ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ.
މީގެ ކުރިން ރާއްޖޭގައި މަތީ ސާނަވީގެ ތައުލީމު ކިޔަވައިދިނުން ފަށާފައި ނުވާ ހަމައެކަނި އަތޮޅަކީ ވ. އަތޮޅެވެ. ނަމަވެސް މިހާރު ވ. އަތޮޅުގައި އޭ ލެވެލްއަށް ކިޔަވައިދޭން ފަށައި، މިއަދު ވަނީ އެކަން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ފުރުސަތު ދެވޭ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން ކުރިން އޭ ލެވެލްއަށް ކިޔަވައިނުދޭ އަތޮޅުތަކުގައިވެސް މިހާރު އޭ ލެވެލްއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް މިނިސްޓަރު ކެޔޮދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެ ދަތުރުގައި މިނިސްޓަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރާއި ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރުގެ އިތުރުން މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކެޔޮދޫ ސްކޫލުގައި މިއަދު ބޭއްވި އެ ހާއްސަ ރަސްމިއްޔާތުގައި ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ގާސިމާއި ވ. އަތޮޅު ކައުންސިލުގެ ބޭފުޅުންގެ އިތުރުން ކެޔޮދޫ ކައުންސިލުގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި މިހާރު އޭ ލެވެލްއަށް ކިޔަވައިދޭ ސަރުކާރު 34 ސްކޫލެއްގައި ޖުމުލަ 1173 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު