އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރި ފިރިހެން މީހާގެ ރެކޯޑު ސްޕޭނުގައި ދިރިއުޅެމުން އަންނަ 112 އަހަރުގެ މީހަކަށް ލިބިއްޖެއެވެ.

ސްޕޭނުގައި ދިރިއުޅެމުން އަންނަ ސެޓުނީނޯ ޑެ ލާ ފުއަންޓޭ ގާސިއާ އަށް 10 ސެޕްޓެމްބަރު 2021 ގައި ވަނީ އުމުރުން 112 އަހަރާއި 211 ދުވަސް ހަމަވެފައެވެ.

ގީނިސް ވޯލްޑް ރެކޯޑު ފޮތަށް މިމީހާގެ ނަން އަރާފައިވާއިރު އޭނާ އުފަންވެފައިވަނީ ސްޕޭއިނުގެ ހުޅަނގު ބިތުގައި އޮންނަ ލިއޯންގެ ޕުއޭޓޯ ކާސްޓްރޯ އަށް 11 ފެބްރުއަރީ 1909 ގަ އެވެ. ނަމަވެސް އޭނާ އަބަދުވެސް އުފަންދުވަސް ފާހަގަކުރަމުން އައިސްފައިވަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ 8 ވަނަ ދުވަހު ކަމަށް އެފޮތުގައި ވަނީ ހާމަކޮށްފައެވެ.

މިމީހާގެ ދިގު އުމުރުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ އަކީ އަބަދުވެސް މަޑުމައިތިރި ދިރިއުޅުމަކަށް ލޯބިކުރާ މީހެއް ކަމަށް ވަނީ ބުނެފައެވެ.

އިސްކޮޅުގައި 4.92 ފޫޓު ހުންނަ ސެޓުނީނޯ ބުނެފައިވާ ގޮތުގައި އޭނާއަށް 1936 ވަނަ އަހަރު ސްޕޭނުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވެވިފައި ނުވަނީ އޭނާގެ ކުރު އިސްކޮޅުގެ ސަބަބުންނެވެ.

ސެޓުނީނޯ އަކީ ފުޓުބޯޅައަށް ލޯބިކުރާ މީހެކެވެ. އޭނާގެ ޒުވާންދުވަސްވަރު ފުޓުބޯޅަ ކުޅެފައިވާއިރު އޭނާ ވަނީ ޕުއެންޓޯ ކާސްޓްރޯ ކިޔާ ކުލަބެއްވެސް އުފައްދާފައެވެ. ބޮޑެތި ކުލަބުތަކަށް ބަލާއިރު އޭނާއަކީ ސްޕޭނުގެ ކަލްޗަރަލް ލެއޮނާސާގެ ބޮޑު ސަޕޯޓަރެކެވެ. މީގެ ދެ އަހަރު ކުރިން އޭނާއަށް ވަނީ ޕުއެންޓޯ ކާސްޓްރޯގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެންބަރުގެ ލަގަބު ދީފައެވެ.

ސެޓުނީނޯ އަދި އޭނާގެ އަންހެނުން އެންޓޮނީނާ ބެރިއޯ ގަޓަރޭޒް އަށް 7 އަންހެން ކުދީންނާއި ފިރިހެން ކުއްޖަކު ލިބުނު ކަމަށާއި ފިރިހެން ދަރިފުޅު ތުއްތު އިރު މަރުވިކަމުގައި އޭނާ ވަނީ ބުނެފައެވެ. ސެޓުނީނޯ އަށް 112 އަހަރު ފުރިފައިވާ އިރު އޭނާ ބަލަހައްޓަމުން އަންނަނީ އޭނާގެ އަންހެން ދަރިއަކާއި ދަރިފުޅުގެ ފިރިމީހާ އެވެ. ސެޓުނީނޯ އަށް 14 ކާފަ ދަރިން ލިބިފައިވާއިރު 22 މުނިކާފަ ދަރިން ވަނީ ލިބިފައެވެ.

ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ސްޕެެއިންގެ ކޮވިޑުގެ ހާލަތު ގޯސް ވެފައި ވުމުގެ ސަބަބުން، އާއިލާގެ ގިނަ މެންބަރުންނާ ސެޓުނީނޯއާ ބައްދަލުވެފައެއް ނުވެއެވެ. ނަމަވެސް އޭނާގެ 112 ވަނަ އުފަންދުވަސް އާއިލާގެ އެންމެން އެކުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

މިވަގުތު ދުނިޔޭގައި ދިރިހުރި އެންމެ އުމުރު ދިގު އަންހެން މީހާގެ ރެކޯޑު އޮތީ ޖަޕާނުގައި ދިރިއުޅެމުން އަންނަ 118 އަހަރުގެ ކޭން ޓަނަކާ އަތުގައެވެ.