މުނިފޫހިފިލުވުން

އާމިރް ހާން އަކީ ވަރީގެ "އެކްސްޕާޓް"އެއް: ކަންގަނާ

ސައުތު އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ސަމަންތާ އަކިނެނީ އަދި ނާގާ ޗައިތަންޔާ ގެ ހަތަރު އަހަރުވީ ކައިވެނި ނިމުމަކަށް އައިސްފައިވާކަން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ.

ސައުތު އިންޑިއާގެ ކާމިޔާބު މިދެތަރިން އަންނަނީ ބޮލީވުޑް އިންޑަސްޓްރީގައި ފައިހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. މަނޯޖް ބަޗްޕާއީއާ އެކު ކުޅެފައިވާ ވެބް ސީރީސް ''ފެމިލީމޭން'' އިން ސަމަންތާ މަގުބޫލުކަން ހޯދަމުން އަންނައިރު ނާގާ ޗައިތަންޔާ ވަނީ އާމިރުހާންގެ ކުރިއަށް އޮތް ފިލްމު ލާލް ސިންގް ޗައްދާ ގައި މަސައްކަތްކޮށްފަ އެވެ.

ނާގާ އަދި ސަމަންތާ ވަރިވާން ނިންމި ހަބަރު އިއްޔެ ހިއްސާކުރުމާއެކު ގިނަ ބަޔަކު ވަނީ އެކަމާ ހިތާމަ ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ބޮލީވުޑް ތަރި ކަންގަނާގެ މެސެޖު ތަފާތެވެ.

ކަންގަނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަރީގެ ފަހަތުގައި އަބަދުވެސް އުޅެނީ ފިރިހެނުންގެ މައްސަލަ ކަމަށާއި އަދި އެއީ އިންސާނީ ތޮބީއަތް ކަމަށެވެ. ލާން ގެންގުޅޭ އަންނައުނު ފަދައިން އަންހެނުން ބަދަލުކޮށް އެއީ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށް ބުނާ ފިރިހެނުންނާއި ދުރުވާން ޖެހޭ ކަމަށްވެސް ކަންގަނާގެ މެސެޖުގައި ވަނީ ބުނެފައެވެ. ނަމަވެސް 100 އަންހެނުންގެ ތެރެއިން އެކަކު ގޯސް ވެދާނެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. މީގެ އިތުރުން ކަންގަނާ ބުނެފައިވަނީ ނާގާ އަދި ސަމަންތާގެ ހަތަރު އަހަރުގެ ކައިވެނި ނިމުމަކަށް ގެނެސްފައިވަނީ ބޮލީވުޑްގެ ވަރީގެ ''އެކްސްޕާޓް'' އާމިރު ހާން އާއި ނާގާ ގިނަ ވަގުތުތަކެއް އެކުގައި ހޭދަކޮށްފައިވާ ދުވަސްތަކަކަށް ފަހު ކަމަށެވެ. އޭނާ ތުހުމަތުކުރާގޮތުގައި ނާގާގެ މި ނިންމުމުގެ ފަހަތުގެ އާމިރު ހާންގެ ނަސޭހަތެއް އޮވެދާނެ އެވެ.

އާމިރު ހާން ވަނީ 15 އަހަރު ވަންދެން ކިރަން ރާއޯ އާ އިނދެގެން އުޅުމަށްފަހު މިއަހަރުގެ ތެރޭގައި ވަރިވެފައެވެ. އޭގެ ކުރިން އާމިރު ވަނީ ރީނާ ދައްތާ އާއެކު ކޮށްފައިވާ ކައިވެނި ނިމުމަކަށް ގެނެސްފައެވެ.

ނާގާ ޗައިތަންޔާ އާމިރު ހާންގެ ކުރިއަށް އޮތް ފިލްމު ލާލް ސިންގް ޗައްދާގައި ހަރަކާތްތެރިވެފައިވާއިރު މިއީ ނާގާ ބޮލީވުޑަށް ނުކުތުމަށް ހަމަޖެހިފައިވާ ފިލްމެވެ.