ދުނިޔެ

ޓްރާންސް ޕެސިފިކް ވިޔަފާރީގެ އެއްބަސްވުމުގައި ޓައިވާނުން ބައިވެރިވާން އުޅޭތީ ޗައިނާއިން ހުރަސްއަޅަނީ

ދުނިޔޭގެ 11 ގައުމެއްގެ ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުން، ޓްރާންސް ޕެސިފިކް ޕާޓްނާޝިޕް (ޓީޕީޕީ)ގައި ޓައިވާނުން ބައިވެރިވާން އުޅޭތީ، އެކަމަށް ޗައިނާއިން ހުރަސް އަޅަން ފަށައިފިއެވެ.

ޗައިނާ އިން ދެކެނީ ޓައިވާނަކީ އެ ގައުމުން ވަކިވެފައިވާ ޕްރޮވިންސެއްގެ ގޮތުގައެވެ. ނަމަވެސް ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއްގެ ގޮތުގައެވެ. އަދި ޓައިވާނުން ކުރަމުންދާ ބައެއް ކަންކަމަށް ޗައިނާއިން ދަނީ ހުރަސް އަޅައި، ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

ޗައިނާ ކެބިނެޓުގައި ހިމެނޭ ޓައިވާންގެ ކަންކަމާ ބެހޭ އޮފީހުގެ ތަރުޖަމާން ވިދާޅުވީ، ރަސްމީ އެއްވެސް ހައިސިއްޔަތަކުން ޓައިވާނުން ބައިވެރިވާ ވިޔަފާރީގެ އެއްބަސްވުންތަކާއި ސޮއިކުރާ ވިޔަފާރީގެ އެއްބަސްވުންތަކަށް ޗައިނާއިން ދެކޮޅު ހަދާނެ ކަމަށެވެ.

ޗައިނާއިން މިހެން ބުނެފައި މިވަނީ، ޓީޕީޕީގައި ބައިވެރިވުމަށް އެދިފައިވާ ކަމަށް ޓައިވާނުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ބުނެފައިވާތީއެވެ. އަދި އެ އެއްބަސްވުމުގައި ބައިވެރިވުމަށް އޭގެ ހަފުތާއެއް ކުރިން ޗައިނާއިންވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ ހަތަރު އަހަރުކުރިން އުފެއްދި ޓީޕީީޕީގައި ހިމެނޭ ގައުމުތަކަކީ އޮސްޓްރޭލިއާ، ކެނެޑާ، ޖަޕާން، މެކްސިކޯ، ޕެރޫ، ސިންގަޕޫރު، ބުރުނާއީ، މެލޭޝިއާ، ޕެރޫ، ވިއެޓްނާމް އަދި ނިއު ޒިލެންޑެވެ. އެ އެއްބަސްވުމުގައި 2016 ވަނަ އަހަރު އެމެރިކާއިންވެސް ސޮއިކުރިއެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެ އެއްބަސްވުމުން ނުކުމެފައެވެ.

ޔޫރަޕިއަން ޔޫނިއަން އިން ނުކުތުމަށްފަހު އިނގިރޭސި ވިލާތުންވެސް ވަނީ އެ އެއްބަސްވުމުގައި ބައިވެރިވުމަށް މަޝްވަރާތައް ކުރަމުންނެވެ.