންވެގެންނެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ސީރަތުގެ މައްޗަށް އަޅުގަނޑުމެން މިމޭރުމުން ބަލައި ވިސްނައިލާއިރުވެސް އެމާތް ސާހިބާ ހުންނެވީ ފުރިހަމަކަމުގެ އިންތިހާގައެވެ. އެހެން އެއްވެސް އިންސާނަކަށް ހާސިލު ނުވެވޭފަދަ އުސްމިނަކަށް އަރައިވަޑައިގެން ބޮންތި އަތުލައްވައިގެންނެވެ. އަނބީންނަކީ ތިމާގެ ފިރިމީހާގެ ސިއްރުތަކުގެ އަމީނުންނެވެ. ޢާއްމުކޮށް ފިރިމީހާގެ އައިބުތައް ފޮރުވާ މީހުންނެވެ. އެކަމަކު ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަނބިއަނބިކަނބަލުންނަކީ މިދެންނެވި ޢާއްމު އުސޫލާ ތަފާތު އިސްތިސްނާއެކެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަނބިއަނބިކަނބަލުންވަނީ އެމާތް ސާހިބާގެ ކޮންމެ މުޢާމަލާއެއް އެބޭކަނބަލުންގެ ހަނދުމަފުޅުގައި ރައްކާކުރައްވައިފައެވެ. އިތުރު ސާހިބާގެ އިޒުނަފުޅާއެކު އެކަންކަން އުންމަތަށް ވިދާޅުވެދެއްވައިފައެވެ. ނުހަނު ތެދުވެރިކަމާ އެކުގައެވެ. އަމާނަތްތެރިކަމާ އެކުގައެވެ. ކުޑަވެސް ފޮރުއްވެވުމެއް ނެތިއެވެ. ވަންހަނާކުރެއްވުމެއް އެހެންކަމުން އިތުރު ސާހިބާގެ ޙަޔާތްޕުޅުގެ ނުހަނު ކަވި ކުދިކުދި ކަންކަމުން ފެށިގެން އެކިއެކި ޢާއިލީ މައްސަލަތަކަށް ދަންދެން ވަނީ އުންމަތުގެ ކުރިމަތީގައި ހާމަޔަށް ފެންނާށެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ބޭރުތެރޭގައި އެމާތް ސާހިބާގެ ޞަޙާބީންގެ މެދުގައި އުޅުއްވާއިރު އެކިއެކި ކަންކަން ކުރައްވާގޮތުގެ ތަފްސީލު އަޅުގަނޑުމެންނަށް އޮޅުންފިލާ ފަދައިން އެމާތް ސާހިބާ އެހެންމީހުނާ ވަކީން އެކަހެރިވެވަޑައިގެން ޚަލްވަތުގައި އެމާތް ސާހިބާގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކައުކަނބަލުންނާއެކު ދިރިއުޅުއްވި ގޮތްކޮޅުގެ ތަފްސީލުތައްވެސް އުންމަތަށް އޮޅުންފިލާން އެބައޮތެވެ. އަޅުގަނޑުމެންގެ ބޭރުތެރޭގެ ދިރިއުޅުމެކޭ އެއްފަދައިން ގޭތެރޭގެ ދިރިއުޅުމުގައިވެސް އެމާތް ސާހިބާގެ ޙަޔާތްޕުޅުން ނަމޫނާ ހޯދޭން އެބައޮތެވެ. (ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ) އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ފިޔަވައި އެހެން އެއްވެސް އިންސާނެއްގެ ސަވާނިޙުގެ ދެފުށް މިހައިފުރިހަމަޔަށް ތާރީޚުގެ އަލިކަމުގެ ތެރެޔަށް އައިސްފައެއް ނުވެއެވެ.

"ރަޙުމަތުގެ ނަބިއްޔާ އަމިއްލަފުޅު ގެކޮޅުގައި" މި މައިގަނޑު ނަމުގައި ލިޔާ މަޒުމޫނެއްގައި އެންމެފުރަތަމަވެސް އެގެކޮޅު ނުވަތަ ގެކޮޅުތަކުގެ މައްޗަށް އެއްޗެއް ދަންނަވައިލުމަކީ ބޭނުން ކަމެއްކަމުގައި ދެކެމެވެ. ޚާއްޞަ ގޮތެއްގައި މިކަން ފާހަގަކޮށްލަންޖެހުނީ އަޅުގަނޑު ޢާއްމުކޮށް ބޭނުންކުރާގޮތާ ޚިލާފަށް މިފަހަރު މި މަޒުމޫނުގައި ގެކޮޅު ބޭނުންކޮށްފައިވާތީއެވެ. أمّـهــات المــؤمـنــيــن ގެ ގެކޮޅުތަކަށް އަޅުގަނޑު ވަރަށްގިނަފަހަރު ލިޔެފައި ހުންނާނީ "ގަނޑުވަރު" މިނަމެވެ. ދިވެހި ބަހުގެ ރަދީފުގައި "ގަނޑުވަރު" މާނަކޮށްފައި އޮންނައިރު އޮންނަ ދެވަނަ މާނަޔަށް ރިޢާޔަތްކޮށެވެ. އެގޮތަށް ލިޔަން އަޅުގަނޑުގެ ޒަމީރު ހަމަޖެހެއެވެ. އެކަމަކު މިފަހަރު މިލިޔަނީ ގެކޮޅެވެ. އެއީ ކީއްވެގެންތޯއެވެ؟

ދާދިމިފަހަކަށް އައިސް އަޅުގަނޑު ލިޔާ ފޮތްތަކުގެ ފެށުމުގެ ބަސް، ޢާއިލާގެ މެމްބަރުންނާ ހިއްސާކޮށްލަމެވެ. ބައެއްފަހަރު މައިގަނޑު ނަންތައްވެސްމެއެވެ. ޢާއިލާގެ މެމްބަރުންގެ ތެރޭގައި ލިޔުންތެރިކަމުގެ ޚިޔާލު އަށަގެންނެވުމަށްޓަކައެވެ. އެގޮތުން "ރަޙުމަތުގެ ނަބިއްޔާ އަމިއްލަފުޅު ގަނޑުވަރުގައި" މި މައިގަނޑު ނަން، ޢާއިލާއާ ހިއްސާކުރުމުން އެއްކުއްޖަކު މާބޮޑަށް ބާރުއެޅީ ގެކޮޅު ލިޔުމަށެވެ. އެ ގެކޮޅުތަކަކީ ގަނޑުވަރޭ ކިޔުން އެކަށީގެންވާ ތަންތަން ކަމުގައި ޢާއްމު ޚިޔާލު ގަބޫލު ނުކުރާތީއެވެ. އެއީ ރަނގަޅު ޚިޔާލެއް ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން އަޅުގަނޑު ގަސްދުކުރަނީ އެ ގެކޮޅުތައް ހުރިގޮތުގެ ސިފަކުރުމެއްވެސް މި މަޒުމޫނުގައި ހިމަނައިލާށެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާގެ މިސްކިތްކޮޅު ބިނާކުރެއްވިއިރު މިސްކިތްކޮޅާ އިންވެގެން ކޮޓަރިކޮޅުތަކެއް ހެއްދެވިއެވެ. އިތުރު ސާހިބާގެ ޠާހިރު އަނބިއަނބިކަނބަލުންނަށްޓަކައެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم މަދީނާއަށް ގެމަށް ވަޑައިގެންނެވިއިރު ތިއްބެވީ ދެއަނބިކަނބަލުންނެވެ. أمّ المـؤمـنــيـن السّـيّدة سـودة بـنت زمـعـــة رضى اللّـه عنـهــا އާއި أمّ المـؤمـنــيـن السّـيّدة عـائـشــة صـدّيـقــة رضى اللّـه عنـهــا އާ ދެބޭކަނބަލުންނެވެ. އެހެންކަމުން މިސްކިތްކޮޅުގެ އިރުމަތީން މިސްކިތްކޮޅާ އިންވެގެން އެދެބޭކަނބަލުންނަށް ދެކޮޓަރިކޮޅު ހެއްދެވިއެވެ. އެދެކޮޓަރިކޮޅުގެ ދެމެދުގައި السّـيّدة فاطمة الــزّهــــراء رضى اللّـه عنـهــا އަށް ކޮޓަރިކޮޅެއް ހެއްދެވިއެވެ. السّـيّدة عـائـشــة رضى اللّـه عنـهــا ގެ ކޮޓަރިކޮޅުގެ މަތީގައި މަތިގެކޮޅެއް (އަޅުގަނޑު ލިޔާހިތްވަނީ ބާލުޚާނާ) ވެސް ހެއްދެވިއެވެ. އިތުރު ސާހިބާ ބައެއްފަހަރު ބޭނުންކުރައްވަނީ އެ ބާލުޚާނާއެވެ. އަނބިކަނބަލަކު އިތުރުވެއްޖެނަމަ ކޮޓަރިކޮޅެއް އިތުރުކުރައްވަމުން ގެންދެވިއެވެ. އެގޮތުން މިސްކިތްކޮޅުގެ އިރުމަތީން ޖާގަ ހުސްވުމުން އުތުރު ފަރާތާއި ދެކުނު ފަރާތުގައިވެސް ކޮޓަރިކޮޅު ހެއްދެވިއެވެ.

އެހުރިހައި ކޮޓަރިކޮޅުތަކަކީވެސް ދާދިއެއްގޮތަކަށް އެއްފެންވަރަކަށް ހައްދަވައިފައިހުރި ކޮޓަރިކޮޅު ތަކެކެވެ. ފާހަގަކޮށްލެވޭފަދަ ތަފާތެއް ނުހުރެއެވެ. ކޮޓަރިކޮޅެއްގެ ބޮޑުމިނަކީ، ދިގުމިނުގައި ފަނަރަ ފޫޓެވެ. ފުޅާމިނަކީ ނުވަ ފޫޓު ނުވަތަ ދިހަ ފޫޓެވެ. ކޮޓަރިކޮޅުގެ ފާރުކޮޅު ހައްދަވައިފައިހުރީ މަށީންނެވެ. ހިލަ ބޭނުންކުރައްވައިގެން ރާނުއްވައިފައެއް ނޫނެވެ. އުތުރުކަރައާއި އޮޅުދޫކަރައިގެ ވިލެޖުތަކުން އަޅުގަނޑުމެން މިދެކޭ ފަދައިންނެވެ. އެއިން ކޮޓަރިކޮޅެއްގައި ތަޅުމެއް ނޯވެއެވެ. ދޮރުކޮޅުގައި އެންމެފުރަތަމަ ހުރީ ބޯރަޖާގަނޑެއްކަހަލަ އެއްޗެއް ދަންމަވައިފައެވެ. ތަންކޮޅެއްފަހުން އަޅުގަނޑުމެން މިކިޔާ ފުޅަލި ޒާތުގެ އެއްފަޅިޔަށް ހުޅުވޭ ދޮރުފަތެއް ލެއްވިއެވެ. ފުރާޅުކޮޅަށް އަތްފޯރައެވެ. ހައްދަވައިފައިހުރީ ކަދުރު ރުކުގެ އޮށްޓާއި ފަނުންނެވެ. ފުރާޅުކޮޅުގެ މަތީގައި ހުންނަނީ މަށި ތަތްކުރައްވައިފައެވެ. ކޮޓަރިކޮޅުތަކުގެ އެތެރެޔަށް ވާރޭވެހުނަ ނުދެއްވުމަށްޓަކައެވެ. އެކޮޓަރިކޮޅުތައް ސިފަކުރުމަށްޓަކައި އެންމެ ޙަޤީޤަތާ ގާތް ބުނުމަކަށްވާނީ ޖައްސަވައިފައިހުރި ފިޔަފާޅިތަކެކޭ ދެންނެވުމެވެ. (މައުލާނާ އަބުލްކަލާމް އާޒާދު - ރަސޫލެ ރަޙުމަތު) އެހެންނަމަވެސް އަޅުގަނޑުމެން ލިޔުންތެރިންނަށް ޙުރުމަތާއި ލޯބި އެނަން ބޭނުންކުރަން ހުއްދަ ނުދެނީއެވެ. ކޮޓަރިކޮޅޭ ނުވަތަ ގަނޑުވަރޭ ލިޔަނީއެވެ.

އެއިން އެއްވެސް ކޮޓަރިކޮޅެއްގައި ގިފިއްޔެއް ނުހުރެއެވެ. ޤަޟާޙާޖަތް ކުރައްވަން ވަޑައިގަންނަވަނީ ވަލުތެރެއަށެވެ. މީހުނާ ދުރަށް ވަޑައިގެންނެވުމަށްޓަކައި ބައެއްފަހަރު ދެމޭލަށް ހިންގަވައެވެ. ދާދި މަދުފަހަރަކު މެނުވީ އެއިން ކޮޓަރިކޮޅެއްގައި ބައްތިކޮޅެއް ނުދިއްލަވައެވެ. ބައްތިކޮޅަށް އަޅުއްވާނެ ތެޔޮ ލިބިވަޑައިނުގަންނަވާތީއެވެ. أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ވިދާޅުވެފައިވެއެވެ. "އަހަރެމެންނަށް ބައްތި ތެޔޮ ލިބޭނަމަ ހައިހޫނުކަމުން ސަލާމަތްވާން އަހަރެމެން އެތެޔޮ ބޯނީއެވެ." އުނދުންކޮޅުގެ މައްޗަށް އެއްޗެއް ނުއުއްދަވައި މަސްދުވަސް ދެމަސްދުވަސް ފާއިތުވެ ހިނގައިދެއެވެ. ކޮޓަރިކޮޅުތަކުގައި ހުންނަނީ ވަރަށްމަދު ދޭސީ ސާމާނުތަކެކެވެ. އަވަހާރަފުޅު ލައްޕަވާން ހަތަރުފައިޖެހި އެނދެއް (އެނދުދާންކޮޅެއް) ހުރެއެވެ. އިތުރު ސާހިބާ އޭގެއިތުރަށް ކޮންމެ އަނބިކަނބަލަކަށްވެސް ހޯއްދަވައިދެއްވަނީ އުޑިއަކާއި ފެންއަޅުއްވާ ކަންވާރަކާއި ކަދުރު ރުކުގެ ފަންވަތް އެތެރެޔަށް ލައިފައިވާ ބާލީސްކޮޅެކެވެ. ދެން ރިކާބީއަކާއި ފެންފޮދު ހިއްޕަވާ ކަންވާރެވެ.

(ނުނިމޭ)