އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކު ކޮށްލައި، ސެކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް ވަންނަން މީހަކު މަސައްކަތްކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތް، އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވާ ގެކޮޅުގައި ހަރުކޮށްފައި ހުރި ސީސީޓީވީތައް ހަލާކުކޮށް އެ ގެކޮޅަށް ވަންނަން މަސައްކަތް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާއި ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ގެ ކޮޅަށް ވަންނަން މީހަކު މަސައްކަތް ކުރި މައްސަލައިގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށް ބަޔާނެއް ނެރެފަ އެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތް، އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނޭ ގޮތަށް އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވާނޭ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ގާނޫނުން ލާޒިމުކޮށްފައިވީ ނަމަވެސް އަދިވެސް ދިރިއުޅުއްވަމުން ގެންދަވަނި އާއިލީ ގެކޮޅުގައި ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ، އުއްތަމަ ފަނޑިޔާރު މުއުތަސިމަށް ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުމަށް އެ ޕާޓީން ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު