ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ ގައިދީން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށައިފި

އައިޝަތު ނިއުޝާ

ޖަލުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މަސްތުވާތަކެތި ބޭނުން ކުރާ ގައިދީން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ އެންމެ މުހިންމު މަސައްކަތަކަށް ވާން ޖެހޭނީ ގައިދީން ރިހެބިިލިޓޭޓްކޮށް އަލުން އަނބުރާ މުޖުތަމައަށް ނެރުން ކަމަށާއި އެކަމުގައި ވަރަށް ގިނަ އަދި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކާ ކުރިމަތިލައި، ޖަލުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޖަލުތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ ގައިދީން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތްތައް ކުރަމުން އައިސް އިރާދަކުރެއްވިއްޔާ މި އޮކްޓޯބަރު އެކެއް (މިއަދު) ގައި ޖަލުގައި ޑްރަގް ރިހިބިލޭޓަން މަސައްކަތް ފެށުމަށްޓަކައި ޑިޓޮކްސިންގެ މަސައްކަތް ފެށޭނެ. މިހާރު ވާނީ އެކަމަށްޓަކައި ހާއްސަ ޔުނިޓެއް ގާއިމުކޮށްފައި. އެ ޔުނިޓްގެ ސިފަތައް ފުރިހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޑިޓޮކްސް ކުރުމަށްފަހުގައި ރިހެބިލިޓޭޝަންގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެކަމަށް ހާއްސަ މަރުކަޒެއް ގާއިމުކުރާނެ ކަމަށެވެ. އަދި އެކަމަށްޓަކައި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަމަށް ހާއްސަ އޮފިސަރުން ކަނޑައަޅައި، ތަމްރީނު ކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

"2010 ގައި މަސްތުވާތަކެތީގެ ގާނޫނު އައި ފަހުން، އެ ގާނޫނުގައި އެބަ ބުނޭ ޖަލުގެ ތެރޭގައިވެސް ޑްރަގް ރިހިބިލިޓޭޓް ކުރެވޭނެ ވާހަކަ. ދެން އެކަން ކުރަން އަޅުގަނޑުމެން ފެށީމައިވެސް، އަޅުގަނޑުގެން ފުރަތަމަ ކުރަން މި ޖެހެނީ ޕްރިޒަން އޮފިސާސްގެ މަސައްކަތުގެ އޮނިގަނޑުގެ ބަދުލުކުރާ ހަމައިން. އެކަމަަށް ހާއްސަކުރެވޭ އިމާރާތެއް ހޯދުމާ ހަމައިން. އެކަން ހިންގާނެ އޮފިސާސް ޓްރެއިން ކުރުމާއި ހަމައިން. މިއީ މަސައްކަތް ތަރުތީބު ކުރަން ޖެހިފައި އޮތް ގޮތް. އެކަމަށް އެއްވެސް ކަމެއް ކުރިން ނުވެ އޮތީމައި ދެން ޖެހޭނީ އެހިސާބުންތާ ފަށަން." މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން އެންމެ ވަރުގަދަކޮށް އަދި އެންމެ ފުރިހަމައަށް ނުކުތުމަށްޓަކައި އެމީހަކު ގަބޫލުކުރާ ދީނެއްގެ އަގީދާ އެ މީހަކު ސާފުކޮށް ގަބޫލުކޮށްގެން ހުރުން މުހިންމު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.