ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ނައިބު ރައީސްގެ މަގާމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް އިންތިހާބުކޮށްފިއެވެ.
އެމްއާރުއެމްގެ ފުރަތަމަ ކޮންވެންޝަން މިއަދު ބޭއްވި އިރު، ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ޝަޒައިލްގެ އިތުރުން ދެން ވާދަކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއެވެ. އެ މަގާމަށް ޝަޒައިލް އިންތިހާބުވީ ވޯޓުލީ މީހުންގެ 58 ޕަސެންޓް ލިބިގެންނެވެ. އެއީ 62 ވޯޓެވެ. ޝިމާޒަށް ލިބިވަޑައިގަތީ 44 ވޯޓެވެ.
ކޮންގުރެސްގައި އިންތިހާބަކާ ނުލައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވަނީ ހޮވިފައެވެ. މައުމޫން ހޮވިވަޑައިގަތީ ޕާޓީގެ ޒައީމްކަމުގެ މަގާމަށެވެ. ރައީސް ކަމަށް ފާރިސް ހޮވި އިރު، ނާދިރާއަކީ ޕާޓީގެ އަންހެން ނައިބު ރައީސެވެ.
އަންހެނުންގެ ކައުންސިލުގެ ރައީސްކަމަށް އިންތިހާބުވީ އާރިޒާ ރަޝީދެވެ. އަދި ނައިބް ރައީސްކަމަށް އިންތިހާބުވީ ހައްވާ އިއްފަތެވެ. ޒުވާނުންގެ ކައުންސިލުގެ ރައީސްކަމަށް އިންތިހާބުވީ އިބްރާހިމް ފަރުހާދެވެ. އަދި ޒުވާނުންގެ ކައުންސިލްގެ ނައިބަކަށް އިންތިހާބުވީ އާމިނަތު ރިފްގާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު