އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ސައުތުހޭމްޓަން ބަލިކޮށް، ޗެލްސީން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގެ ފަހު ދިހަ ވަރަކަށް މިނެޓު ތެރޭގައި ޗެލްސީން ފުލުފުލުގައި ދެ ގޯލު ޖެހީ ސައުތުހެމްޓަންގެ ޖޭމްސް ވާޑް ޕްރޯސްއަށް 77 ވަނަ މިނެޓުގައި ދެއްކި ރަތް ކާޑާ އެކުގައެވެ. ރަތް ކާޑު ދެއްކި އިރު، މެޗު އޮތީ 1-1 އިން އެއްވަރުވެފައެވެ. އެ ރަތް ކާޑާއެކު ޗެލްސީން މެޗު އަނބުރާލީ ޓީމޯ ވާނާއާއި ބެން ޗިލްވެލްގެ ގޯލުތަކުންނެވެ.

މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ގޯލު، އެކަޑެމީ ގްރެޖުއޭޓް ޓްރެވޯ ޗަލޯބާ ޖަހައިދިނީ ކޯނަރަކަށް ކުރިއަށް އަރައި، ބޮލުންނެވެ. އެ ގޯލާއެކު ކުޅެމުން ގޮސް، ޗެލްސީން ފުރަތަމަ ހާފުގައި އިތުރު ބޯޅައެއް ގޯލަށް ވައްދާލައި، ވާނާ އުފާފާޅުކުރި ނަމަވެސް، ރެފްރީ ނިންމީ ވާނާ އެބޯޅަ ގޯލަށް ވައްދާލުމުގެ ކުރިން ޗެލްސީގެ ކުޅުންތެރިޔަކު ފައުލް ކުރި ކަމަށެވެ. އެ ނިންމުން ރެފްރީ ނިންމީ ވީއޭއާރުގެ އެހީގައެވެ.

ދާދި ހަމަހަމަ ކުޅުމެއް ކުޅެމުން ގޮސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ވާޑް ޕްރޯސް ޖެހި ގޯލާއެކު ސައުތުހޭމްޓަންއިން ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލާއެކު މެޗުން ޕޮއިންޓެއް ހޯދަން ސައުތުހޭމްޓަންއިން ފުރުސަތު ފަހި ކުރި ނަމަވެސް އެޓީމަށް މާޔޫސްކަން ކުރިމަތިވީ ވާޑް ޕްރޯސްއަށް ދެއްކި ރަތް ކާޑާ އެކުގައެވެ.

އެ ރަތް ކާޑާއެކު މެޗުގެ އޮއިވަރު ބަދަލުވެ، ޗެލްސީން ކުރިއަށް ޖެހިލައި އެޓޭކަކަށްފަހު އެޓޭކެއް ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ވާނާގެ ގޯލަކާއެކު ޗެލްސީން އަލުން ލީޑު ނަގައި، ޗިލްވެލްގެ ގޯލަކާއެކު ޗެލްސީން ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ. ފޯމު ރަނގަޅު ކުރުމަށް ވާނާއަށް މިރޭގެ ގޯލު މުހިންމު ވާނެ ކަމަށް ބެލެވެއެވެ.

ޗެލްސީން މިރޭގެ މެޗުގައި ހޯދި މޮޅަކީ ޖެހިޖެހިގެން ދެ މެޗުން ބަލިވުމަށްފަހު ހޯދި މޮޅެކެވެ. ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެންމެފަހުން ކުޅުނު މެޗާއި މިދިޔަ ހަފުތާގައި ޔުވެންޓަސްއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ޗެލްސީން ކުޅުނު މެޗުން ބަލިވީ ހަނި ތަފާތަކުންނެވެ.

މެޗުން މޮޅުވެ ޗެލްސީ އެއްވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުން މާދަމާ ރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އަނެއްކާވެސް އެއްވަނައަށް އަރާނެއެވެ. ސިޓީ މިވަގުތު އޮތީ ހަވަނައިގައެވެ.