ރޭޕްކުރަން އުޅުމާއި ޖިންސީ ގޯނާތަކެއް ކުރުމުގެ ތުހުމަތުގައި، ދައުވާ ކުރަމުން އަންނަ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް އޮންލައިން ކޮށް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން އެޝަރީއަތުގެ އަޑުއެހުންތައް އޮންލައިން ކޮށް ކުރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައަކީ، އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ގޯނާގެ ހަތް ދައުވާގެ ޝަރީއަތުގައި، އިނގިރޭސިވިލާތުގައި ހުންވައިގެން އޮންލައިން ކޮށް އޭނާއަށް ބައިވެރި ވެވޭ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓުން ނިންމުމުން، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަ ޕީޖީން ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް އެ ކޯޓުން މި މައްސަލަ ބޭރުކޮށްލިއެވެ.
ޕީޖީ އޮފީހުން މި މައްސަލަ މަތީ ކޯޓުތަކަށް ހުށަހެޅީ ބައެއް އަޑުއެހުންތައް އޮންލައިން ކޮށް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް އޮންލައިންކޮށް އޭނާ ވެންނެވީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ހާޒިރުވެގެން ކަން ސާފު ނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
އެ މައްސަލައަށް ސުޕްރީމް ކޯޓުން އަދި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ، އަލީ ވަހީދުގެ ޝަރީއަތްތައް އޮންލައިން ކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގައި ޕީޖީގެ ފަރާތުން އެކޯޓަށް ހުށަހެޅި މައްސަލައަށް އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ މައްސަލަތަކުގެ އެއްވެސް އަޑުއެހުމެއް، އަދި ކުރިމިނަލް ކޯޓުން ބަލަމުން ގެންދާ އެނޫން މައްސަލައެއްގެ އަޑުއެހުމެއްވެސް، ދައުވާ ލިބޭ ފަރާތް ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯ އާއި ވީޑިއޯ މެދުވެރިކޮށް ކުރިއަށް ނުގެންދިއުމަށް އަންގާ ކަމަށެވެ.