(27 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
އަހަރެން ދެންނެވީމެވެ. "އެކަލޭގެފާނު ދުވަހަކު އިތުރުފުޅެއް ހެއްދެވިކަމަށް ދަންނަވައި އަޅުގަނޑުމެންނަކަށް އެކަލޭގެފާނުގެ އިސްތަށިފުޅުގައި އިލްޒާމެއް އެޅުވޭކަށެއް ނެތެވެ." أبــوسفيــان ވިދާޅުވެފައިވެއެވެ. އެކަލޭގެފާނާ ބެހޭގޮތުން އަގުދަށްކުރުމުގެ ވާހަކައެއް ދައްކަން އަހަންނަށް ފުރުސަތު ލިބުނީ ހަމަ އެންމެ ސުވާލަކާ ގުޅިގެންނެވެ. އެސުވާލަކީ ހިރަގުލް ސުވާލު ކުރެއްވިއެވެ. "އެކަލޭގެފާނު ވަޢުދާ ޚިލާފުވެވަޑައިގަންނަވާ ހެއްޔެވެ؟" އަހަރެން ދެންނެވީމެވެ. "މިހާތަނަށް އެކަލޭގެފާނު ދުވަހަކު ވަޢުދަކާ ޚިލާފުވެވަޑައިގެންފައެއް ނުވެއެވެ. އެކަމަކު މިހާރު އަޅުގަނޑުމެންނާ އެކަލޭގެފާނާ ދެމެދުގައިވަނީ ވަކިމުއްދަތަކަށް ޞުލްޙައިގެ އެއްބަސްވުމެއް އެއްބަސްވެވިފައެވެ. އެމުއްދަތާ ހަމައަށް ކަންވާނެގޮތެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ފަހަރެއްގައި އެކަލޭގެފާނު ޢަހުދާ ޚިލާފުވެވަޑައިގެންވެސްފާނެއެވެ." މާތް اللّـه ގަންދެމެވެ. އަހަރެންގެ އެވާހަކައަށްވެސް ހިގަރުލް އެއްވެސް ސަމާލުކަމެއް ނުދެއްވިއެވެ. (سـيّــد جـلال الـدّيــن عـمــرى)
އަނެއްކާ އެހެން ރޮނގަކުންވެސް ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޝަޚުޞިއްޔަތު ވަޒަންކޮށްލަމާ ހިންގަވާށެވެ. ޝައްކެއްނެތެވެ. އިންސާނަކާ ބެހޭގޮތުން އެންމެ ފުރިހަމަޔަށް މަޢުލޫމާތު އެނގޭނީ އެމީހެއްގެ ތިބި އެންމެ ގާތް ބަޔަކަށެވެ. އެމީހަކަށް ދިމާވާ ތުރާތަކާއި ދަތިކަމުގެ ތެރޭގައި އެމީހަކާ އެންމެ އެކުގައި އުޅޭ ބަޔަކަށެވެ. ޢާއްމު ޙާލަތުގައި މީހަކު މުޖުތަމަޢުގެ ތެރެޔަށް ނުކުމެ އުޅޭއިރު އެމީހަކަށް މޫނު އަލިކޮށްގެން އުޅެވިދާނެއެވެ. ރީތިކޮށް ހެދުންއަޅައި ނިވާވެލައިގެން އުޅެވިދާނެއެވެ. ވަރަށް ހެޔޮލަފާ، ޚުލުޤު ހެޔޮ، ދީންވެރި، އުފާވެރި މިޒާޖެއްގެ މީހަކު ކަމުގައި ހެދިގެން ބޭރުފުށުން ހިނިމޫނު ދެއްކިދާނެއެވެ. އެކުއުޅެން ފަސޭހަ މީހަކަށް ހެދިގެން އުޅެވިދާނެއެވެ. އެކަމަކު އޭނާއަށް ތަފާތު ގޮންޖެހުންތަކާއި ދަތި އުނދަގޫތަކާއި ފިކުރު ބޮޑުވުންތަކާ ކުރިމަތިލާން ޖެހުމުން، އޭނާ ކޮށްގެންހުންނަ ހުރިހާ ގިރިޓީއެއް ފިލައިދެއެވެ. ޠަބީޢަތުގައި އޭނާގެ ހުރިގޮތެއް ފާޅުވެދެއެވެ. އެފަދަ ވަގުތުތަކުގައި އޭނާގެ ޝަޚުޞިއްޔަތު ފެންނާނީ އޭނާގެ ގޭގެ އަހުލުވެރީންނަށެވެ.
ފަރަންސޭސިވިލާތުގެ ފިލޯސަފަރު ވޯލްޓަރ (1694-1778) އިންސާނުންގެ މިދެންނެވި ފިޠުރީ ބަލިކަށިކަމާ ގުޅުވައިގެން ވިދާޅުވެފައިވެއެވެ. "އެއްވެސްމީހަކު އެމީހެއްގެ ގާތްމީހުންގެ ތެރޭގައި ހީރޯއަކަށް (ބަޠަލަކަށް) ނުވެއެވެ." އެކަމަކު ޢިލްމުވެރީން ވިދާޅުވާގޮތުގައި (ސޫރަން ސްމިތު) ފިލޯސަފަރު ވޯލްޓަރގެ ބަސްފުޅަކީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އާ ނިސްބަތްކުރާއިރު ތެދު ވާހަކައެއް ނޫނެވެ. އެހެނީ ތާރީޚުން ސާބިތުވާ ގޮތުގައި މީހަކު އިތުރު ސާހިބާއާ ގުޅުން ބޮޑުވި ވަރަކަށް އެމީހަކު އިތުރު ސާހިބާ ދެކެވާ ލޯބި ވަނީ އިތުރެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙަޔާތްޕުޅުގެ އެންމެ ނާޒުކު މަރުޙަލާތަކުގައި އެމާތް ސާހިބާއަށް އެންމެ މަތިވެރި ތާއީދެއް ލިބިވަޑައިގެންފައިވަނީ އެމާތް ސާހިބާގެ ގެކޮޅުގެ ތެރެއިންނެވެ. އަހުލުވެރީންގެ ފަރާތްޕުޅުންނެވެ.
* * * * * * *
ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙަޔާތްޕުޅުން ސާޅީސް އަހަރުފުޅު ފުރިހަމަވެއްޖެއެވެ. އަރަހުށި މާތް اللّـه އެމާތް ސާހިބާ ރަސޫލުކަމުގެ މަގާމަށް ޢައްޔަން ކުރައްވައިފިއެވެ. އިތުރު ސާހިބާ އިންނެވީ މައްކާގެ ކައިރީގައި ހުންނަ ފަރުބަދައެއް ކަމުގައިވާ ހިރާ ފަރުބަދައިގެ ހޮހަޅައިގައެވެ. އަޅުކަމުގައި މަޝްޣޫލުވެވަޑައިގެންނެވެ. جـبـريــل عليـه السّــلام އިތުރު ސާހިބާގެ އަރިހަށް ވަޑައިގެން އެންމެފުރަތަމަ ވަޙީގެ އާޔަތްތައް ވިދާޅުވެދެއްވައިފިއެވެ. އިތުރު ސާހިބާގެ ހިތްޕުޅުގައި އެ އާޔަތްތައް ބިންވަޅު ނެގިއްޖެއެވެ. އެއީ ކީރިތި ޤުރްއާން ބާވައިލެއްވުމުގެ ފެށުމެވެ. މާތް اللّـه ގެ މަލާއިކަތާ ދެކެވަޑައިގެންނެވުމާއި މާތް اللّـه ގެ ވަޙީ ބާވައިގެންނެވުމުގެ ފެށުމެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް އެކަންތައްވީ މުޅިން އައު ތަޖުރިބާއެއް ކަމުގައެވެ. އެހެންކަމުން އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ހިތްޕުޅުގައި ފިޠުރީގޮތުން ކަންބޮޑުވެވަޑައިގެންނެވުމަކާއި ޖެހިލުންވެވަޑައިގެންނެވުމެއް އުފެދުނެވެ. ނަތީޖާއެއްގެގޮތުން ހުންފުޅުގެ އަސަރު ހަށިކޮޅަށް ވެރިވިއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަވަސްއަވަހަށް ވަޑައިގެންނެވީ އެކަލޭގެފާނުގެ ގެކޮޅަށެވެ. ގެކޮޅަށް ވަޑައިގެން أمّ المـؤمـنـين السّــيّدة خـديـجــة رضـى اللّـه عنــهــا ގެ އަރިހުގައި ދުވަހުގެ ތަޖުރިބާގެ ވާހަކަ ވިދާޅުވެދެއްވިއެވެ. އެމާތް ސާހިބާގެ ގައިކޮޅުގައި ރަޖާކޮޅު އަޅުއްވައިދެއްވަން އެދިވަޑައިގެންނެވިއެވެ. އިތުރު ސާހިބާގެ ހިތްޕުޅަށް ކުރި ޣަރީޒީ އަސަރު ފިލައި ހަމަޖެހުން ލިބިވަޑައިގެންނެވުމުން ވިދާޅުވިއެވެ. "އަހުރެންގެ ފުރާނައާމެދު އެބަބިރުގަނެއެވެ." أمّ المـؤمـنـين ވިދާޅުވިއެވެ.
"ތިޔަހެން ހީފުޅު ނުކުރައްވާށެވެ. ކަލޭގެފާނަކީ ގާތްތިމާގެކަމުގެ ގުޅުން ވާސިލުކުރައްވާ ބޭކަލަކީމުއެވެ. މެހުމާނުންނަށް ކަމޭހިއްތަވާ ބޭކަލަކީމުއެވެ. މީހުންގެ މެދުގައި ޚިލާފު އުފެދޭ ޒާތުގެ މައްސަލަތަކުގައި ޙައްޤަށް ނަޞްރު ދެއްވާ ބޭކަލަކީމުއެވެ. އަރަހުށި މާތް اللّـه ކަލޭގެފާނު ގެއްލެނިއެއް ނުކުރައްވާނެއެވެ."
ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ސީރަތާ ބެހޭގޮތުން أمّ المـؤمـنـين السّــيّدة خـديـجــة رضـى اللّـه عنــهــا މިދެއްވި ބަޔާނަކީ އިންސާނީ ސީރަތާއި އަޚްލާޤު ދިރާސާކުރައްވާ ޢިލްމުވެރީންގެ އަރިހުގައި ވަރަށް މުހިންމު ބަޔާނެކެވެ. އެމީހެއްގެ އަނބިމީހާއަކީ އެމީހެއްގެ ހުރިހައި ސިއްރުތަކެއް އެންމެ ރަނގަޅަށް ދަންނަ މީހާއެވެ. އެމީހެއްގެ އެތެރެފުށް އެންމެބޮޑަށް ތަޖުރިބާ ކޮށްފައިވާ މީހާއެވެ. އެހެންކަމުން أمّ المـؤمـنـين ގެ ހެކިބަހަކީ އެންމެ އިތުބާރުހުރި ހެކިބަހެވެ. ކައުސާހިބާގެ ދަޢުވަތަށް އެންމެފުރަތަމަ އީމާންވެވަޑައިގެންނެވީ أمّ المـؤمـنـين السّــيّدة خـديـجــة رضـى اللّـه عنــهــا އެވެ. މިއީ އިތުރު ސާހިބާގެ ދަޢުވަތަށް ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ކާމިޔާބީއެވެ. أمّ المـؤمـنـين އާއެކުވަނީ އެކަމަނާގެ ބޭފުޅުން އިސްލާމްވެވަޑައިގެންފައެވެ. ހަމައެފަދައިން އެ ޢާއިލާގެ ފަރުދުންގެ ގޮތުގައި ތިއްބެވި عـلــى بــن أبــى طـالـب رضى اللّـه عنــه އާއި زيــد بــن حــارثــة رضى اللّـه عنــه ވެސް ވަނީ އިސްލާމްވެވަޑައިގެންފައެވެ. عـلــى بــن أبــى طـالـب رضى اللّـه عنــه އާއި زيــد بــن حــارثــة رضى اللّـه عنــه އިސްލާމްވެވަޑައިގެންނެވުމުން އެނގެނީ އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަށް އެމާތް ސާހިބާގެ ގެކޮޅުގައި ލިބިވަޑައިގެންފައިވާ ލޮބުވެތި މަގާމެވެ. މަތިވެރި ޙުރުމަތެވެ. އެމާތް ސާހިބާގެ ގެކޮޅުގެ އެންމެހައި މެންބަރުން އެމާތް ސާހިބާގެ މަތިވެރި އަމާޒާ ގުޅިވަޑައިގެން އެމާތް ސާހިބާއާ ތަބާވެވަޑައިގެންނެވުމުން އިތުރު ސާހިބާއަކީ އެމާތް ސާހިބާގެ ގެކޮޅުގެ އަހުލުވެރީންގެ އަރިހުގައިވެސް ހީރޯއެއްކަމުގެ ސާބިތު ހެކި ލިބެއެވެ. މިއީ މުގުރައިނުލެވޭނެ ހެތްކެކެވެ. މި މައުޟޫޢުގައި ވާހަކަ ދައްކާއިރު زيــد بــن حــارثــة رضى اللّـه عنــه ގެ ޙަޔާތްޕުޅުގެ ވާހަކަވެސް ވަރަށް މުހިންމެވެ. މިތާނގައި އަޅުގަނޑު އެވާހަކަ ދޫކޮށްލަނީއެވެ. އަޅުގަނޑު ލިޔެފައިވާ "މިތުރު ޞަޙާބީން" އެއްވަނަ ބަޔާއި ތަރުޖަމާކޮށްފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" އެއްވަނަ ބައިގައި ތަފްސީލުކޮށް އެވާހަކަތައް ލިޔެފައިވާތީއެވެ. އިތުރަށް ފަށްފަށް ނުކުރުމަށްޓަކައެވެ. ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެ ދެފޮތް ބެއްލެވުން އެދެމެވެ.
ނަބީބޭކަލުންގެ ސުންނަތަކީ އެބޭކަލުންގެ ދަޢުވަތާ ވިދިގެން އިންސާނުންގެ ކިބައިން އެއްވެސްކަހަލަ ބަދަލަކަށް އެދިވަޑައިނުގެންނެވުމެވެ. އެއްވެސް އުޖޫރަޔަކަށް އެދިވަޑައި ނުގެންނެވުމެވެ. މަގާމަކަށްވެސް ޝައުޤުވެރިވެވަޑައި ނުގެންނެވުމެވެ. އެބޭކަލުންގެ އަމިއްލަ ޒާތުފުޅަށްޓަކައި ނުވަތަ ޢާއިލާއަށްޓަކައި އެއްވެސް މަސައްކަތްޕުޅެއް ނުކުރެއްވުމެވެ. އެފަދަ އެއްވެސް ރޭއްވެވުމެއް ނުގެންގުޅުއްވުމެވެ. އެބޭކަލުން ވިދާޅުވަމުން ގެންދެވީ އެބޭކަލުން ދަޢުވަތު ދެއްވާ މީހުންގެ ފަރާތުން އުޖޫރައެއް ބޭނުންފުޅު ނޫންކަމުގައެވެ. އެބޭކަލުންނަށް އަޖުރު (ދަރުމަ) ދެއްވަނީ އަރަހުށި މާތް اللّـه سبحـانــه وتـعــالــى ކަމުގައެވެ.
ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާގެ އަމިއްލަފުޅު ހަށިކޮޅަށްޓަކައިވެސް އަދި އެމާތް ސާހިބާގެ އަހުލުއިޔާލުންނަށްޓަކައިވެސް އެއްވެސް މަޝްރޫޢެއް ނުރާއްވަވައެވެ. އެމާތް ސާހިބާގެ ދުނިޔަވީ ޢިއްޒަތަކަށް ޖާހަކަށް ނުބައްލަވައެވެ. އެމާތް ސާހިބާގެ ވެރިކަމުގެ ދަށަށް ދިހަލައްކަ އަކަމޭލުގެ ބޮޑު ސަރަޙައްދެއް ގެންނެވުމަށްފަހުވެސް ދިރިއުޅުއްވުމުގެ ފެންވަރެއްކަމުގައި ހިފެހެއްޓެވީ އެމާތް ސާހިބާގެ ޙަޔާތްޕުޅުގެ އެންމެ ދަތިފުޅު ދުވަސްވަރުގެވެސް ދިރިއުޅުއްވުމުގެ ފެންވަރެވެ. ސަރުކާރުގެ އެހެނިހެން ވަސީލަތްތައް ބޭނުންކުރެއްވުމުން އެއްކިބާވެވަޑައިގެންނެވި ފަދައިން ޒަކާތާއި ޞަދަޤާތްފަދަ ޢާއްމު އެހީތެރިކަމުގެ ވަސީލަތްތަކުންވެސް އެމާތް ސާހިބާއާއި އެމާތް ސާހިބާގެ އަހުލުއިޔާލުން ވަނީ މަޙްރޫމު ކުރައްވައިފައެވެ. އެމާތް ސާހިބާގެ އަހުލުއިޔާލުންނަށްޓަކައި ހަރުމުދަލެއްވެސް ތަރިކައެއްވެސް ދުލެއް ނުކުރައްވައެވެ. ޙަދީޘްކުރައްވައިފައިވަނީ ނަބީބޭކަލުން ފަހަށް ދޫކުރައްވާ ކޮންމެ އެއްޗަކީ ޞަދަޤާތެއް ކަމުގައެވެ. ސުވަރުގެ ވަޑައިގެންނެވުމުގެ އާލާސްކަންފުޅާ ހަމަޔަށް އަތްޕުޅުގައިހުރި މަދު ދީނާރުކޮޅުވެސް ސުވަރުގެ ވަޑައިގެންނެވުމުގެ އެއްދުވަސް ކުރީން ވަނީ ބައްސަވައިލައްވައިފައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙަޔާތްޕުޅުގެ މި ނަމޫނާއަށް ދުނިޔެ ތަބާވާނަމަ ހުއްދަނޫން ފައިދާ ހޯދުމާއި ރިޝްވަތު ހިފުމާއި ވަޒީފާ ނެތުމާއި ބޭއިންސާފު ދުނިޔެއިން ނެތިގެން ހިނގައްޖައީސްކަން ކަށަވަރެވެ. ދައުލަތުގެ އެންމެ އިސްވެރިޔާ އަވަހާރަފުޅު ލައްޕަވަނީ އެތެރެޔަށް ކިފުޅިލީ ބާލީސްކޮޅެއްގައި އިސްތަށިފުޅު އަޅުއްވައިގެން ސަޓައެއްގެ މަތީގައި ކަމުގައި ވާނަމަ ވެރިޔަކު މުދާ އެއްކޮށް ބެންކު ބާކީ ބޮޑުކުރާކަށް ޝައުޤުވެރިއެއް ނުވީހެވެ. ދޮރުވާނަކުވެސް ފާރަވެރިޔަކުނެތި ބޭނުން މީހަކަށް ފައިންޕުޅު ފެންނަ ކަމުގައިވާނަމަ އިންސާފު ނުލިބިގެން މީހުން އުޅޭކަށެއް ނުޖެހުނީހެވެ. ޑޮކްޓަރ އެމް. އަޖުމަލު ފާރޫޤީ ދެން އަޅުގަނޑު އަލިއަޅުވައިލާނީ މިވާހަކަތަކަށް ހެކިދެއްވާ ބައެއް ހެކީންގެ ވާހަކަފުޅުތަކުގެ މައްޗަށެވެ. މުސްލިމުންނެއް ނޫނެވެ. އޮރިއެންޓަލިސްޓުންނެވެ.
"އެކަލޭގެފާނުގެ ގެކޮޅަކީ އާދައިގެ މީހުންގެ އަދި ކީއްހެއްޔެވެ. ދަށުފަންތީގެ މީހުންގެ ގެދޮރާ އެއްފެންވަރެއްގެ ގެކޮޅެކެވެ. އެކަލޭގެފާނުގެ ޢާއްމު ފަރީއްކޮޅަކީ ފަލަގޮދަނުގެ ހިކިރޮއްޓާއި ފެނެވެ. އެކަލޭގެފާނުގެ ބަދިގެކޮޅުގެ އުނދުން ރޯނުކޮށް އެތައް މައްސަރުތަކެއް ފާއިތުވުމަކީ އާދައެކެވެ. އެކަމަކު އެކަލޭގެފާނަށް މީހުން ބޯލަނބައި ކިޔަމަންވާ ވަރަކަށް ތޫނުފިލި ޝަހެންޝާހަކަށްވެސް މީހުން ކިޔަމަނެއް ނުވެއެވެ. އެކަލޭގެފާނު ހުންނަވަނީ އަމިއްލަ އަތްޕުޅުން ފައްސަވައިފައިވާ އަބާކޮޅު ތުރުކުރައްވައިގެންނެވެ.
"محمّد ގެފާނަށް ދުނިޔަވީ އާރާއި ބާރުގެ އެންމެ މަތީދަރަޖަ ލިބިވަޑައިގެންނެވިއެވެ. ނަމަވެސް محمّد ގެފާނުގެ (صلّــى اللّـه عليـه وسلّـم) ނަފުސުގެ މާތްކަމަކަށް ބަދަލެއް ނާދެއެވެ. ޝާހީ ޢިއްޒަތާއި އަބުއިކަމަކަށް ކުޑަކޮށްވެސް ޖާގައެއް ނުދެއްވައެވެ. އެއްވެސް ދެއްކުންތެރިކަމެއް ނުގެންގުޅުއްވައެވެ. ފަރީއްކުޅުއްވައި އުޅުއްވީ ޢަރަބި ސިފައިންގެ މީހެއްގެ ސާދާ ކެއުމެވެ.
"އެކަލޭގެފާނަކީ ޚުލުޤުފުޅު ހެޔޮ ބޭކަލެކެވެ. އަބަދުވެސް ހުންނަވަނީ ހިނިވަރުނަ ކުރައްވައިގެންނެވެ. އެދިގެންއައި ކޮންމެ މީހަކަށްވެސް ފައިންޕުޅު ދައްކަވައެވެ. ގިނަވަގުތު ހުންނަވަނީ ހަނުހިމޭންކަމުގައެވެ. ވިޔާނުދާ ބޭކާރު ވާހަކަތަކަށް ނަފުރަތު ކުރައްވައެވެ. ދޫފުޅު އަބަދު ތެމިފައިވަނީ މާތް اللّـه އަށް ޒިކުރު ކުރެއްވުމުންނެވެ. ޚިޔާލުފުޅު ތަނަވަހެވެ. ބުއްދިފުޅު ފުރިހަމައެވެ. މިޒާޖުފުޅުގައިވަނީ ނުހަނު އިންސާފުވެރި ގޮތްކޮޅެކެވެ. އުފާފުޅުވަނީ ފަގީރުންނާއި ނިކަމެތީންނާއެކު ހުންނަވާއިރުއެވެ. އަތްމަތިދަތި ފަގީރުންނަށް އެބައިމީހުންގެ ހައިސިއްޔަތެއް ނެތްކަމާހުރެ ނިކަމެތިކޮށެއް ނުހިއްތަވައެވެ. ރަސްރަސްކަލުންނަކީ އެބޭފުޅުންގެ ރަސްކަމާހުރެ މާމަތިވެރި ބަޔަކުކަމަކަށް ދެކެވަޑައެއް ނުގަންނަވައެވެ."
"އެކަލޭގެފާނަށް ނުހަނު މަތީ މަގާމާއި އާރާއި ބާރާއި ވެރިކަން ލިބިވަޑައިގެންނެވިއެވެ. އެކަމަކުވެސް އެކަލޭގެފާނު ދިރިއުޅުއްވި ގޮތްކޮޅަކަށް ބަދަލެއް ނުގެންނަވައެވެ. ކުރީގެ ފަރީއްކޮޅެވެ. ކުރީންވެސް އަޅުއްވާ ހެދުންކޮޅު އެޅުއްވުމެވެ. އެ ޚުލުޤުފުޅާއި އާދަފުޅުތަކެވެ. އެއީ ކަންބޮޑުވެވަޑައިގެންނެވުމާއި ހައިސިއްޔަތެއް ލިބިވަޑައިނުގެން ހުންނެވިއިރުވެސް ގެންގުޅުއްވި ގޮތްކޮޅެވެ. ޝާހީ ޢިއްޒަތާއި ފުރަމާނަކަން އެއްކިބައިގައި އޮއްވައި ޖަލްސާއަކުން އެކަލޭގެފާނަށް ޚާއްޞަ ގޮތްކޮޅެއް ބެހެއްޓުނުކަމުގައިވިޔަސް އެކަމާ ހިތްޕުޅާ ހަމައެއް ނުކުރައްވައެވެ."
އަޅުގަނޑުމެންގެ ލޮބުވެތި ޙަބީބުގެ ސީރަތު އެއްކޮޅުން އަނެއްކޮޅަށް ވިދާޅުވާށެވެ. އެމާތް ސާހިބާއަށްޓަކައި އެއްވެސް އެއްޗެއް ރައްކާކުރައްވައި ޚަޒާނާކުރެއްވި ވާހަކައެއް ފެނިވަޑައެއް ނުގަންނަވާނެއެވެ. އެމާތް ސާހިބާ ހުރިހާ ބުރައެއް އުފުއްލެވީ އިންސާނިއްޔަތުގެ ލާބަޔަށްޓަކައެވެ. އިންސާނުންނަށް ތަޢުލީމާއި ތަރުބިޔަތު ދެއްވައި އެއުރެން ޠާހިރުކުރެއްވުމަށްޓަކައެވެ. އިންސާނުންނަށް ދުނިޔޭގެ ހެވާއި އާޚިރަތުގެ ކާމިޔާބީ ހޯއްދަވައިދެއްވުމަށްޓަކައެވެ. އެމާތް ސާހިބާ صلّــى اللّـه عليـه وسلّـم ނުހަނު ލޯބިފުޅުން ވިދާޅުވެ އުޅުއްވިއެވެ. އުންމަތަށްޓަކައި ތިމަންކަލޭގެފާނުގެ މިސާލަކީ ޅަދަރީންތަކެއްގެ ބައްޕައެއްގެ މިސާލެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ދުނިޔެއިން ހާސިލުކުރެއްވީ ކޮންއެއްޗެއްތޯއެވެ؟ އެމާތް ސާހިބާ ސުވަރުގެ ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ދަހަނާކޮޅު އޮތީ އަހުލުބައިތުންގެ ޚަރަދުބަރަދަށްޓަކައި ޔަހޫދީއެއްގެ އަތުން ދަރަންޏަށް އެތިކޮޅެއް ނެންގެވުމަށްޓަކައި ރަހުނު ކުރައްވައިފައެވެ. އެމާތް ސާހިބާ ޤުރުބާންވެވަޑައިގެންނެވީ އިންސާނުންގެ ހެވާއި ލާބަޔަށްޓަކައެވެ. ޚުދު އަރަހުށި މާތް اللّـه سبحـانــه وتـعــالــى ވަޙީކުރައްވައިފައިވެއެވެ.
"އެއުރެން މުއުމިނުންކަމުގައި ނުވުމުން (އެކަމުގެ ހިތާމަފުޅުގައި ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލައްވަނީތޯއެވެ؟" (އެބަހީ: އެހެން ނަހައްދަވާށެވެ) (الشّعراء: 2)
ހިތާމައިގެ ކޮޅެއްނެތެވެ. ކަންހުރީ މިހެންކަމުގައި ވުމާއެކުވެސް އިންސާނިއްޔަތުގެ މުހުސިން صلّــى اللّـه عليـه وسلّـم ގެ ނަންފުޅު ކިލަނބުކޮށްލެވޭތޯ ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި މަސައްކަތް ކުރެވޭތަން ފެންނަ ފަދައިން މިލޮބުވެތި ރާއްޖެއިންވެސް ދަނީ އެފަދަ މީހުން ފެންނަމުންނެވެ. ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ސާހިބާގެ ނަންފުޅު ހުތުރުކުރާން މަސައްކަތްކުރާ މަދުބަޔަކު ނަމަވެސް ދަނީ ފެންނަމުންނެވެ. އެމާތް ސާހިބާ އިންސާނިއްޔަތަށް އިޙުސާންތެރިވެވަޑައިގެން ކުރެއްވި މިންނެތް މަސައްކަތްޕުޅު ހަނދާން ނައްތައިލައިފައެވެ. އެފަދަ މީހުން ހަނދާންކުރަންޖެހެނީ އިރަށް ކުޅުޖެހުމުން ކުޅުބުރާނީ ޚުދު ތިމާމެންގެ މޫނުތަކަށް ކަމެވެ.
(ނިމުނީ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު