ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ބައެއް ކެޓަގަރީތަކުގެ މީހުންނަށް ތިންވަނަ ޑޯޒެއް ދިނުމަށް ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނަށާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރީންނަށް އިތުރު ވެކްސިން ޑޯޒެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާދީފައިވާ ކަމަށެވެ.
އެގޮތަށް ނިންމާފައިވަނީ ކަމާ ބެހޭގޮތުން މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށްފަހު ކަމަށާއި މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިން ކަމަށެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޯވިޑުގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަށް ވެސް އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
- 60 އަހަރުންމަތީގެ މީހުން
- ދިފާއީ ނިޒާމު ބަލިކަށި މީހުން
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން
- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން
- ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް
- އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް
މީގެ އިތުރުން ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނަށާއި އިސްކޮޅާ އަޅައި ބަލާއިރު ބަރުދަން މަތި މީހުންނަށްވެސް ވެކްސިންގެ ތިންވަނަ ޑޯޒް ދޭނެއެވެ. އަދި ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުންދާ މީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދުދީފައިވާ މީހުންނާއި ސީއޯޕީޑީ، ބްރޮންކިއެކްޓަސިސް، ސިސްޓިކް ފައިބްރޯސިސް، އިންޓަސްޓިޝިއަލް ލަންގް ޑިޒީޒް، ފަދަ ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން އަދި ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުންނަށްވެސް ތިންވަނަ ޑޯޒް ދޭނެއެވެ.
އެޗްޕީއޭއިން ބުނީ އެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ތިންވަނަ ޑޯޒް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެޗްޕީއޭއިން ވަނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުން book.hpa.gov.mv އިން އެޕޮއިންޓްމެންޓް ހެއްދުމަށް އެދިފައެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދޭނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގައި ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އަދި ވިލިމާލެ ހޮސްޕިޓަލުގައި ހެނދުނު 10:00 މެންދުރު 12:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު