އުމުރުން ދުވަސްވީ މީހުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބާގައި ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ދުވަސްވީ މީހުންނަށް ހުރި ފުރުސަތުތަކާއި ދިމާވާ ގޮންޖެހުންތަކާ މެދު ވާހަކަ ދައްކައި އެކަންތައްތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.

ދުނިޔޭގައި މައުލޫމާތު ހޯދުމަށާއި އާއިލީ ގުޅުންތައް ގާއިމު ކުރުމުގައިވެސް ޑިޖިޓަލް ވަސީލަތްތައް މިހާރު މުހިންމުވެފައިވާ ކަމަށާއި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް މިފަދަ ވަސީލަތްތަކަށް ފަސޭހައިން ވާސިލުކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި އަހުލުވެރިކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ޖެންޑާއިން ބުންޏެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ގައުމަށާއި މުޖުތަމައަށް އެތައް ގިނަގުނަ ހިދުމަތްތަކެއްކޮށް، ތަފާތު ތަޖުރިބާތައް ލިބިފައިވާ ފަރާތްތަކެއްކަން ފާހަގަކޮށް ޖެންޑާއިން ބުނީ، ގައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ މަޝްވަރާ އާއި ހިޔާލަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.

ޖެންޑާއިން އިތުރަށް ބުނީ އުމުރުން ދުވަސްވީ ފަރާތްތައް ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރި ކުރުމަށް އާއިލާތަކުންނާއި ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމައުގެ ތެރޭގައި ހާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ޖެންޑާއިން ބުންޏެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް ރާއްޖޭގައިވެސް ތަފާތު ނަފުސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބެމުން ދާކަން ފާހަގަކޮށް ޖެންޑާއިން ބުނީ، އެއީ އެ މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަަށެވެ.