ވިލާ އެއާ މާމިގިލި އިން އދ. މާމިގިލީގައި ހިންގާ ވައިގެ ބަނދަރު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އަލުން ހިންގަން ފަށައިފިއެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު ވިދާޅުވީ މާމިގިލީގައި ހިންގާ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށާއި ފްލައިމީން ރާއްޖޭން ބޭރަށް ދަތުރު ފަށަން ސިވިލް އޭވިޝަނުން ހުއްދަ ލިބިފައިވާ ކަމަށެވެ. އެ ހުއްދަ އެކުންފުންޏަށް ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނާޝިދު ވިދާޅުވީ ވިލާ އެއާ މާމިގިލި އިން ނިންމާފައި އޮތީ ކުރިއެކޭވެސް އެއްގޮތަށް ބައިނަލް އަގުވާމީ ދަތުރުތަކަށް ހުއްދަ ލިބުމާ އެކު އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފެށުމަށް ކަމަށެވެ.
"ދެން މާ ލަހެއް ނުވާނެ. އިރާދަކުރެއްވިއްޔާ މި ހަފުތާތެރޭގައި ވަކި ތާރީހެއް އިއުލާނު ކުރެވޭނެ ދަތުރުތައް ފެށޭނެ،" ނާޝިދު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 2013 ވަނަ އަހަރު މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުން، އެ އެއާޕޯޓް އިންޓަނޭޝަނަލް ފްލައިޓްތަކަށް ހުޅުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެކުންފުންޏަށް ދޫކުރި ހުއްދަ ބާތިލު ކުރުމުން، އެކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މާމިލީ އެއާޕޯޓު، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާއިރު އެ އެއާޕޯޓު މިހާރު އެކަމަށް ތައްޔާރުވެފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓްގެ ކެޕޭސިޓީ 200 ޕަސަންޓް އިތުރުކޮށް ލައުންޖާއި އެރައިވަލް ހޯލުވެސް ވަނީ ބޮޑުކޮށްފައެވެ.
މާމިގިލީ އެއާޕޯޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ އެއާ މާމިގިލިއިން ހިންގާ އެއާޕޯޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު